Advertisement

އަމަން ފޮއްތެޔޮ ރިސޯޓު: ރަށްތައް ހިއްކަނީ އެން މަޑި އާއި ކަނޑުގެ ދިރުންތަކުގެ ސިފައަށް

4 އޭޕްރީލް 2024 - 14:28 0

އަމަން ހަލީމް

އަމަން ހަލީމް

ފޮއްތެޔޮ ބޮޑުފުއްޓާއި ފޮއްތެޔޮ ފަޅުގައި ހިއްކާ ރަށްތަކުގެ ކޮންސެޕްޓް ކުރެހުން: އެން މަޑި ސިފަވާ ގޮތަށް ފަރުމާކޮށްގެން ހިއްކާ ރަށްތައް ވެސް ހިމެނޭ --- އަދަދު ގްރެފިކްސް


އަމަން ފޮއްތެޔޮ ރިސޯޓު: ރަށްތައް ހިއްކަނީ އެން މަޑި އާއި ކަނޑުގެ ދިރުންތަކުގެ ސިފައަށް

4 އޭޕްރީލް 2024 - 14:28 0

ފެލިދެ އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ފޮއްތެޔޮ (ފޮއްތެޔޮ ބޮޑުފުށި) އާއި ފޮއްތެޔޮ ފަޅުގައި އަމަން ރިސޯޓްސްއިން ތަރައްގީކުރާ ރިސޯޓު ހިންގަން ވަކިން އޮންނަ 27 ރަށެއް ހިއްކަން މާސްޓާ ކޮންސެޕްޓް ޕްލޭންގައި ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވާ މާސްޓާޕްލޭން ކޮންސެޕްޓުގެ ދަށުން، އަމަން ރިސޯޓްސްއިން ހިއްކާ ރަށްތައް ހުންނާނީ ކަނޑުގައި އުޅޭ ދިރުންތައް ސިފަވާ ގޮތަށެވެ. އޭގެ ތެރޭގައި، ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ގިނައިން ބަލާހިތްވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ. އެން މަޑި ސިފަވާ ގޮތަށް ފަރުމާކޮށްގެން ހިއްކާ ރަށްތައް ވެސް ހިމެނެ އެވެ.

އެ ރިސޯޓު ޑިޒައިންކުރީ ސިންގަޕޫރުގެ މަޝްހޫރު ކެރީ ހިލް އާކިޓެކްޓްސް (ކޭއެޗްއޭ) އިންނެވެ. ގިނަ އެވޯޑުތަކެއް ހޯދާފައިވާ ކޭއެޗްއޭއަކީ އަމަންގެ އެހެން ރިސޯޓުތަކާއި ވަން އެންޑް އޮންލީ އާއި ކޯމޯގެ ރިސޯޓުތައް ފަރުމާކޮށްފައިވާ އާކިޓެކްޓުންތަކެކެވެ. އެ މީހުންގެ ޑިޒައިންތަކުގައި އެންމެ ހާއްސަ އެއް ސިފައަކީ ތަނެއްގެ ވަށައިގެންވާ މާހައުލުގައި ހިމެނޭ ސިފަތަކަށް ބިނާކޮށް އިމާރާތްތަކާއި ތަންތަން ފަރުމާކުރުމެވެ.

ކަނޑުގެ ދިރުންތައް އަސްލަކަށް ބަލައިގެން ރަށްތަކުގެ ފަރުމާ ހިޔާރުކުރި އަނެއް ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާއި އޮޔާއި ރާޅުތަކުގެ ސަބަބުން ރަށް ގިރުމާ ވޮޑުމަށް ކުރާ އަސަރު ކުޑަވާނެ ގޮތަކަށް ރަށް ހިއްކުމުން ކަމަށް ވުމެވެ.

އަމަން ރިސޯޓްސްއަށް ދޫކޮށްފައިވާ ފޮއްތެޔޮ ބޮޑުފުއްޓާއި ފަޅުގެ އިންތައް ފާހަގަކޮށްފައިވާ ފޮޓޮއެއް --


ފޮއްތެޔޮ ފަޅަކީ 6800 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އެ ފަޅު އަމަން ރިސޯޓްސްއިން ހިއްސާވާ ދިވެހި ކުންފުނި، އަމްރޮކް އިންވެސްޓްމަންޓްސްއަށް ދޫކުރީ މި ފަޅުގެ ތެރޭގައި އޮންނަ ފޮއްތެޔޮ ބޮޑުފުއްޓާއި ފޮއްތެޔޮ ފަޅުން އިތުރު 100 ހެކްޓަރެވެ.

މިއީ ކުރިން މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ވަރަށް ވުރެ ކުޑަ ސަރަހައްދެކެވެ. ކުރިން މައުލޫމާތު ލިބުނީ އަމަން ރިސޯޓްސްއަށް ފޮއްތެޔޮ ފަޅުގެ 400 ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްފައިވާ ކަމަށެވެ.

އަމަން ރިސޯޓްސްއިން މި ފަޅު ތެރޭގައި ހިއްކާ 27 ރަށުގައި، މޫދު ކޮޓަރިތައް ހިމެނޭހެން، 163 ގެސްޓު ކޮޓަރި ހުންނާނެ އެވެ. އަދި މުވައްޒަފުން ތިބެން ރަށަކާއި ސްޕާ އާއި ވެލްނަސް ރަށާއި ސީޕްލޭން ޖައްސާ ރަށާއި ބެކް-އޮފް-ދި-ހައުސް މަސައްކަތްތަކަށް ހާއްސަ ރަށްތައް ވެސް އޮންނާނެ އެވެ. ފޮއްތެޔޮ ބޮޑުފުށީގައި ހުންނާނީ ހުސް ގެސްޓު ކޮޓަރިތަކެވެ.

ހިއްކާ ރަށްތަކަށް (ގާތްގަނޑަކަށް 55.7 ހެކްޓަރުގެ ސަރަހައްދެއް) ބޭނުންވާ 1.58 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގަން ހަމަޖެހިފައި ވަނީ ވާވު އަތޮޅުގެ އެތެރެވަރިންނެވެ. ވެލި ނަގަން ހުށަހަޅާފައި ވަނީ ވާވު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކައިރިންނެވެ.

މި ރިސޯޓުގެ މަސައްކަތް ނިމި ހުޅުވޭނެ ކަމަށް އަންދާޒާކުރަނީ 2028 ނޫނީ 2029 ގެ ތެރޭގަ އެވެ. މި ރިސޯޓު ވެގެން ދާނީ ވާވު އަތޮޅުގައި ހުޅުވާ ހަ ވަނަ ރިސޯޓަށެވެ.