7 އޭޕްރީލް 2024 - 05:04 0
ވެޓެރަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވެޓެރަންސް ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު
7 އޭޕްރީލް 2024 - 05:04 0
ޕެނަލްޓީ ޖަހައިގެން 4-3 އިން މުއިވެޔޮ ފްރެންޑްސް ބަލިކޮށް، ހުޅުމާލެ ވެޓެރަންސް ކްލަބުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެފްއޭއެމް ވެޓެރަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ތަށި މިލްކުކޮށްފި އެވެ.
ހުޅުމާލެ ވެޓެރަންސް ޓީމުން އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހޯދީ 2022 ވަަނަ އަހަރު ފައިނަލުގައި މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް އިން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ފަހަރުގެ ފައިނަލަށް ހުޅުމާލެ ވެޓެރަންސް ދަތުރުކުރީ ސެމީގައި ދަ ގްރާންޑޭ ކަޓުވާލައިފަ އެވެ.
އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮތީ އެއްވަރުވެފަ އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، މުއިވެޔޮ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އަނެއްކޮޅުން، ހުޅުމާލެ ވެޓެރަންސްގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މުއިވެޔޮ ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ނިޔާޒް (ނިޔާ) އާއި އަހުމަދު ސައީދު (އަންމަޓީ) އެވެ. އަންމަޓީ ޖެހި ޕެނަލްޓީ އަރިމަތިން ބޭރަށް ދިޔައިރު، ނިޔާ ފޮނުވާލި ޕެނަލްޓީ ދިޔައި ހުރަސްދަނޑިމަތިންނެވެ. އަދި ހުޅުމާލެ ޓީމުން ހުސެއިން ޝިމާޒް (ކޮކީ) ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ކޮކީ ޖެހި ޕެނަލްޓީ މުއިވެޔޮ ކީޕަރު ޝާހު ވަނީ މަތަކޮށްފަ އެވެ.
މުއިވެޔޮ އިން ޕެނަލްޓީ ކާމިޔާބުކުރީ އަބްދުﷲ ސުޖާއު (ސުޖާ)، މުހައްމަދު ނަސްރު، އަދި ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. ހުޅުމާލެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް މާޖިދު، އާފިއު މުހައްމަދު، އަބްދުﷲ ހަނީފް (ބެންޖޯ) އަދި އަބްދުﷲ ޒުބެއިރު (ޒުއްބަ) އެވެ.
ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތުގައި މި ފަހަރު 10 ޓީމަކުން ވާދަކުރި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލެ ވެޓެރަންސްގެ ބެންޖޯ އެވެ. އެންމެ މޮޅު ކީޕަރަކީ އެ ޓީމުގެ ގޯލްކީޕަރު، ހަަސަން ރަމީޒް (ޓިމޯ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، މުއިވެޔޮގެ އަންމަޓީ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ، ދިވެހި ސިފައިންގެ ކްލަބް އެވެ.
Comment