Advertisement

އެފްއޭއެމް ވެޓެރަންސް ލީގު: ދަ ގްރާންޑޭ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ފައިނަލަށް

4 އޭޕްރީލް 2024 - 20:53 0

ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލަނީ.--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު


އެފްއޭއެމް ވެޓެރަންސް ލީގު: ދަ ގްރާންޑޭ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ފައިނަލަށް

4 އޭޕްރީލް 2024 - 20:53 0

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ހުޅުމާލެ ވެޓެރަންސް އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް އިން ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދާފައިމިވަނީ، މިިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމުން ބަލިކުރި ދަ ގްރާންޑޭގެ މައްޗަށް މި ފަހަރު ވެސް ކުރިހޯދައިގެންނެވެ. މިދިޔަ އަހަރުގެ ވެޓަރަންސް މުބާރާތުގެ ފައިނަލުގައި، ހުޅުމާލެ ވެޓަރަންސް އިން ތަށި ދިފާއުކުރީ ފައިނަލުގައި، ދަ ގްރާންޑޭ އަތުން 5-2 އިން މޮޅުވެގެންނެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި، ދަ ގްރާންޑޭ ކޮޅަށް ހުޅުމާލެ ވެޓެރަންސް އިން ލީޑުނެގީ 23 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އިބްރާހިމް މާޖިދު އެވެ. އޭރިއާބޭރުން، ހުޅުމާލެ ވެޓެރަންސްގެ އާފިއު މުހައްމަދު ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު، އަތުގައި ޖެހިފައި ނުކުތް ވަގުތު، މާޖިދު ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުގެ މަޖިއްޓެ (ކ) އަށް ދަ ގްރާންޑޭ ކުޅުންތެރިއަކު ހުރަސްއަޅަނީ.--- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު/ އަދަދު


ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރެވޭތޯ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، ހުޅުމާލެ ވެޓެރަންސް ގޯލުގައި ހުރި ހަސަން ރަމީޒު (ޓިމޯ) ކައިރިން ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ހުޅުމާލެ ވެޓެރަންސް އިން ލީޑުފުޅާކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 35 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ހުސެއިން ޝިމާޒް (ކޮކީ) އެވެ. މި ޕެނަލްޓީ ދިނީ، ހުޅުމާލެ ވެޓެރަންސް ޓީމުގެ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އަށް ދަ ގްރާންޑޭ އޭރިއާތެރެއިން ކުރި ފައުލަކަށެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް މި ފަަހަރުގެ ވެޓެރަންސް މުބާރާތް ހާއްސަކޮށްފައިވާއިރު، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. ހުޅުމާލެ ވެޓެރަންސް އިން ނުކުންނާނީ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 16:10 ގަ އެވެ.