Advertisement

ބައެއް ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާ ވަނީ

މޯލްޑިވިއަންގެ ޕައިލެޓުންތަކެއް އެއާ އެމްބިއުލާންސަށް އަރަނީ: ދިވެހިންނަށް ހާއްސަކުރި ވަޒީފާތަކުގެ ތެރޭގައި ޕައިލެޓުން ހިމެނޭ --- ފޮޓޯ: އައިލެންޑް އޭވިއޭޝަން


ބައެއް ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާ ވަނީ

ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބިދޭސީން އަދާކުރުން މަނާ ވާނެ ދާއިރާތައް ކަނޑައަޅައި، މިހާރު ހުރި ކޯޓާތައް ބާތިލު ވާނެ މުއްދަތުތައް ސަރުކާރުން ކަނޑައަޅައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ގެޒެޓުކޮށްފައިވާ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ" އާ ގަވާއިދުގައި، ކޯޓާ އެއް ގޮތަކަށް ވެސް ދޫނުކުރެވޭނެ ވަޒީފާތަކެއް ވެސް ކަނޑައަޅާފައި ވެ އެވެ. މި ވަޒީފާތަކަށް އެއްވެސް ވަރަކަށް ކޯޓާ ދޫނުކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.

މި ވަޒީފާތަކަށް ކޯޓާ ދޫނުކުރާ ގޮތަށް ނިންމާފައި އޮތަސް، ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި މިންވަރަށް ބަލައި، މަނާކޮށްފައިވާ ވަޒީފާތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު، ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބެ އެވެ.

އެއްވެސް ވަރަކަށް ކޯޓާ ދޫނުކުރާ ވަޒީފާތަކަކީ:

  • ޓެކްސް ޑްރައިވަރުން / ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން
  • މަތިންދާބޯޓުފަހަރުގެ ކޯ-ޕައިލެޓުން / ފަސްޓް އޮފިސަރުން
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން
  • ފޮޓޯގްރަފީ އާއި، ވީޑިއޯގްރަފީ އާއި، އެއާ ގުޅުން ހުރި މަސައްކަތްތައް
  • މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތަށް
  • ކެފޭ އާއި ރެސްޓޯރަންޓުތަކުގައި މަސައްކަތް ކުރާ ކޭޝިއަރުން

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫކުރުން މަނާވާ ވަޒީފާތަކަކީ:

  • ހެއާ ޑްރެސާ
  • ބިއުޓީޝަނުން
  • ބޭބީ ސިޓާ
  • ޕާސަނަލް ޓްރެއިނަރުން
  • އިލެކްޓްރީޝަނުން
  • ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
  • ޓުއާ ގައިޑުން
  • އެކައުންޓަންޓުން
  • އިމާމުން

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫކުރުން މަނާވާ ވަޒީފާތަކަކީ:

  • ޑައިވަރުން
  • ނަރުހުން
  • ބިލްޑިން އިންސްޕެކްޓަރުން
  • ސާވެޔަރުން
  • ސައިޓް ސުވަވައިޒަރުން
  • ޕައިލެޓުން
  • ފޮޓޯގްރާފަރުން

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫކުރުން މަނާވާ ވަޒީފާތަކަކީ:

  • އިލެކްޓްރިކަލް އިންޖިނިއަރުން
  • ޑައިވް އިންސްޓްރަކްޓަރުން

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫކުރުން މަނާވާ ވަޒީފާތަކަކީ:

  • ހައުސް ކީޕިން މެނޭޖަރުން
  • ހިއުމަން ރިސޯސަސް މެނޭޖަރުން
  • ފްރަންޓް އޮފީސް މެނޭޖަރުން
  • ޕްރައިމަރީ ޓީޗަރުންނާއި ސެކަންޑްރީ ޓީޗަރުން

ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ، ދިވެހިންގެ ޝައުގު ހުރި ދާއިރާތައް ދިވެހިންނަށް ހާއްސަ ކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށެވެ. އެ ގޮތުން ޑިސެމްބަރު 24، 2023 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ސަރުކާރުން ވަނީ މި ސިޔާސަތު ތަންފީޒުކުރަން ނިންމާފަ އެވެ.

ދިވެހިންނަށް ހާއްސަކުރަން ނިންމި ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ގިނަ ދާއިރާތަކަކީ މިހާރު ވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ދާއިރާތަކެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާއި، ބިއުޓީޝަނުންނާއި، ކޮންސްޓްރަކްޝަން ވަޒީފާތަކުގެ ބޮޑު އިންސައްތައަކީ ބިދޭސީންނެވެ.

މީގެ ކުރިން ވެސް ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުތަކުން ނިންމާފައި ވެ އެވެ. އަދި މިހާރު ވެސް ޓޫރިޒަމުގެ ގަވާއިދުތައް އޮންނަ ގޮތުން ރިސޯޓުތަކުގައި 40 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނަށް ވާން ޖެހެ އެވެ. މިހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ، މި ގަވާއިދުތައް ތަންފީޒު ނުވެ އެކަންކަން އޮތީ ދޫކޮށްލެވިފަ އެވެ.