Advertisement

ޖީޑީޕީ ދަށްވަނީ ފަތުރުވެރިން ގެސްޓްހައުސްތަކަށް އަންނާތީ ކަމަށް ވޯލްޑް ބޭންކުން ބުނުމުން މަޓާޓޯއިން އެކަމާ ދެކޮޅު ހަދައިފި

30 އޭޕްރީލް 2024 - 21:12 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ރިސޯޓެއް : ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރިސޯޓުތައް ދޫކޮށް ފަތުރުވެރިން ގެސްޓްހައުސްތައް ހިޔާރު ކުރުމަކީ ރާއްޖޭގެ ޖީޑީޕީ ދަށްވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބު - ފޮޓޯ: އަދަދު


ޖީޑީޕީ ދަށްވަނީ ފަތުރުވެރިން ގެސްޓްހައުސްތަކަށް އަންނާތީ ކަމަށް ވޯލްޑް ބޭންކުން ބުނުމުން މަޓާޓޯއިން އެކަމާ ދެކޮޅު ހަދައިފި

30 އޭޕްރީލް 2024 - 21:12 1

ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވާ މިންވަރު މަޑުޖެހި، ޖީޑީޕީ ކުރިއަރާ މިންވަރު ދަށްވަނީ އަގުބޮޑު ރިސޯޓުތައް ދޫކޮށް ފަތުރުވެރިން އަގުހެޔޮ ގެސްޓްހައުސްތައް ހިޔާރުކުރާތީ ކަމަށް ވޯލްޑް ބޭންކުން ބުނުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެކަން ދޮގުކޮށްފި އެވެ.

މި ސަބަބާ ގުޅުވާ ވޯލްޑް ބޭންކުން، މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 5.2 ޕަސެންޓުން 4.7 ޕަސެންޓަށް ދަށްކުރީ މި މަހު އެ ބޭންކުން ނެރުނު "ސައުތު އޭޝިއާ ޑެވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގަ އެވެ.

ނަމަވެސް، ވޯލްޑް ބޭންކުގެ ލަފާކުރުމާ ދެކޮޅު ހަދައި މަޓާޓޯއިން ވަނީ މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ޖީޑީޕީ ދަށްވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިމާންޑާއި ހިދުމަތް ދެވޭ މިންވަރުގެ މެދުގައި ހުރި ބޮޑެތި ފަރަގުތަކެއްގެ ސަބަބުންނެވެ.

"މީގެއިތުރުން، މުޅި ދާއިރާގެ ހިދުމަތްތަކުގެ އެވްރެޖް ޑެއިލީ ރޭޓްސް ނުވަތަ އަގުތައް ދަށްކުރުމާއި އިތުރުވެފައިވާ ސަޕްލައިއަށް ވާވަރަށް ހިދުމަތް ހޯދުމަށް ރޭވިގެން ހިންގޭ މާކެޓިން މަސައްކަތްތަކެއް ނެތްކަންވެސް މަޓާޓޯއަށް ފާހަގަވެފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާޓާޓޯއިން އިތުރަށް ފާހަގަކޮށްފައިވާ ކަންކަން

  • މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގައި ހުރި 62،822 ޓޫރިސްޓު އެނދުގެ ތެރެއިން އަހަރުގެ ތެރޭގައި ހިދުމަތް ހޯދާފައިވާ އެނދުގެ ނިސްބަތް އުޅެނީ 51 އިންސައްތައިގާކަން
  • 2022 އާ އަޅާބަލާއިރު މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވްރެޖް ދުވަހުގެ އަދަދު 8.1 އިން 7.6 އަށް ދަށްވެފައިވާކަން
  • ދުނިޔޭގެ އިންފްލޭޝަން އުފުލުމާއި ކޮވިޑުގެ ސަބަބުން 2021 ގެ ބޮޑު ބަޔަކާ ހަމައަށް ބަންދުކޮށްފައި ހުރި ދުނިޔޭގެ އެހެން ފަތުރުވެރިކަމުގެ ހިދުމަތްދޭ ރާއްޖެއާ ވާދަވެރި "ބީޗު" މަންޒިލުތައް އަލުން ހުޅުވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ވާދަވެރިކަން ބޮޑުވުން
  • ފަތުރުވެރިކަމުން ލިބޭ އާމްދަނީ 2022 އިން 2023 އަށް 2.5 ބިލިއަން ރުފިޔާ މަދުވިކަން

މީގެ އިތުރުން، މަޓާޓޯއިން ވަނީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރިއާޔަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ ހަމައަށް ހުރި ތަފާސްހިސާބުތައް ކަން ފާހަގަކޮށް، އެ ތަފާސްހިސާބުތަކުން އަހަރުގެ ފުރިހަމަ މަންޒަރު ނުފެންނާނެ ކަމަށް ވެސް ބުނެފަ އެވެ.