Advertisement

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކައިފި

4 އޭޕްރީލް 2024 - 22:44 0

ހުޅުމާލެ ތިން ވަނަ ފިޔަވައްސަށް ބިން ހިއްކަނީ: ސީއެމްސީން ފައިނޭންސް ކުރާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރަނީ ބޮސްކާލިސްއިން -- ފޮޓޯ: އެޗްޑީސީ


ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކައިފި

4 އޭޕްރީލް 2024 - 22:44 0

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ 15 ހެކްޓަރު ބިން ހިއްކާ ނިިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ހުޅަނގު ބިތުން، ކުރިން ޔޮޓް މެރީނާ އަޅަން ނިންމި ސަރަހައްދުން 63 ހެކްޓަރު ހިއްކާނެ އެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 10 ހެކްޓަރުގެ ބިން، ދެވަނަ މަރުހަލާގައި 29 ހެކްޓަރުގެ ބިން، އަދި ތިންވަނަ މަރުހަލާގައި 24 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

މިހާރު ކުރިއަށް ދަނީ ދެވަނަ މަރުހަލާގެ ބިން ހިއްކުމެވެ. އެޗްޑީސީން ވަނީ މި މަސައްކަތަށް ދަތިވާ ގޮތަށް އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގާފަ އެވެ. މި އުޅަނދުތައް ނެގުމަށް ފަހު އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ވަނީ އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފަ އެވެ.

ގާތްގަނޑަކަށް 268 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގައި އަގު ކުރެވިފައިވާ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ޔޮޓް މެރީނާ ތަރައްގީކުރަން ހާއްސަކޮށްފައިވާ ދިޔަނެރު ފަޅާއި ތިލަފުށި ހިއްކުން ހިމެނެ އެވެ.

ތިލަފުށިން ހިއްކާ ބަޔަކީ މި މަޝްރޫއަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް 99 އަހަރަށް ޑިވެލޮޕްމަންޓް ރައިޓްސް ދީފައިވާ ބިމެކެވެ. މަޝްރޫއުގެ ބާކީ އަގު އަދާކުރަނީ ހުޅުމާލޭން ސީއެމްސީއަށް 99 އަހަރަށް ދީފައިވާ 10 ހެކްޓަރުގެ ބިމުންނާއި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދޫކުރި 20 މިލިއަން ޑޮލަރުންނެވެ.

ސީއެމްސީން މި މަޝްރޫއަށް ހަރަދުކުރި ނަމަވެސް، އެ ކުންފުނިން ހިންގާ އެހެން މަޝްރޫއުތަކެކޭ އެއް ފަދައިން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރަނީ "ވިލެމް ވެން އޯރެންޖް" ޑްރެޖަރެވެ.