Advertisement

ފުރިހަމަ ޓްރެކް ރިކޯޑަކާ އެކު ރިޔާޒު ރަޝީދު އަނެއްކާވެސް މަޖިލީހަށް!

19 އޭޕްރީލް 2024 - 15:39 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާޒު ރަޝީދު --


ފުރިހަމަ ޓްރެކް ރިކޯޑަކާ އެކު ރިޔާޒު ރަޝީދު އަނެއްކާވެސް މަޖިލީހަށް!

19 އޭޕްރީލް 2024 - 15:39 0

ގިނަ ބައެއްގެ ވިސްނުމުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރަކީ ކަމަށް ފަރިތަ މީހަކަށް ވާން ޖެހެ އެވެ. ސިޔާސީ ހިޔާލާތު މުއްސަނދި، އެ މަސައްކަތުގެ ޖޯޝާއި ޝައުގު މަޖިލިސް މެންބަރުގެ ކިބައިގައި ހުންނަން ވާނެ އެވެ. ގިނަ މީހުން ދެކެނީ ރައްޔިތުން ބޭނުންވާ ކުރިއެރުންތަކާއެކު، އާންމު މީހާއަށް ހަމަޖެހުމާއި ފުދުންތެރި ހަޔާތެއް އުޅެވޭނެ ގޮތްތަކެއް ހޯދޭނީ އޭރުން ކަމަށެވެ.

ހާއްސަ މަޖިލީހުގައި ތ. އަތޮޅުގެ މެންބަރު ކަން ކުރެއްވުމަށް ފަހު، ދެ ދައުރަކު ވިލުފުށި ދާއިރާގެ މެންބަރު ކަން ކުރެއްވި ރިޔާޒު ރަޝީދަކީ، އެފަދަ ޓްރެކް ރެކޯޑެއް އޮތް މަދު މެންބަރުންގެ ތެރެއިން އެކަކެވެ. ރިޔާޒު ގަބޫލު ކުރައްވާ ގޮތުގައި އޭނާއަކީ މީގެ ކުރިން ނަތީޖާ ނެރެފައި އޮތް މީހަކަށްވުން އެއީ ވިލުފުށީ ދާއިރާގެ ރައްޔިތުންނަށް ލިބިފައި އޮތް ނަސީބެކެވެ.

ވިލުފުށި ކަތީބުގެ ދަރި، ރިޔާޒު ވަރަށް ކުޑައިރުން ފެށިގެން ސިޔާސީ މަސައްކަތުގެ ތެރެއަށް ވަދެއްޖެ އެވެ. ނުވަދިހައިގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަސް ބުނުމުގެ ހައްގު ހަނިކޮށްފައި އޮތުމުން އެކަމާ ދެކޮޅަށް އަޑުއުފުލައި މިނިވަން ހިޔާލު ފާޅުކުރުމުގެ ހައްގު ދިނުމަށް އޭރު ކުރަމުންދިޔަ ވަކާލާތުގައި ރިޔާޒު ވެސް ބައިވެރިވީ އެވެ.

އޭގެ ފަހުން މަޖިލީހުގެ ތިން ދައުރުގައި ރިޔާޒު ހިދުމަތް ކުރެއްވި އެވެ. ނަމަވެސް ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި އޭނާ ނާކާމިޔާބުވި އެވެ. ސަރުކާރު ޕާޓީގެ މެންބަރަކު ހުރެގެން ނޫނީ ތަރައްގީއެއް ނުލިބޭނެ ކަމަށް އެ ދާއިރާގެ މީހުނަށް އޭރު ގަބޫލު ކުރެވުނީ އެވެ. އެކަމަކު ރިޔާޒު ނެތުމުގެ އިހުސާސް މިދިޔަ ފަސް އަހަރު އެ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް ކުރަން ޖެހުނު ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ރިޔާޒު ހުރިނަމަ އެއާޕޯޓުގެ މަސައްކަތް ހިނގާނެޔޭ، ބަޖެޓުން އެ ޖާގަ ހޯދަން އޭނާ މަޖިލީހުގައި ވަކާލާތުކޮށް އެ ކަން ކޮޅެއްގައި ޖެހެން ދެން މަސައްކަތް ކުރާނެޔޭ،" ރިޔާޒުގެ ކަންފަތާ ހަމައަށް އަންނަ ބައެއް ޝަކުވާ އޭނާ ހިއްސާ ކުރެއްވި އެވެ.

ރިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، މިދިޔަ ފަސް އަހަރު ވެސް ވިލުފުށި ދާއިރާގެ ގޮނޑީގައި އޭނާ އިންނެވި ނަމަ ތަފާތު ފެނުނީހެވެ. ސަރުކާރުގެ މީހާއަށް ނުވިޔަސް ދާއިރާއަށް އަންނަ ތަަރައްގީއާއި ކުރިއެރުމުގައި ވެސް ތަފާތު ފެނުނީހެވެ. އަދި ދައުލަތް ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި ވެސް ތަފާތު ފެނުނީހެވެ.

ތާރީހަށް ކަޅިއެއް އެއްލާއިރު، ރިޔާޒަކީ މަޖިލީހަށް އެންމެ ގިނަ ބިލު ހުށަހެޅި އެއް މެންބަރެވެ. އޭނާއަކީ ގާނޫނު އަސާސީ އެކުލަވައިލިއިރު އޭގައި ހިމަނަން ޖެހޭ މާއްދާތަކުގެ ހުށަހެޅުންތައް ވެސް އެންމެ ގިނައިން ހުށަހެޅުއްވި އެއް މެންބަރެވެ.

ރިޔާޒު ވިދާޅުވަނީ، މި ފަހަރަކީ މިއީ އެ ދާއިރާގެ ރައްޔިތުން މާބޮޑަށް ވިސްނަން ޖެހޭ ފަހަރެއް ނޫން ކަމަށެވެ. ބަރުލަމާނީ ހިދުމަތަށް އޭނާއަކީ އަދިވެސް ނަންބަރު އެކެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެކަންތައް ސާބިތު ކޮށްދިނުމަށް ރިޔާޒު ކިޔައިދެއްވަނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތައް ނިންމަވައިލައްވަނީ މީގެ ކުރިން ކޮށްދެއްވައިފައިވާ މަސައްކަތްތައް ދައްކުވައި ދެއްވަމުންނެވެ.

"ދާއިރާގެ ރައްޔިތުންނަށް މި ފަހަރު ނިންމަން މާފަސޭހަ ވާނެ، ޕާލިމަންޓް ސާވިސްއިން ދާއިރާއަށް އޭގެ ފައިދާ ހޯދައިދިން ކަން އެ އޮތީ ފެންނަން،" ރިޔާޒު ވިދާޅުވި އެވެ.

ގާނޫނީ އިޖުރާއަތްތަކުން އަސާސީ ހިދުމަތްތައް ލާޒިމުކުރުން

ފެހި ގާނޫނު އަސާސީގައި ހިމެނި ބައެއް އަސާސީ ހައްގުތަކުގެ މާއްދާތަކަކީ ރިޔާޒު ރަޝީދުގެ ހުށަހެޅުންތަކެވެ. ހާއްސަކޮށް ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ޅ) އެއީ ރިޔާޒުގެ އެ ހުށަހެޅުންތަކުގެ ތެރެއިން މިއަދު ވެސް އޭނާ އެންމެ ބޮޑަށް ފަހުރުވެރިވާ ހުށަހެޅުމެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ގައިމުކޮށްފައި އޮތުން ދައުލަތަށް ލާޒިމު ކަމަށް ގާނޫނު އަސާސީގައި ލިޔުމުން އޭގެ ނަތީޖާ ރަނގަޅު ވެގެން ގޮސްފި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ކުރިން ރަށްރަށުގައި ގޭގެ ގޯތި ތެރޭގައި ޖަންގްޝަން ހަދައިގެން އަޅުގަނޑުމެން ފާހަނަ ބޭނުން ކުރަނީ، މިއަދު ދައުލަތުގެ މައްޗަށް ލާޒިމު ކުރުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އަޅައިގެން ނިންމަނީ މިއޮށް،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރައްޔިތުންގެ މައްޗަށް އަމަލު ކުރުން ލާޒިމުވާ ގަވާއިދުތައް ހެދުމަކީ، ކޮންމެ މިނިސްޓްރީއަކުން ވެސް އެއްވެސް އުސޫލެއް ހަމައެއް ނެތި ކުރެވެން އޮތް ކަމެކެވެ. އެއިން ބައެއް ގަވާއިދުތައް، އާންމު ރައްޔިތުންނަށް ވަރަށް ތަކުލީފުވާ ގޮތަކަށް ވެސް ނެރެފައި އެބަ ހުއްޓެވެ.

"ގަވާއިދަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެކަން ގާނޫނު އަސާސީގައި އޮންނާނެ، މަޖިލީހުގައި ގަވާއިދު ކޮމިޓީ ނަމުގައި ކޮމިޓީއެއް ހަދާފައި އޮވޭ، މިހާރު ގަވާއިދު ހަދާފައި ގެޒެޓު ކުރާނެ. ދެން އަޅުގަނޑު ހުށަހަޅާފައި އޮންނާނެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއޭ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ގާނޫނަކުން ހަމަޖެއްސުމަށާއި އެއްމެދު އިމާރާތުގައި ހުންނަ އެކިއެކި ގޭބިސީތައް ވަކިން ރަޖިސްޓްރީކޮށް ސަރުކާރުގެ ހިދުމަތްތައް ހޯދޭ ގޮތަށް އެ ހައްގު ދިނުމަށް ގާނޫނު ހުށަހަޅައި ފާސްކުރުމުގައި އިސްކޮށް ހުންނެވި އެއް މެންބަރަކީ ރިޔާޒެވެ.

"މަޖިލީހުގެ ނިޒާމުން ދާއިރާ ކުރިއަރުވަން ދަންނަން"

މަޖިލީހުގެ ނިޒާމު އިންތިޒާމުވެފައި އޮންނަނަީ އެ ނިޒާމުގެ ތެރެއިން ދާއިރާތަކަށް ބޭނުންވާ ކުރިއެރުން ހޯދައިދިނުމަށާއި ދާއިރާއާއި މުޅި ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދެވޭނެ ގޮތަށެވެ. އެކަމަކު އެ ކަން ކުރެވޭނީ މި ބަރުލާމާނީ ހިދުމަތް އެނގިވަޑައިގެން، އެ ކަމަށް ފަރިތަ ބޭފުޅަކަށް ކަމަށް ރިޔާޒު ގަބޫލު ކުރައްވަ އެވެ.

ފެހި ގާނޫނު އަސާސީއަށް ފަހު، އެކުލަވާލެވުނު ފުރަތަމަ މަޖިލީހުގައި ވެސް އަދި ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ރިޔާޒު ވަނީ އެ ނަމޫނާ ދައްކަވައިފަ އެވެ.

އެންމެ ފުރަތަމަ ރިޔާޒު މަޖިލީހަށް ހުށަހެޅުއްވީ 2004، ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގެތައް މަރާމާތު ކުރަން ސަރުކާރުން ބަދަލެއް ދިނުމަށް ގޮވާލައި މައްސަލައެކެވެ.

"އެ މީހުން އުޅެން ޖެހިފައި ހުރި ވަގުތީ ހިޔާތަކުގައި ވިލުފުށި މަޑުފުށި މީހުން ވެސް އުޅެމުން އައީ. މ. ކޮޅުފުށި ވެސް، ބައެއް ގޭގޭގެ މަރާމާތު ނުކުރެވި ހުރި، ފަސް އަހަރު ވެގެން، މަޖިލިސް އިންތިހާބާ ޖެހުނުއިރު ވެސް، އެ ކަންކަން ހަމަޖައްސައިދެވިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސުނާމީ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލު ހަމަޖައްސައިދީ، ވަގުތީ ހިޔާތަކުން ބޯހިޔާވަހިކަމަށް ގެންގޮސް ދެވެންދެން ސަރުކާރުން ކުރަމުން އައި މަސައްކަތްތައް ބެލުމަށް މަޖިލީހުގައި ކޮމިޓީއެއް ނެގި އެވެ. އެ ކޮމިޓީން ދިޔައީ ރައްޔިތުންނަށް ރަނގަޅު ގޮތެއް ހަމަޖެހެންދެން މަސައްކަތް ކުރަމުންނެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަދަ ސިޔާސީ ގޮތުން އޭރު ވެސް ފުންނާބު އުސް ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލި ހަތް މެންބަރުންގެ ކޮމިޓީގައި ރިޔާޒު ވެސް ހިމެނިވަޑައިގެންނެވި އެވެ.

"ސުނާމީ ކޮމިޓީގެ ތެރެއިން މަސައްކަތްކޮށްގެން، ބަޖެޓު ކޮމިޓީއަށް ގެންގޮސް، 47 ގެ، އެއީ ވިލުފުށި، މަޑިފުށި، ދެން މ. ކޮޅުފުށި ވެސް ހިމެނޭހެން، މަރާމާތު ނުކުރެވި އޮތުމުން، ބަޖެޓު ފޮތުގައި އެ ކަމަށް ހާއްސަކޮށް އަދަދު ހިމަނައި، ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް ފެށީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ މަސައްކަތުގެ އިތުރުން ވެސް ވިލުފުށި ދާއިރާގައި ހިމެނޭ ވިލުފުށި، މަޑިފުށި އަދި ބުރުނީގައި ތަރައްގީގެ އެކި މަސައްކަތްތައް އޭނާ މެންބަރު ކަމުގައި ހުންނެވި 10 އަހަރު ހިނގައިދިޔައީ މަޖިލީހުގެ ނިޒާމު މަސައްކަތް ކުރާ ގޮތުގެ ވިސްނުމެއް އޭނާގެ އޮތުމުންނެވެ.

"ގިނަ ބަޔަކަށް ވިސްނިފައި އޮތީ ސަރުކާރު ކެންޑިޑޭޓު ހޮވައިގެންނޭ، ދާއިރާގެ މަސައްކަތްތައް ކުރެވޭނީ، އެކަމަކު މިއަދު ގަބޫލު ކުރޭ، އެހެނެއް ވެސް ނޫން ކަން އެ ކަން އޮތީއެއް، އެއީ މަޖިލީހުގެ ނިޒާމަށް ފަރިތަ މީހެއް ހުރެގެން ވާނެ ކަމެއް ކަން،" ރިޔާޒު ތަފްސީލްކޮށްދެއްވި އެވެ.

ކޮންމެ އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން އެކުލަވާލައި ފޮނުވާއިރު މިހާރު ކޮންމެ ދާއިރާއަކަށް ވެސް ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް އަދަދުތައް ހިމަނާފައި ވަނީ، ރިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، މިދިޔަ 10 އަހަރު، މަޖިލިސް ތެރެއިން ބައެއް މެންބަރުންގެ ފަރާތުން ދެއްކި ޕްރެޝަރުގެ ސަބަބުން ކަމަށެވެ.

އަދިވެސް ކުރަން ހުރި މަަސައްކަތްތައް ގިނަ

ރައީސް މައުމޫނުގެ ވެރިކަމުގައި ސިޔާސީ މަސައްކަތުގެ ތެރެއަށް ރިޔާޒު ވަދެގެން އައި ދުވަސްވަރާއި މިއަދުގެ ހާލަތު، އޭނައަށް ފެންނަނީ ވަރަށް ގިނަ ތަފާތުތަކާ އެކު އެވެ.

އޭރު އަމަލު ކުރަމުންދިޔަ ގާނޫނު އަސާސީގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާ އަސާސީ ހިދުމަތްތައް ގާނޫނުތަކުގައި ބަޔާންކޮށްދީފައެއް ނުވެ އެވެ. އަދި އެ ހިދުމަތްތައް އިންސާފުވެރި ހަމައަކުން އެންމެނަށް ފޯރުކޮށްދޭނެ ގާނޫނީ އިޖުރާއަތްތަކެއް ވެސް ކަނޑައެޅިފައެއް ނެތެވެ.

މިއަދު އޭގެތެރެއިން ގިނަ ކަންކަން ހަމަޖެހިފައި ހުރި ނަމަވެސް ދެން ކުރަން އޮތީ ކުރިން ކުރި ވަރަށް ވުރެ މަދު މަސައްކަތެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެކަމަކު އެ މަސައްކަތްތައް ރަނގަޅު ދުވެއްޔެއްގައި ކުރެވޭނީ، ބަރުލަމާނީ ހިދުމަތް ހިނގާ ގޮތް ދަންނަ، އެ ވިސްނުމާއި އިލްމު ހުންނެވި ބޭފުޅުން މަޖިލީހުގައި ތިއްބެވުމުންނެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަސައްކަތް ނުކޮށް އެ ތަނުގައި ގޮނޑީގައި އިނދެގެން މުސާރަ ނެގުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން، ވިލުފުށީ ދާއިރާގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތައް، މުޅި ރާއްޖޭގައި ހިންގަން ޖެހޭ މަސައްކަތްތައް، ކޮޅެއްގައި ޖެހެންދެން އަޅުގަނޑު މަސައްކަތް ކުރާނެ،" ރިޔާޒު ވިދާޅުވި އެވެ.

ވިލުފުށި އަދި މަޑިފުށްޓަށް ގެނެވުނު ތަރައްގީގެ މަޝްރޫއުތަކަށް ފަހު މިހާރު ރިޔާޒު ބޭނުންވަނީ ވިލުފުށީ އެއާޕޯޓާއި އެ ރަށުގައި ރަނގަޅު ސިއްހީ ހިދުމަތް ދެވޭނެ ހޮސްޕިޓަލަކާއި، ދާއިރާއާއި އަތޮޅުގެ އެހެން ރަށްރަށާ ދެމެދު ރަނގަޅު ދަތުރުފަތުރުގެ ލިންކުގެ އިތުރުން އިގުތިސޯދު ފުޅާވެ ލޯކަލް ޓުއަރިޒަމް ހިންގުމެވެ.

"އަޅުގަނޑު މެންބަރު ކަމުގައި ހުންނެވި އިރު، މަޑިފުށީގައި އޭރު ހުންނާނެ، ފެނަކަ ރީޖަނަލް އޮފީސް ވެސް، އެއިން ވެސް ލިބުނު ވަޒީފާގެ ފުރުސަތުތައް، އަތޮޅުގެ ރަށްރަށަށް މިހެން ކަންކަން ބެއްސޭނެ ސިޔާސަތެއް ބޭނުންވޭ، އަޅުގަނޑު އައިމަ އަނެއްކާ އެ ކަންކަން ވާނެ ކަން ރައްޔިތުންނަށް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު މުޅި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމެވެ. އެއީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ އަސާސީ ހައްގެއްކަން ފާހަގަ ކުރައްވައި، ރިޔާޒު ވިދާޅުވީ އެ ކަން ކުރަން ވާނީ ލިޔެވިފައި އޮންނަ އުސޫލުތަކެއް ހިމެނޭ ގާނޫނެއްގެ ތެރެއިން ކަމަށެވެ.

"އިލްމީ ބޮޑު ދިރާސާއެއް މި ކަމުގައި ކުރަން ޖެހޭ. ރަނގަޅު ދިރާސާއަކުން ހޯދައިގަނެވޭ ކަންކަމުގެ މައްޗަށް، ގިނަ ބަޔަކަށް ބަލައިގަނެވޭނެ މިންގަނޑެއް ހިމެނޭ ގާނޫނީ އޮނިގަނޑެއް، ހުރިހާ ޕްރޮޖެކްޓެއްގައި ވެސް އެއް ހަމައަކުން ކަނޑައަޅަން،" އޭނާ ވިދާޅުވި އެވެ.

މި ފަހަރު އަމިއްލަ ގޮތުން، ކީއްވެ؟

ވާދަވެރި ޕާޓީ ސިސްޓަމް އިން ހޯދަން މަސައްކަތް ކުރި، އަދި ސިޔާސީ މީހުން ވަކާލާތު ކުރަމުން ދިޔަ ފައިދާތައް އާންމު މީހާއަށް ނުލިބޭ ކަމަށް ރިޔާޒު ގަބޫލު ކުރައްވަ އެވެ.

މީގެ ވިސްނުމަކަށް އޮތީ، ވާދަވެރި މާހައުލެއްގައި ކޮންމެ ޕާޓީއަކުން ވެސް ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯތަކެއް ހުށަހަޅާނެ ކަމެވެ. އަދި އެއިން އެންމެ ރަނގަޅު މެނިފެސްޓޯއެއް އިހުތިޔާރުކޮށް އެ ބަޔަކު ސަރުކާރަށް އިންތިހާބުކުރާނެ ކަމެވެ. ދެން ތިބި ޕާޓީތައް، ވާދަވެރި ޕާޓީތައް ގޮތުގައި ސަރުކާރު ހިންގާ ޕާޓީއަށާއި ސަރުކާރަށް ފާރަވެރި ވާނެ ކަމަށެވެ.

އެކަމަކު މިދިޔަ ވިއްސަކަށް އަހަރު ތަޖުރިބާ ކުރެވުނީ މި ފައިދާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުހިފުމެވެ. އަދި ޕާޓީތަކުގައި ސިޔާސީ ފަލްސަފާއެއް ތަމްސީލް ވުމަށް ވުރެ ބޮޑަށް ވަކި ބަޔެއްގެ މަސްލަހަތު އިސްވާ ކަމެވެ. އެއީ ރިޔާޒަށް ވެސް އެ މަންޒަރު ފެންނަ ގޮތެވެ.

"މިނިވަންކަމާއެކު ވޯޓު ލުމުގެ ހައްގެއް ލިބިގެނެއް ނުދިޔަ ޕާޓީއަކުން އައި ފަހަރުގައި، ވިޕްލައިން ނެރޭނެ، ޕާޓީން ކަނޑާލާނެ،" ރިޔާޒު ވިދާޅުވި އެވެ. "މި އިންތިހާބުގައި ފުރަތަމަ ފަހަރަށް ޕާޓީ ސިސްޓަމް ދޫކޮށްލައިފަ ކެންޑިޑޭޓުން ފަހަތުން މި އުޅެނީ."

މަޖިލިސް މެންބަރުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރެވޭނީ، އަމިއްލަ މިނިވަން މެންބަރެއް ގޮތުގައި ދެމިހުންނަވައިގެން ކަމަށް ރިޔާޒު މިއަދު ގަބޫލު ކުރައްވަ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތަކަށް ފައިދާވި ގާނޫނެއް. އިލްމީ ގޮތުން ދިރާސާތައް ކުރެވިގެން ގާނޫނުތަކެއް ހެދުމުގެ މަސައްކަތެއް ނުކުރޭ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ދިނީމައެއް. އެ ޝައުގު އެބަ ކުޑަވޭ. އިލްމީ ތައުލީމީ މެންބަރުން ނެތީކީއެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރިޔާޒު ރަޝީދު ގަބޫލު ކުރައްވާ ގޮތުގައި އޭނާއަކީ ވިލުފުށީ ދާއިރާއަށް މިފަހަރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ޗޮއިސް އެވެ. މާޒީގައި އޭނާ ދައްކަވާފައިވާ ޓްރެކް ރިކޯޑަށް އެކަނި ބަލައިލިޔަސް މަޖިލީހަށް ހޮވަންޖެހޭ ސަބަބު ސާފުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.