Advertisement

ވަޒީރުންގެ ރަސްމީ ބޭރު ދަތުރުތަކުގެ މައުލޫމާތު ދުރާލާ ދީފި، މި މަހު ހަތް ދަތުރު

ސަރުކާރުގެ ކެބިނެޓް: މި މަހު ހަތް ވަޒީރެއްގެ ދަތުރު އޮންނާނެ ކަމަށް ބުނެފި -- ފޮޓޯ: ރައީސް އޮފީސް


ވަޒީރުންގެ ރަސްމީ ބޭރު ދަތުރުތަކުގެ މައުލޫމާތު ދުރާލާ ދީފި، މި މަހު ހަތް ދަތުރު

ވަޒީރުންގެ ރަސްމީ ބޭރު ދަތުރުތައް ކުރިއަށް އޮތް މަސް ދުވަހަށް ތާވަލު ކުރެވިފައިވާ ގޮތް، ރައީސް އޮފީހުން ދުރާލާ ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ކޮންމެ މަހަކު ބާއްވާ ޕްރެސް ކޮންފެރެންސްގެ ތެރެއިން މި މަހު ބޭއްވި ބައްދަލުވުމުގައި، ތަރުޖަމާނު ހީނާ ވަލީދު، ވަޒީރުންގެ ދަތުރު ތާވަލު އޮތް ގޮތް ކިޔައިދެއްވި އެވެ.

މި މަހު ވަޒީރުންގެ ދަތުރު ޝެޑިއުލް އޮތް ގޮތް

  1. ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އަރަބި ޓެރެވެލް މާކެޓްގައި ބައިވެރިވެވަޑައިގަންނަވަން ޔޫއޭއީއަށް
  2. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފައިނޭންޝިއަލް ސާވިސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް
  3. ހޯމް މިނިސްޓަރު އަލީ އިހުސާން، ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަން ގަތަރަށް
  4. އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު، ކޮމަންވެލްތުގެ އެޑިއުކޭޝަން މިނިސްޓާސްގެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް
  5. ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން އުޒުބެކިސްތާނަށް
  6. ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް، ވޯލްޑް ޓޫނާ ޓްރޭޑް ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ބެންކޮކަށް
  7. ފޮރިން މިނިސްޓަރު މޫސާ ސަމީރު، އަވައްޓެރި އިންޑިއާއަށް

ވަޒީރުންގެ ދަތުރުތައް އޮތް ދުވަސްތަކެއް މިއަދު ނުބުނެ އެވެ. ހީނާ ވިދާޅުވީ އެ މައުލޫމާތުތައް ހާމަކުރާނީ އެ މިނިސްޓްރީއަކުން ކަމަށެވެ.

މި ސަރުކާރުން ބުނަނީ ސަރުކާރުން ކުރާ ދަތުރުތަކުގެ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރަމުން އަންނާނެ ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި ބޭރު ދަތުރުތަކުގެ ހަރަދުތައް ސަރުކާރުން ހާމަކޮށްފައިވެ އެވެ. ނަމަވެސް ވަޒީރުން ކުރި ރަސްމީ ދަތުރުތަކާއި ސަރުކާރުން ބޮޑެތި ވަފުދުތަކާ އެކީ ގޮސް ބޭއްވި ފޯރަމްތަކަށް ހިނގި ހަރަދެއް ހާމަ ނުކުރެ އެވެ.