Advertisement

ރޮނާގެ މައްސަލަ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ އަށް

13 އޭޕްރީލް 2024 - 09:11 1

އާދަމް ލަރީފް (ރޮނާ): ވެޓެރަންސް މުބާރާތުގައި ހިނގި ހަމަނުޖެހުމެއްގައި ވަނީ އަދަބުދީފައި.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރޮނާގެ މައްސަލަ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ އަށް

13 އޭޕްރީލް 2024 - 09:11 1

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މި އަހަރުގެ އެފްއޭއެމް ވެޓެރަންސް ލީގުގައި ހުއްރިއްޔާ ވެޓެރަންސް ޓީމަށް ކުޅުނު ފޯވާޑް، އާދަމް ލަރީފް (ރޮނާ) މެޗެއްގެ ތެރެއިން ހިންގާފައިވާ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށް ކްލަބް އިވެންޓްސް އިން ހާމަކޮށްފި އެވެ.

ވެޓެރަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ހުރާ އާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހުޅުމާލެ ވެޓެރަންސް އަށް ޕެނަލްޓީއެއް ދޭން ނިންމުމުން އެކަމާ ރޮނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ހުޅުމާލެ ވެޓެރަންސް އިން ޕެނަލްޓީ ކާމިޔާބުކޮށް، 2-1 އިން ކުރިހޯދުމާ އެކު، މެޗުގެ ރެފްރީ ޒަހީރު ހުސެއިންއާ ބޭއަދަބީ ބަހުން މުއާމަލާތުކޮށް ހަމަލާދޭން މަސައްކަތް ކުރުމުން އޭނާ އަށް ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދެއްކި އެވެ. އޭގެ ފަހުން، ރެފްރީ ޒަހީރު އަށް ރޮނާ ހަމަލާދޭން މަސައްކަތް ކުރުމުން މެޗު ހުއްޓާލީ އެވެ.

އެފްއޭއެމާ ގުޅިގެން ވެޓެރަންސް ލީގު ހިންގާ ކްލަބް އިވެންޓްސް އިން ބުނީ، ރެފްރީ އަށް ހަމަލާދީ ފުޓްބޯޅަ މެޗެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާތީ، ރޮނާ، މުބާރާތުގެ ބާކީ ހުރި ހުރިހާ މެޗަކުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ކްލަބް އިވެންޓްސް އިން ރާވާ ހިންގާ ހުރިހާ މުބާރާތަކުން، "ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރަަން ނިންމާފައިވާ" ކަމަށެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގެ މެޗެއްގެ ތެރެއިން ރޮނާ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އަބީދު


ރޮނާ އަށް ފިޔަވަޅު އެޅިއިރު، ކްލަބް އިވެންޓްސްގެ ކޮމިޓީން ރިއާޔަތްކޮށްފައިވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑަށެވެ.

ވެޓެރަންސް މުބާރާތަކީ އެފްއޭއެމާ ގުޅިގެން ބާއްވާ މުބާރާތަކަށްވާތީ، ރޮނާގެ މައްސަލަ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ހުޅުމާލެ ވެޓެރަންސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑަށް އެރި ހުރާގެ ސަޕޯޓަރު ވަނީ ދެން އެ ޓީމު ކުޅޭ ތިން މެޗަށް ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އަދި މި މެޗުގައި ހިނގައިދިޔަ ހާދިސާ ފަދަ ކަމެއް ހިނގާނެ ފަދަ ގޮތަކަށް އަމަލުތައް ނުބަހައްޓަން ހުރާގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ނަސޭހަތްދީފަ އެވެ.

މި ނިންމުންތައް ނިންމުމުގައި މުބާރާތުގެ ކޮމިޓީން ބަލާފައިވާ ކަންތައްތަކަކީ، ހާދިސާގެ ކުޑަބޮޑުމިނާއި ރެފްރީ އަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިނާއި ހާދިސާގެ ސަބަބުން މުބާރާތުގެ މަގުސަދަށް ލިބުނު އުނިކަމާއި މި ނިންމުމުގެ ސަބަބުން މުބާރާތް ކުޅޭ ކުޅުންތެރިންނަށް އިބުރަތް ހާސިލްވެ، ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމެވެ. އަދި މުސްތަގުބަލުގައި ވެޓެރަންސް މުބާރާތްތަކުގައި މި ފަދަ ހާދިސާތައް ހިނގުމުގެ ފުރުސަތު ހަނިކޮށް، ކުޅުންތެރިން މި ފަދަ ކަންކަން ކުރަން ޖެހިލުންވާފަދަ ހަރުދަނާ ފިޔަވަޅު އެޅުމާއި ކުށަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ އިތުރުުން، މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީންނާއި މެޗު އޮފިޝަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ބާރު ލިއްބައިދިނުމެވެ.