Advertisement

ވަތަނީ ނިދާ

3 އޭޕްރީލް 2024 - 09:35 5

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ވަތަނީ ނިދާ

3 އޭޕްރީލް 2024 - 09:35 5

އިލްމަށް ލޯބިކުރާ ހިލްމުން ޖަރީވަމުންދާ ޒުވާނާ އެވެ. އެކާވީސް ވަނަ ގަރުނަށް ފޫޅުކެނޑި ޖީލުގެ ފަހުރުވެރިޔާ އެވެ. އިސްލާމީ މޫރިތިވި ސިޔަރަތުން ދިރިއުޅުން ބައްޓަން ކުރާނެ މަގު އެދުރުންނާއި މައިންބަފައިންގެ އުނގުން ދަސްކުރި މިތުރާ އެވެ. މައިންބަފައިންގެ މުއްފަތުން ޅަދުވަސް ގުނައި ހަށި ތެދުކޮށް ހިންދެމިލާން ތައްޔާރަށްހުރި އެކުވެރިޔާ އެވެ. މަސައްކަތުގެ މައިދާނުގައި ހަށި ތެދުނުކޮށް އުޅޭ މަދަދުވެރިޔާ އެވެ. ތިބާއަށް އަޑެއް އިވޭ ހެއްޔެވެ؟ ވޭނީ ގިސްލުމެއް އިހުސާސް ކުރެވޭ ހެއްޔެވެ؟ ތިބާގެ ގައުމު ހާލުގެ ދުލުން ގޮވާގޮވުންތައް މޭރުންވޭ ހެއްޔެވެ؟ މި ފަހުރުވެރި ގައުމު ތިބާގެ ހިދުމަތުގައި ވަމުންދާ ގުރުބާނީ ތަސައްވަރު ކުރެވޭ ހެއްޔެވެ؟ އަދި އެއްފަހަރު ވިސްނައިލާށެވެ. ފުން ނޭވާއެއް ލުމަށްފަހު ވިސްނައިލާށެވެ. ތިބާއަށް ޓަކައި ފަހުރުވެރިކަމާއެކު ދިވެހި ދިދަ އެބަ ވިހުރެ އެވެ. ތިބާގެ ހިދުމަތުގައި މި ވެށީގެ ވައިފެން ރޭދުވާ ތަކުރާރުކުރެ އެވެ. ހަންހާރަވެތި ހިދުމަތްތެރިޔާ އެވެ. އަކުރާއި ފިލިއެކުވެ އެމުނެމުން، ގެތެމުން މިދާ ލަފުޒުތަކުން އިއްވާ މިދެނީ ތިބާއަށް ޓަކައި އުފަން ފަސްގަނޑު އިއްވައިދޭ ފަސާނާ އެވެ. ވަތަނީ ނިދާ އެވެ.

ފަންނިއްޔާތުގެ ދޮރުން ބޯދީ، އިލްމީ ފުން ބަހުރުގައި ފަތަމުންދާ މި ޖީލުގެ ޝަރަފުވެރިޔާ އެވެ. އޮތީ ހިތްދަތިކަމުގެ އިންތިހާއީ ޝިކާޔަތެކެވެ. ކެކުޅުން ބޮޑު ރިވާޔަތެކެވެ. ފުރުސަތު ގައިގައި އޮޅި ފައިބުޑަށް ވެއްޓި ކާނުގަނޑަށް ހިނދޭއިރު ވެސް ނަގައި ބޮލަށް މަހައިލަން ނޭނގޭތީ ކުރެވޭ ޝަކުވާ އެވެ. އާދޭހެވެ. ހާމަވެ ފާޅުވާން ހުރީ އިލްމާއި ހުނަރުން ޖަރީވާން ލިބިފައިވާ ފުރުސަތުތަކެވެ. އަތުންފައިން ކަމެއް ނުކޮށް، ކިޔަވަން ބައިތިއްބާ ޅަކުދީން މަގުން ކަސިޔާރުވާތީ ކުރެވޭ ފިކުރުތަކުގެ ވާހަކައެވެ. ގައުމީ މިންގަނޑަށް އުނގެނުމުގެ ރާޅުގެ ހުޅި ހިއްލައި ނުލެވޭތީ ކުރެވޭ ފިކުރެވެ. މައިންބަފައިން އަތްފައި ކޮށި މެށި ގޭނިގެން ދަރީންނަށް ހެޔޮމަގު ދެއްކުމަށް ކުރާ މަސައްކަތް ފަނުފުލުންދާތީ ކަންބޮޑުވާ ކަންބޮޑުވުމެވެ. ވިސްނާށެވެ. އަދު މިވަނީ ހުރިހާ ކަމެއް ފަހިވެފައެވެ. ތަރަހައިން ފެށިގެން ޑިގުރީއަށެވެ. އެވެސް ހިލެއެވެ. މާދަމާއަށް އޮތް ގޮތް އަދި މާ އުޖާލާވެދާނެއެވެ. ކުރާންވީ ކޮންކަމެއް ހެއްޔެވެ؟ ފުރުސަތަށް ކާންދޭންވީ އެވެ. ޝަކުވާތައް ބަނޑަށް ޖައްސާންވީ އެވެ. ޝަކުވާ ގިނަވެ އަނގަ ހުޅުވިއްޖެ ނަމަ ދައުވަތު އެ ދެވެނީ ގޯހަށެވެ. މިތުރާ އެވެ. ގައުމު އެދެނީ އިލްމީ ރާހަތުން ސިކުނޑިތައް ބަރާކުރުމަށެވެ. ފަންނާއި ހުނަރުން އަތްތައް ހަރަކާތްތެރިވާށެވެ. އިސްކުރީނުތަކުން މިންޖުވެ، އީޖާދީ ހިޔާލުތަކަށް ވިސްނުން ހޭރިޔާ ކުރާށެވެ. އެހެންނޫނީ، ކާބަފައިން ވާރުތައިން ހިބަކޮށްދިން ހުނަރުވެރިކަން، ކާބަފައިންގެ ހަށިތަކާއެކު ބިމުގެ ތެރެއަށް ފޭދިގެންދާނީ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިތްތިރި، ކިޔަމަންތެރި މިތުރާ އެވެ. ދަނީ ފައްކާވަމުންނެވެ. ޒަމާނެވެ. ނިޒާމުތަކެވެ. ވަސީލަތްތަކެވެ. މުޅި ގައުމެވެ. ނަމަވެސް، ދެރައީ އަމަލުތައް ފައްކާ ނުވާތީއެވެ. ނަފުސުތަކަށް އެ މަގު ނުފެންނާތީއެވެ. ވިސްނުން ތަހުޒީބު ނުވާތީއެވެ. މީސްމީޑިއާއަށް ނަޒަރު ހިންގައިލާށެވެ. އެ މަންސަ ވެސް ލަދުން މަރުވެ މާޔޫސްވާވަރުވެއެވެ. ކީއްވެ ހެއްޔެވެ؟ ލިޔެވޭ ލިޔުންތަކުންނެވެ. ކުރެވޭ ފުރައްސާރައިންނެވެ. މަލާމާތާއި އާޑައިންނެވެ. އަދާހަމަކުރެވޭ ވީޑިއޯއާއި ފޮޓޯއިންނެވެ. ސިއްރާއި ފާޅުގައެވެ. ވަގަށާއި ހާސާކޮށްނެވެ. އެއްކީލި ހިޔާލުތަކާއި އިދިކީލި ވިސްނުންތަކުންނެވެ. ތާއިދު ހޯދުމަށާއި ފަލީހަތް ކުރުމަށެވެ. އަގުއެރުވުމަށާއި އަގުވައްޓައިލުމަށެވެ. ޝަހުސް ވިއްކުމަށާއި ނަފުސު ކަތިލުމަށެވެ. މަގުބޫލުކަން ލިބިގަނެ އަބުރު ކަތިލުމަށެވެ. ނަމަވެސް، ވިސްނައި ނުލެވެނީ އެންމެ ކަމަކަށެވެ. ތިމާއަށް މި ލިޔެވެނީ ތިމާގެ އަމަލުގެ ފަތްކަމެވެ. މާދަމާއަށް އިތުރުވާނެ، ބުރަވާނެ އަމަލުތަކެއްކަމެވެ. މި އަރައިގަނެވެނީ އަނެއްކާގެ ހައްގަށްކަމެވެ. ޖަވާބުދާރީވާން ޖެހޭ ދުވަހު ދޫތަޅުލެވި، ގުނަވަންތައް ހެކި ދައްކާނެ ކަމެވެ. އިންސާނީ ހައްގަށް ވަކާލާތު ކުރެވުނު ދޫ ނިސްބަތްވި ހަށިގަނޑުގެ އިނގިލިތަކުން ހެދެނީ ގޯސްކަން ނޭނގުމަކީ ކިހައި ބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟ އެއް ހިތަކުން ޖަހާ ވިންދުގެ އަމަލުތަކުގެ ވަޒަންހަމަ ނުވުމަކީ ގޯހެކެވެ. މިއީ، ތަރުބަވީ އިހުމާލެއް ހެއްޔެވެ؟ މައުނަވީ މަގުފުރެއްދުމެއް ހެއްޔެވެ؟

އޭ ހުނަރުވެރި ޒުވާނާއެވެ. އަދުގެ މިސްރާބުހުރީ ކެއްޗަކަށް ނޫނެވެ. ކަށްޗަށެވެ. ގައުމީ ނަވުގެ އަމާޒު ހޭރިޔާ ކުރުމަށް، ކުރާން ޖެހޭ ކަންކަން އިންތިހާއަށް އިތުރެވެ. ފުރަތަމައީ އިލްމަށް އިސްކަންދިނުމެވެ. ތައުލީމީ ޖީލަށް މަތިފަޑިން ޖާގަ ދިނުމެވެ. ދިރާސީ ހައްލުތަކުން ގައުމީ މައްސަލަތަކަށް ފަރުވާ ދިނުމެވެ. މަތީފަޑީގެ ޖާގަ މަގުމަތިން ކަށަވަރު ނުވާނޭހެން ސިޔާސަތުތަކާއި އިންތިޒާމުތައް ވަޒަންހަމަކުރުމެވެ. އެހެން ނޫނީ، ޅަ ސިކުނޑިތަކުގައި މަންޒަރު ކުރެހޭނީ މިހާރު ކުރެހޭ ގޮތަށެވެ. މާދަމާ އެންމެން އުޅޭނީ މަގުމަތީގައެވެ. ކުދިކިޔާނީ މީހާއަށެވެ. ރޮލާ ކެވޭނީ އަހުނާއި އުހުތުންގެ މަހެވެ. އެވެސް ރޯމާދުވާލު އެވެ. މިކަމަށް ދެވޭނެ ފަރުވާތައް ހުރީ ފެންނާށެވެ. އިލްމުވެރިންނާއި އާލިމުންނާއި ފިކުރުވެރީން މި ވެށީގައި އެބަތިއްބެވެ. ފަންނުވެރީންނާއި ހުނަރުވެރީން މި ގައުމުގެ ހެދި ބޮޑުވަމުން އެބަދެއެވެ. މައްސަލައަކީ ފުރުސަތެވެ. ފުރުސަތު ނުދެވުމެވެ. އެފަދަ މަކާނުތަކާއި މަންސަތައް މަދުވުމެވެ. މައްސަލަ ފެށެނީ ފިކުރެއްގެ އަވާގައި ގައުމު އިސްނުވާތީއެވެ. މަވެތިކަން އިސްވާތީ އެވެ. ގައުމަށް ހޭހަންކުރާން ބިނާކުރި އަތްތައް ދޫކޮށް މަގުމަތިކޮށްލެވޭތީއެވެ. ދައުރަކުން ދައުރަކުން، އަހަރަކުން ދަހަރަކުން ކަންކަން ސީދާނުވެ ގަރުނެއްގެ ފަހަތަށް ކަންކަން ސޮހިގެންދާތީ އެވެ. މިކަން އިސްލާމީ އުސޫލުން އިސްލާހީ މަގުން ތެދުކުރެވޭނީ ތިބާހުންނަށެވެ. ޒުވާނުންނަށެވެ. ޒުވާން އިލްމުވެރި އާލިމުންނަށެވެ. ދަރުމަވެރި މިތުރުންނަށެވެ. ތެދުވާންވީ ވަގުތު ތެދުވެގެންނެވެ. ބަސްބުނާންވީ ވަގުތު ބަސްބުނެގެންނެވެ.

ދެން އޮތީ ބޭރަށް ރޭރުވުމުގެ އާދައެވެ. އެކަން މުލުން ލުހެލަންޖެހޭ ވަގުތަކީ މިއީއެވެ. ޣާޒީރަދުންގެ ބާޒީ ހޯދިގޮތަށެވެ. ދޮންބަންޑާރައިން ކޮށްޓެވި މަގުން ގޮސް އުޅުމާއި ގުޅުންތައް އިސްލާހްކޮށްގެންނެވެ. ނާސިރީ ތަސައްވަރުން މާހިރުން އުފަންކޮށްގެންނެވެ. މިކަމަށް ޓަކައި ދިވެހީންގެ ދިރިއުޅުމުގެ މަންހަޖަށް ބަދިލީ ބަދަލުތަކެއް ގެންނާން ޖެހެއެވެ. އިސްލާމީ ދިވެހިވަންތަ ގޮތްތަކަށް އިސްކަންދިނުމުގެ ފަލްސަފާވެރިކަން ކުރިއަށް ނެރެން ޖެހެއެވެ. ގައުމިއްޔަތަށް ހެރޭ ކަށިތަކާއި ގޮތްތައް ދެނެގަނެ އެ ހޮރުތަކާއި ދޮރުތައް ބަންދުކުރާން ޖެހެއެވެ. މިކަންވާނީ އުނގެނުމާއި އުނގަންނައިދިނުން ގައުމީ ގޮވުމަށް މިސްރާބުކޮށްގެންނެވެ. ބޭރުގެ ގޮތްފޮތާއި ވައްޓަފާޅިއަށްވުރެ ދިވެހިއްޔަތު އިސްކޮށް އުނގަންނައިދީގެންނެވެ. ތަރުބަވީ އުނގުތަކާއި ބިނާތަކަށް ދެވޭ އިސްކަން އިތުރުކޮށްގެންނެވެ. ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފަންވަރާއި މިންވަރު އިތުރުކޮށްގެންނެވެ. މުޖުތަމައުގެ ބަދަހިކަމަށް ކުރެވޭ މަސައްކަތާއި ފަރުދީ ޒިންމާއަށް ދެވޭ ސަމާލުކަން ފަށްފަށްކޮށްގެންނެވެ. އިސްރަށްވެހީންނާއި މިންތީގެ ހަމަހަމަކަމަށް ފަރުވާދެވިގެންނެވެ. އެހެންނޫނީ، ގައުމުގެ ހަމަ މަގަށް މިސްރާބުކުރުމަކީ ދަތިކަމަކަށްވާނެއެވެ. ނޫނީ، އަބަދުމެ އުޅެންޖެހޭނީ ބޭރަށް ނާށިގަނޑު ދިއްކޮށްގެންނެވެ. މިއީ ދިވެހީންގެ ފެންވަރެއް ފަންވަރެއް ނޫނެވެ. މިއީ ދިވެހީން ބޭނުންވާ ގޮތެއް ނޫނެވެ. ތަރުބަވީ އުނގުން ފިޔަވާލައި ހިދުމަތުގެ މައިދާނަށް ނުކުންނާން ތިބި ޒުވާނުންނެވެ. އަމިއްލަ ފައިމަތީ ހިންދެމިލައިގެން ތިބި ޔާރުންނެވެ. ހިދުމަތުގެ މައިދާނުގައި ފައިހަމަކުރަމުންދާ ދިވެހި ދަރީންނެވެ. މިއީ ތިބާގެ ގައުމެވެ. މިއީ ތިބާގެ ދަރީންނާއި އެ ދަރީންގެ ދަރީން އުޅެން އޮތް ވެށްޓެވެ. ފަސްގަނޑެވެ. އެ ދަރީން މާދަމާ ޝަކުވާކުރާނެއެވެ. ފާޑުކިޔާނެ އެވެ. އެ ދަރީންނާ ހަމައަށް ދިވެހި ގައުމު ވާސިލުވިއިރު އޮތް ހާލަތު ގޯސްނަމަ އެވެ. ވީދި ހަސްފަސްނެތިފައިވާ އިޖުތިމާއީ ވެށްޓެއް ވާރުތަކޮށްދިނީތީއެވެ. ބަތޮލުންނަށް ކުޑައިމީސްކޮށް ބޭއިތިރާމުކުރި ޖީލެއް ފޯރުކޮށްދިނީތީ އެވެ. އިލްމަށް ލޯބިނުކުރި މުވާތިނުން މަތިފަޑިން ތާރީހަށް ވާސިލުވި ވާހަކަ ކިޔަވައިދޭން ޖެހުނީތީ އެވެ. މަވެތިކަމުގެ ދަޅައިގައި ޖެހި ގައުމު ހަނދުމަނެތުނީތީއެވެ. ވިސްނާށެވެ. ކަންކަން ބަދަލުކުރެވޭނީ ލަސްލަހުން މަޑުމަޑުންނެވެ. ކުދިކުދި ކަންކަމުންނެވެ. ފަށާނީ ކަނދުބުޑުންނެވެ. ބޮންތިއާހަމައަށް އަރާނީ އޭގެ ފަހުންނެވެ. އެކަންވާނީ ފަރުދީ ޒިންމާއިންނެވެ. ފަށަންވީ އެ ހިސާބުންނެވެ. އޭރުން މުނިމުނިދަރީން މޭގައި އަތްޖަހައިލަމުން، 'ފެއްސާ ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް' ކިޔާނީ އުފަލުން ހެމުންނެވެ. ފަހުރުވެރިކަމާ އެކުގައެވެ. ދިވެއްސަކަށްވީތީ އުފާކުރަމުންނެވެ.