Advertisement

ޕީއެންސީގެ ކެމްޕޭނު ބިލްބޯޑުތައް ޖަހަން އެޗްޑީސީގެ މުވައްޒަފުން ނެރެފި

2 އޭޕްރީލް 2024 - 20:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު އިރުއޮއްސުނު ވަގުތު އެޗްޑީސީގެ މުވައްޒަފުން ޕީއެންސީގެ ކެމްޕޭނު ބިލްބޯޑެއް ހަރުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަދަދު


ޕީއެންސީގެ ކެމްޕޭނު ބިލްބޯޑުތައް ޖަހަން އެޗްޑީސީގެ މުވައްޒަފުން ނެރެފި

2 އޭޕްރީލް 2024 - 20:27 0

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގަންނެވުމުގެ ކުރިން އެ އަވަށުގެ އެކި ސަރަހައްދުތަކުގައި ޕީއެންސީގެ ކެމްޕޭނު ބިލްބޯޑުތައް ހަރުކުރުމަށް އެޗްޑީސީގެ މުވައްޒަފުންނާއި އެ ކޯޕަރޭޝަނުގެ ވެހިކަލް ބޭނުން ކުރަމުންދާކަން އެނގިއްޖެ އެވެ.

އެޗްޑީސީގެ ބިދޭސީ މުވައްޒަފުން ލައްވައި ޕީއެންސީގެ ކެމްޕޭނު ބިލްބޯޑުތައް ހަރުކުރާކަން "އަދަދު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އެޗްޑީސީގެ މުވައްޒަފުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

އެކަމާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކޯޕަރޭޝަނުގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓު މެނޭޖަރު، މުހައްމަދު ސިރާޖު ވިދާޅުވީ އެ މައުލޫގައި އެއްޗެއް ދަންނަވަން އެނގޭނީ އެކަން ބެލުމަށްފަހު ކަމަށެވެ.

"އަޅުގަނޑަށް އެއްޗެއް ދަންނަވަން އެނގޭނީ ތިކަން ބެލުމަށްފަހު، މިވަގުތަށް ނޯ ކޮމެންޓު،" ސިރާޖު ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މަނާ ކަމެކެވެ. އެހެންނަމަވެސް މީގެ ކުރީގެ ބައެއް އިންތިހާބުތަކުގައި ވެސް އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަކުން ދައުލަތުގެ ވަސީލަތްތައް ކެމްޕޭނަށް ބޭނުން ކުރާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ.

އެއްވެސް ސިޔާސީ މަންފާއެއް ހޯދުމަށް ނުވަތަ ސިޔާސީ ކެމްޕޭނެއް ކުރުމަށް ދައުލަތުގެ އެއްވެސް ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާ ޖަމާއަތްތަކުން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ގޮވައިލަ އެވެ.