Advertisement

ފަތުރުވެރިއެއްގެ ދަބަހާއި ޑްރޯން ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި

3 އޭޕްރީލް 2024 - 22:14 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފަތުރުވެރިއެއްގެ ދަބަހާއި ޑްރޯން ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި

3 އޭޕްރީލް 2024 - 22:14 0

ފުވައްމުލަކު ސިޓީގައި ޗުއްޓީ ހޭދަކުރުމުންދިޔަ ފަތުރުވެރިއެއްގެ އަތުން ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިރޭ އެކްސްގައި ހާމަކުރެއްވި ގޮތުގައި ދެ މީހުން ހައްޔަރުކޮށް ގެއްލިގެން ހުށަހެޅި ހުރިހާ ތަކެއްޗެއް ފުވައްމުލައް ސިޓީ ޕޮލިހުން ހޯދާފައިވާ ކަމަށެވެ. އެ މީހުންނަށް ބަންދުގެ މުއްދަތު ޖެހިކަން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އެ ފަތުރުވެރިޔާ އެ ވާހަކަ ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އޭނާ ބުނީ މޫދަށް އެރުނު ވަގުތު އޭނާގެ ދަބަސް އަދި ޑްރޯން ފޭރިގެންފައިވާ ކަމަށެވެ.

އެ ވީޑިއޯގައި ފަތުރުވެރިޔާ ކިޔައިދިން ގޮތުގައި އޭނާ ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާ ގާތަށް އައިސް ޑްރޯންއާ ބެހޭ ގޮތުން ސުވާލުކުރި އެވެ. ގާތްގަނޑަކަށް ތިން މިނެޓު ވަންދެން އެކުދިން އޭނާއާ ވާހަކަ ދެއްކި ކަމަށް ފަތުރުވެރިޔާ ބުނެ އެވެ.

ފަތުރުވެރިޔާ ބުނީ އޭނާ މޫދަށް އެރުނީ ޑްރޯން އާއި ދަބަސް ބޭއްވުމަށްފަހު ކަމަށެވެ. އޭނާ މޫދަށް އެރުމުން ފިލައިގެން ތިބި ބަޔަކު ނުކުމެ ދަބަހާއި ޑްރޯން ގެންދިޔައީ ކަމަށް އޭނާ ބުނެ އެވެ.

"އަހަރެން މޫދަށް އެރުނު ވަގުތު އެމީހުން އެ އެއްޗެހި ފޭރުނީ. އެމީހުން އައީ ވިނަގަނޑު ތެރެއިން. އަހަރެންގެ ދަބަހާ ޑްރޯން ގެންދިޔައީ،" އިނގެރޭސި ބަހުން ފަތުރުވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ދަބަސް ތެރޭގައި އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނެ އެވެ. އަދި އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވީޑިއޯގައި ފަތުރުވެރިޔާ ވަނީ އޭނާގެ ތަކެތި އަނބުރައި ދިނުމަށް އެދިފަ އެވެ.