Advertisement

ސްކޫލްތަކުގައި މިއަހަރު ހަނގާ ކުރުމުގެ 26 މައްސަލަ، ގޮންޖެހުމަކީ ސްލޫލްތަކުގައި ކައުންސިލަރުން ނެތުން: މިނިސްޓަރު

6 އޭޕްރީލް 2024 - 22:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު


ސްކޫލްތަކުގައި މިއަހަރު ހަނގާ ކުރުމުގެ 26 މައްސަލަ، ގޮންޖެހުމަކީ ސްލޫލްތަކުގައި ކައުންސިލަރުން ނެތުން: މިނިސްޓަރު

6 އޭޕްރީލް 2024 - 22:44 0

ސްކޫލްތަކުގައި ހަނގާ ކުރުމުގެ 26 މައްސަލައެއް މި އަހަރު އެކަނި ވެސް ހުށަހެޅިފައިވާ ކަމަށާއި ސައިކޯސޯޝަލް ސަޕޯޓް ދިނުމަށް އެކަށީގެންވާ ވަރަށް ކައުންސިލަރުން ސްކޫލްތަކުގައި ނެތުމަކީ މައްސަލަ ހައްލު ކުރަން އޮތް ގޮންޖެހުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ކުއްޖަކަށް ހަނގާ ކުރި މައްސަލައާ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީއު ވިދާޅުވީ ސްކޫލްތަކުން ބުލީ ކުރުމުގެ ގިނަ ކޭސްތައް ހުށަހަޅަމުން އަންނަ ކަމަށާއި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ އަދިވެސް ކޭސްތައް މަދު ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ 225 ވަރަކަށް ސްކޫލް ހުރިއިރު، އޭގެ ތެރެއިން ކައުންސިލަރުން ތިބީ ގާތްގަނޑަކަށް 51 ސްކޫލުގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ޓީޗަރުންނާއި، ބެލެނިވެރިންނަށް ހިންގޭ އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް އަދި ދަރިވަރުންނަށް ހިންގޭ އެކިއެކި ސިވިކް ޕްރޮގްރާމްތަކުން ކުދިންގެ އެންގާ މެނޭޖް ކުރުމާއި ބުލީކުރުންފަދަ ވިޔާނުދާ އަދި ކޮށްގެން ނުވާނެ ކަންތައްތަކަށް ކުދިން އަހުލުވެރި ކުރުވައި އެފަދަ ކަންތައްތަކުން ދުރުހެލި ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގާ،" ޝަފީއު ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގައި ކައުންސިލަރުން ނެތުންކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ ކަމެއް ދިމާވުމުން ނިޒާމުގެ ތެރެއިން ދޭން ޖެހޭ ފުރިހަމަ އަޅާލުން ނުދެވޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައުންސިލަރުން ތަމްރީން ކުރުމަށް ކުރިއަށް އޮތްތަނުގައި އިސްކަންދޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ކައުންސިލަރުން ވަޒީފާއަށް ނެރެން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށެވެ. ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު ހަގު ކުރުމަކީ އޭގެ ތެރެއިން އެއް ކަންތައްކަން އޭނާ ވިދާޅުވި އެވެ.

"ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން މިހާރު މި ވަނީ ނިންމައިފަ،" އުޝާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓުގެ ހިލާފެއް ވެސް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ބުލީ ކުރުމުގެ މައްސަލައެއް ފެންމަތީ އެ ކަން ކުރާ މަންޒަރުގެ ވީޑިއޯއެއް އާންމުކޮށްލުމުންނެވެ. އޭގެ ފަހުން އެ މައްސަލަ ފުލުހުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.