7 އޭޕްރީލް 2024 - 13:32 3
ލީވާން އަލީ ނާސިރު
7 އޭޕްރީލް 2024 - 13:32 3
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު މާލޭގައި ހުންނަ އެލީޓް މެޑިކަލް ސެންޓާ (އީއެމްސީ) ގައި ބަލި މީހުން ބަލާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ޑރ. ޔާސިރަކީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު 27 އަށް ވުރެ ގިނަ އަހަރުވެފައިވާއިރު، އޭނާ ހާއްސަ ސަމާލުކަމެއް ދެނީ ޑަޔަބެޓޮލޮޖީ، ތައިރޮއިޑް ބަލި، ރިއުމެޓޮލޮޖީ އަދި އިންފެކްޝަސް ޑިޒީސްއަށެވެ.
އީއެމްސީއިން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ޑރ. ޔާސިރު މި ހަފްތާގެ އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަލިމީހުން ބައްލަވާނެ ކަމަށާއި، ޔާސިރު ބަލިމީހުން ބައްލަވަނީ ވިޒިޓިން ޑޮކްޓަރެއް ގޮތުގައި ކަމަށެވެ.
މިކަމާ ގުޅިގެން ޑރ. ޔާސިރު "އަދަދު" އަށް ވިދާޅުވީ ނުރަސްމީ ގަޑީގައި އިތުރު މަސައްކަތް ކުރުމުގެ އިހުތިޔާރު އޭނާއަށް ލިބޭ ކަމަށާއި، އެގޮތުން އީއެމްސީގައި ބަލި މީހުން ބައްލަވަނީ އުޖޫރައެއް ލިބޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑު ބަލިމީހުން ބަލަމުން މިދަނީ ނުރަސްމީ ގަޑީގައި އަދި ޗުއްޓީގައި. ޗުއްޓީގައި ނޫނިއްޔާ ނުބަލަން," ޔާސިރު ވިދާޅުވި އެވެ.
ފުރުސަތު ލިބިއްޖެނަމަ އައްޑޫ ސިޓީގައި ވެސް ނުރަސްމީ ގަޑީގައި ބަލި މީހުން ބައްލަވަން ބޭނުންވާކަން ފާހަގަކުރައްވާ ޔާސިރު ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ގައި މާލެ އައިސް ބަލިމީހުން ބަލަން ފެށީ ސަރުކާރު ބަންދުވުމުން ކަމަށެވެ.
ފަހު 10 ގަައި ބަލި މީހުން ބަލަމުން ދަނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދު ކަމަށާއި، ބަލި މީހުން ބެލުމަކީވެސް އަޅު ކަމެއް ކަމަށް ބައެއް މީހުން ބުނާ ކަމަށް ޔާސިރު ވިދާޅުވި އެވެ.
ޔާސިރު އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރީ މާޗު، 4 ވަނަ ދުވަހު މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ. އޭގެ ކުރިން ވެސް ޔާސިރު ދިޔައީ އީއެމްސީ ކްލިނިކުގައި ބަލިމީހުން ބައްލަވަމުންނެވެ.
ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއަކާއެކު އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެވެ. ނަމަވެސް އައްޑޫ ހޮސްޕިޓަލުން ދޭ ހިދުމަތާމެދު ގިނަ ބަޔަކު އަބަދު ވެސް ފާޑުކިޔަ އެވެ.
އެގޮތުން، ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ސާމާނު ހޮސްޕިޓަލުގައި ނެތުމާއި ޑޮކްޓަރުން މަދުވުމަކީ އެންމެ ގިނައިން ކުރާ ޝަކުވާ އެވެ. އަދި ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށް ވެސް މީހުން ބުނެ އެވެ.
Comment