Advertisement

އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހާ ދިމާވަނީ ދިރާސީ އަހަރު ނިންމުން ޑިސެމްބަރަށް ބަދަލުކުރުމުގެ ތެރެއިން: މިނިސްޓްރީ

30 އޭޕްރީލް 2024 - 13:22 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދިރާސީ އަހަރުގެ ފެށުން 2022-2023 އަމީނިއްޔާ ސްކޫލް -- ފޮޓޯ: އަދަދު


އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހާ ދިމާވަނީ ދިރާސީ އަހަރު ނިންމުން ޑިސެމްބަރަށް ބަދަލުކުރުމުގެ ތެރެއިން: މިނިސްޓްރީ

30 އޭޕްރީލް 2024 - 13:22 0

އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހާ ދިމާވަނީ، ދިރާސީ އަހަރު ނިމުން ޑިސެމްބަރަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބަދަލުތަކެއް ގެނައުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މެއި 26، ގަ އެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ސެޕްޓެމްބަރު 26، ގައި ނިމޭނެ އެވެ.

އާ ކަލަންޑަރުގައިވާ ގޮތުން އަންނަ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރު 6، އިން ފެށިގެން މާޗު 6، 2025 ގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ލިބޭނީ މާޗު 9، 2025 އިން ފެށިގެން އޭޕްރީލް 3، 2025 ވަނަ ދުވަހާއި ހަމައަށެވެ.

އަންނަ އަހަރުގެ ރޯދަމަހާއި ފިތުރު އީދު ވެސް ބޮޑު ޗުއްޓީގެ ތެރޭގައި ހިމެނެ އެވެ. އަންނަ އަހަރުގެ ރޯދަމަސް ފެށޭނީ މާޗު 1، ގަ އެވެ.

އެ ބަދަލާ ގުޅޭ ގޮތުން މިއަދު "އަދަދު" އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ޗުއްޓީގެ ތާރީހުތައް އެންމެ ފުރަތަމަ ކަނޑައެޅިއިރު، މެނިފެސްޓޯގައި އޮތް ނަމަވެސް، ރޯދަމަހުގެ ފަހު ދިހައެއް ބަންދުކުރާ ގޮތަށް ރައީސުލްޖުމުހޫރިއްޔާ ނުނިންމަވާ ކަމަށެވެ.

އަދި ކަލަންޑަރަށް ގެނައި ބަދަލަކީ، ދިރާސީ އަހަރު ޖެނުއަރީއިން ޑިސެމްބަރަށް ބަދަލުކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެންނަން ޖެހުނު ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިރާސީ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރުމަށްޓަކާ އަޅުގަނޑުމެން އިންނާނީ އަންނަ އަހަރުގެ ދިރާސީ އަހަރަށް ބަދަލު ގެނެއްސަ. އަޅުގަނޑުމެން ޓެންޓޭޓިވް ހެދި އިރުގަ އަހަރު ނިންމާ ދުވަހުގެ ގޮތުގަ ނިންމީ ފެބްރުއަރީ 23. އޭރު އަދި ރައީސް ނުނިންމަވާ ފަހު ދިހައަކީ ބަންދު ދުވަސްތަކެއް ކަމަށް،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަ ދިރާސީ އައު އަހަރުގެ ކަލަންޑަރު އެންމެ ފުރަތަމަ އެކުލަވައިލިއިރު، ބޮޑު ޗުއްޓީގެ ގޮތުގައި ކަނޑައެޅީ ފެބްރުއަރީ 23، 2025 އިން ފެށިގެން މާޗު 9، 2025ގެ ނިޔަލަށެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ބޮޑުޗުއްޓީ މާޗު 9، 2025 އިން ފެށިގެން އޭޕްރީލް 3، 2025 ގެ ނިޔަލަށް ބަދަލުކުރީ ކިޔެވުން ފަށައި އެއް ހަފްތާއަށްފަހު، ފަހު ދިހައިގެ ޗުއްޓީއަށް ދިއުމަށް ވުރެ އެ ގޮތް ރަނގަޅު ކަމަށް ފެނުމުން ކަމަށެވެ.

އެގޮތުން ކަލަންޑަރަށް އައި ބަދަލާއެކު ބޮޑުޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްތައް އިތުރުވުމާއެކު، އަންނަ ދިރާސީ އަހަރު 180 ދުވަހުން 190 ދުވަހަށް ދިގުވާނެ އެވެ.

"ފަހު ދިހަ ބަންދުވީމަ ވާގޮތަކީ މާޗު 9 ގަ ހުޅުވާއިރުގަ އޭގެ އަނެއްކާ ވެސް 10 ދުވަސްފަހުން ފަހު ދިހައިގެ ޗުއްޓީ. އެއަށްވުރެން މާ ރަނގަޅުވާނެ ނުންތޯ ރޯދަމަހުގެ ފުރަތަމަ ހަފްތާގަ އަހަރު ނިންމާލާފަ މުޅި ރޯދަމަސް ބަންދަލުކޮށްލުން، ލިބޭ ޗުއްޓީ ވެސް ބޮޑުވެފަ ރޯދަމަހުގެ އެއް ހަފްތާ ނޫނީ ހުރިހާ ހަފްތާއެއް ބަންދުވީ. އަދި ޓާމް ވެސް 190 ދުވަހަށް ދިގުވީ،" އޭނާ ވިދާޅުވި އެވެ.

މުޅި އެކަޑެމިކް ކަލަންޑަރު ބަދަލުކޮށްލި ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ދޮގުކުރެއްވި އެވެ. އަދި އެ ބަދަލާއެކު މިނިސްޓްރީން ކުރި މަސައްކަތަކީ ރައީސް މުއިއްޒުގެ ނިންމުމާއެއްކޮށް ފަހު ދިހައަކާ ޗުއްޓީ ކަނެކްޓްކޮށްލުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އަންނަ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހާ ދިމާވުމާއި ގުޅިގެން ޓީޗަރުންނާއި ބެލެނެވެރިންގެ ކަންބޮޑުވުން އެބަ އޮތެވެ.

މި ނޫހާ ވާހަކަ ދެއްކި ހިރިޔާ ސްކޫލުގެ ޓީޗަރަކު ކަންބޮޑުވުން ފާޅުކުރަމުން ވިދާޅުވީ، ޗުއްޓީއަކީ ދަތުރުކޮށް، މުނިފޫހިފިލުވައި ހެދުމަށް ދަރިވަރުން އަދި ޓީޗަރުންނަށް ވެސް ލިބޭ ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އަދި ބޮޑުޗުއްޓީ ރޯދަމަހާ ދިމާވުމާއެކު އެ ފުރުސަތު ނުލިބުމަކީ ޓީޗަރުން އަދި ބެލެނެވެރިންގެ ވެސް ކަންބޮޑުވުމެއް ކަމުގަ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާއެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ކުރީ ސަރުކާރުގެ ނިންމުމަކަށްވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.