Advertisement

ގަރުނެއްގެ ޔޫސުއްބެ: އަދިވެސް މަސައްކަތްތެރި ލެޖެންޑެއް!

3 އޭޕްރީލް 2024 - 10:39 2

ލ. ހިތަދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ލާމު ހިތަދޫ ޔޫސުފް ހަސަން (ޔޫސުއްބެ)


ގަރުނެއްގެ ޔޫސުއްބެ: އަދިވެސް މަސައްކަތްތެރި ލެޖެންޑެއް!

3 އޭޕްރީލް 2024 - 10:39 2

ލ. ހިތަދޫ

އެއީ ހަމަ އަޖައިބެކެވެ. އިވުނު ވާހަކައިން ލިބުނީ ހައިރާން ކަމެކެވެ. މީހެއްގެ އުމުރުން ގާތްގަނޑަކަށް 100 އަށް އެރި ނަމަވެސް އޭނާ ހިނގާފައި ކޮންމެ ވެސް ތާކަށް ގޮސް އުޅެނީ އެވެ. އުމުރު ގަރުނަކަށް އެޅިއިރު ވެސް އެހާ ހެލިފެލިވެ އެ މީހަކު އުޅެވޭ ހެއްޔެވެ؟

"ހަމަ ހިނގައިފަ ބޭބެ އުޅޭނީ، އެ އެކަންޏެއް ވެސް ނޫން، މަސައްކަތް ވެސް ކުރާނެ، އުނދުޅި އެއްޗެހި ހަދައި އުޅޭނެ، ވަޑާމާއި އަތްތެރި މަސައްކަތް ވެސް ކުރާނެ، މިހާރު އުމުރުން 90 އަށް ވުރެ މަތީގައި، 100 އާ ގާތްކޮށް އުޅޭނީ،" ރަށު ކައުންސިލްގެ އޮފިސަރު މުހައްމަދު ތޮލާލް ބުންޏެވެ.

ލާމު ހިތަދޫ ޔޫސުފް ހަސަން (ޔޫސުއްބެ) ގެ ވާހަކަތައް އޭނާއާ އާއިލީ ގުޅުމެއް އޮންނަ މުހައްމަދު ތޮލާލް ކިޔައިދިނުމުން ވެސް ގަބޫލު ކުރަން ދަތިވި އެވެ. ޔޫސުފަކީ، ތޮލާލްގެ ކާފަގެ ދެބެއިންގެ ދެދަރި މީހެކެވެ. ތޮލާލްގެ ވާހަކަތައް އަޑުއަހާފައި، ޔޫސުއްބެއާ ބައްދަލު ކުރަން ކޮންމެހެން ވެސް ޖެހިއްޖެ އެވެ.

އެކަމަކު، އަބަދުވެސް ހަރަކާތްތެރި ދިރިއުޅުމެއްގެ ވައްޓަފާޅިއެއް ގެންގުޅޭ ޔޫސުއްބެއާ ބައްދަލުކުރުން ވެސް ވީ ފަސޭހަ ކަމަކަށެއް ނޫނެވެ. ގޭގައި ގިނަ ވަގުތު ނޫޅެ އެވެ. ގޭގައި އުޅެނީ ވެސް އެކަންޏެވެ. އެކަމަކު އެކި ދަރިން އުޅޭ ގެތައް މާ ދުރެއް ނޫނެވެ. އެއިން ގެއަކުން ވެސް އޭނާއާ ބައްދަލުވާ ގޮތެއް ފުރަތަމަ ނުވި އެވެ.

އެކަމަކު ގަރުނެއްގެ ހަޔާތުގެ ވާހަކައާއި އެ އުމުރުފުރާގައި ވެސް އޭނާ ހެލިފެލިވެ އުޅޭ ގޮތް ދެކިލަން ބޭނުންވެފައި ތިބި ވަރުން އޭނާގެ ދަރިއެއްގެ ގޭގެ ކުރިމަތީގައި މަޑުކޮށްގެން ތިބެފީމެވެ. ކާފަ ދަރިންނާއެކު ވަގުތު ހޭދަކޮށްލަން ޔޫސުއްބެ އެ ގެއަށް ވަރަށް ގިނައިން ގޮސް އިންނަ ވާހަކަ އިވޭތީ އެވެ.

ނަސީބު ރަނގަޅެވެ. މާތް ﷲ އަށް ހަމްދެވެ. ފެހި ކުލައިގެ ޓީޝާޓަކާއި މުންޑެއް ލައިގެން ހުރި ދޮށީ އުމުރުގެ ފިރިހެނަކު މަޑުމައިތިރި ކަމާއެކު ހިނގާފައި ނުކުމެއްޖެ އެވެ. ޔޫސުއްބެއަށް ހަމަ ފަރިތަކޮށް ވާހަކަ ދެކެވެ އެވެ. ކަންފަތާ މާ ކައިރި ނުވިޔަސް، އަހަރުމެން ދައްކާ ވާހަކަ ވެސް އޭނައަށް ބަރާބަރަށް އިވެ އެވެ.

ހަމަޖެހިލައިގެން ޔޫސުއްބެ އެކީ ހިނގާފައި ދިޔައީ އޭނާ އުޅޭ ގެއަށެވެ. ޔޫސުއްބެ އުޅެނީ ހުސް ބިމުގެ ޖާގަ ބޮޑުކޮށް ބާއްވާފައި އޮންނަ ގޯއްޗަކު އެވެ. އޭނާ މަސައްކަތް ކުރާ، އަދި ހަދާފައި ހުންނަ ބައެއް ތަކެތި ރައްކާތެރިކޮށްފައި ހުންނަ ގުދަނެއް ވަކިން އެ ތަނުގައި ހުރެ އެވެ.

ރޭގަނޑުގެ އަނދިރި ކަމުގައި ވެސް ޔޫސުއްބެއަށް ކޮންމެ ވެސް ވަރަކަށް އެ ތަންތަން ފާހަގަކޮށްލެވޭ ވަރު ވެސް ވެ އެވެ. އޭނާ ހަދާފައި ހުރި ބައެއް އެއްޗެހި ވެސް ގުދަނުން ނެރެ ދެއްކި އެވެ. އޭގެ ތެރޭގައި ތާސް، ފަކީރާ، އުދެލި، ތަށި ޒާތުގެ އެއްޗެހި ހުއްޓެވެ.

ޔޫސުއްބެ، އޭނާ އަތުން ހަދާ އެއްޗެއް ދައްކާލަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދެން ޔޫސުއްބެގެ ކޮޓަރި ދައްކައިލަން ގެންދިޔަ އެވެ. ގޯތީގެ އެބައި ރާނާފައި ހުރީ ޒަމާނީ ގޮތަކަށެވެ. އެޅިގަލުން ސިމެންތި ވެސް ލައިފަ އެވެ. ކުލަ ވެސް ލައިފަ އެވެ. ފަނޑު ރީނދޫ ކުލައިގެ ބޮއްކަކުން ކޮޓަރި ދިއްލައިލި އެވެ. ސީލިން ވެސް ހުރީ އެންމެ ޒަމާނީކޮށެވެ.

އެ ކޮޓަރި އެތެރޭގައި ހުންނަ ކުޑަ އެހެން ކޮޓަރިއެއްގައި ލަކުނޑި ދޭފަތް ބޮނޑިބޮނޑިއަށް އައްސާފައި ހުއްޓެވެ. އެއީ ޔޫސުއްބެގެ މަސައްކަތެވެ.

"ރޯދައަށް ގަންނާނެ ދެން ވަރަށް މީހުން، އަނެއްހެން ނުބަލަން ލިބޭ ވަރެއް، ހިސާބެއް ނުބަލަހައްޓަން، 200ރ. އަށް ކޮންމެ ބޮނޑިއެއް ވިއްކަން،" އޭނާ ބުންޏެވެ.

ޔޫސުއްބެ ބުނި ގޮތުގައި އޭނާއަކީ ވަރަށް ޅައިރުންފެށިގެން ވެސް ވަރަށް މަސައްކަތްތެރި މީހެކެވެ. ސަރުކާރުން އެ އަތޮޅު މެންދޫ ބެލެހެއްޓި ޒަމާނުގައި ދަނޑުވެރިކަމާއި ރުކަށް އަރައި ރުކު ރާ ނެގުން، މި ޒާތުގެ އެކި މަސައްކަތް އޭނާ ކޮށް އުޅުނެވެ.

ލާމު ހިތަދޫއާއި ޖެހިގެން އޮންނަ މެންދޫ ސަރުކާރުން ދޫކޮށްލުމުން ޔޫސުއްބެގެ އެ މަސައްކަތްތަކަށް ހުއްޓުމެއް އައި ނަމަވެސް މަސައްކަތް މަޑުޖައްސަލައިގެން އުޅޭކަށް ބޭނުމެއް ނުވި އެވެ. އެހެންވެ އަތްތެރި މަސައްކަތުގެ ތެރެއަށް އޭނާ ވަދެފި އެވެ.

"މިހާރު ދެން ކުޑަކޮށް އުނދަގޫތަކެއްވޭ މާ ގިނައިން ހިނގީމަ، އެހެންވެ ބައެއް ގާތްތިމާގެ ކުދިން، ބޭބެއަށް ގެނެސްދޭނެ، ލަޑުކި، ގެނައިމަ ދެން ހުރިހާ މަސައްކަތެއް ބޭބެ ކުރަނީ،" އޭނާ ބުންޏެވެ.

ޔޫސުއްބެ، ހަދާ ލަކުނޑި ދޭފަތްތައް ދައްކާލަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަނދާން ވެސް ގަދަ؛ ވަރަށް ވާހަކަ ދެއްކި!

ޔޫސުއްބެ އޭނާގެ އައިޑީ ކާޑު ދައްކައިލި އެވެ. ދޮށީ އުމުރުފުރާގެ ގިނަ މީހުން ފަދައިން ޔޫސުއްބެ ވެސް އޭނާގެ އުފަން ތާރީހެއް ނޭނގެ އެވެ. އޭރުގައި އެއީ މާ މުހިންމު ކަމެއް ވެސް ދެވޭ ކަމެއް ނޫން ކަމަށް ޔޫސުއްބެ ބުންޏެވެ. އެހެންވެ އައިޑީކާޑުގައި އުފަން ތާރީހަކަށް އޮތީ ޖެނުއަރީ 1، އެވެ. އުފަން އަހަރުގެ ގޮތުގައި އޮތީ 1929، އެވެ. އެހެން ނަމަ ޔޫސުއްބެއަށް މިހާރު އުމުރުން 95، އެވެ.

އޭނާ ބުނާ ގޮތުން އުފަން އަހަރު ވެސް އެއީ އެނގިފައި އޮތް ކަމެއް ނޫނެވެ. އެކަމަކު ހަނދާނުގައި އެކި ހާދިސާތައް ހުރެ އެވެ. ބައެއް ވެރީންގެ ވާހަކަތައް، އޭރު ޅައިރު ހިނގި ކަން ހަނދާނުގައި ހުރެ އެވެ. އުފަން އަހަރު ހޯދީ ވެސް އެ ބީދައިން ކަމުގައި އޭނާ ބުންޏެވެ.

"މުހައްމަދު ސަމްޝުއްދީން ރަސްކަމުގައި، ހަނދާން އެބަ ހުރި ރަނގަޅަށް، ހަސަން ނޫރައްދީން ވެސް، އެއީ ކޮއްކޯފުޅެއްނު، ސަމްޝުއްދީން ރަސްކަން ހަނދާން އެބަހުރި، ހަސަން ނޫރައްދީން ރަސްކަން ހަނދާން އެބަހުރި، ހަސަން ނޫރައްދީން ރަސްކަމުގައި ދިހަ އެގާރަ އަހަރު ވާނެ، ހަނދާން އެބަހުރި،" އޭނާ ކިޔައިދިނެވެ.

"ބޭބެ ޅައިރުގައި ދެވަނަ ބޮޑު ހަނގުރާމަ ފެށީ، އޭރު އުމުރުން އެގާރަ ބާރަ އަހަރު، ހަނދާން އެބަ ހުރި،"

ޔޫސުއްބެ، އޭނާ އަތުން ހަދާ އެއްޗެއް ދައްކާލަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މި ވާހަކަތައް ހިއްސާކޮށްދިނީ ތާރީހު ދިރާސާކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ޔޫސުއްބެ ސީދާ އުފަންވި އަހަރު ހޯދައިދެއްވީ އެމަނިކުފާނު ކަމަށް ޔޫސުއްބެ ބުންޏެވެ.

"އައިޑީކާޑުގައި އޮތް ތާރީހު ހޯދައިދެއްވީ އަންނި (ރައީސް މުހައްމަދު ނަޝީދު)، އެއީ ވެސް ސީދާ އުމުރު ކަމެއް ޔަގީނެއް ނޫން، 100 އަހަރު އުމުރުން ވާން އުޅޭ ކަން ޔަގީން ދެން،" މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ޔޫސުއްބެ ބުންޏެވެ.

ޔޫސުއްބެ ދެ ކައިވެންޏެއް ކުރި އެވެ. ދެ ކައިވެންޏަށް އޭނާގެ ހަތަރު ދަރިން އެބަ ތިއްބެވެ. އެއީ ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިންނެވެ. މުހައްމަދު ޔޫސުފް، އަހުމަދު މުފީދު، ހައްވާ ޔޫސުފް، އަދި ފާތިމަތު ޔޫސުފް އެވެ. އޭނާއަށް ކާފަ ކިޔާ 20 ކާފަ ދަރިން އަދި މުނިކާފަ ކިޔާ 24 ދަރިން އެބަ ތިއްބެވެ. އެ އެންމެންނާ ވެސް ގުޅުން ރަނގަޅު ކަމަށް ޔޫސުއްބެ ބުންޏެވެ.

"މި ޖެހިގެން އެ ހުރީ ދަރިންގެ ގޭގެ، އެ އެންމެން ވެސް ބަލާ އަހަރެންނަށް، ދޭފަތް ހަދަން ލަކުނޑި ގެނެސްދޭނެ، މަސައްކަތް ކުރަން، ފެންވަރަން، ނިދަން، ނޫނިއްޔާ އުޅޭނީ އެ ގޭގޭގައި، ކާފަ ދަރިއެއް ހުންނާނެ މާލޭގައި، އިހަށް ދުވަހު އޭނައަށް ވެސް ފޮނުވިން، ބޭބެ ހެދި ދޭފަތްތަކެއް،" އޭނާ ބުންޏެވެ.

ޔޫސުއްބެ،ދިރިއުޅޭ ގޯތީގައި ހުންނަ އޭނަ މަސައްކަތްކުރާ މުސްކުޅި ގެގަނޑު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޔޫސުއްބެ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެއް މާ ބޮޑަކަށް ނުދެއްކި އެވެ. އެކަމަކު އެކި ވެރިކަންތަކުގައި ހިނގި، އެކި ވާހަކަ އޭނާ ދެއްކި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ ޖެހެންދެން އެކި ކަންކަން އޭނާގެ ހަނދާނުގައި އެބަ ހުއްޓެވެ. އެއިން ވެސް ރައީސް ނަޝީދުގެ ވާހަކަ ދެއްކެވި ވަރަށް ބޮޑަށް ދެއްކެވި އެވެ.

އެ ހުރިހާ ވާހަކައެއް ދައްކަވަމުން ހިތަދޫއަށް މާ ބޮޑު ކަމެއް ނުކޮށްދޭ ކަމުގެ ޝަކުވާ ވެސް ކުރި އެވެ.

"އަންނި ދެން ވަރަށް ހެޔޮ، އާސަންދަ، ހިލޭ ބޭސްފަރުވާ، އަހަރުމެން ދުވަސްވީ މީހުނަށް އިނާޔަތް، ނުކެޅެދޭ މީހުނަށް އިނާޔަތް، އެކަނިވެރި މައިންނަށް އިނާޔަތް، މިހެން ގޮސް އެކި ކަންކަން އޭނާ ކުރި، އެކަމަކު އޭނައަށް ވެސް، މި ރަށަށް މާ ބޮޑު ކަމެއް ނުކޮށްދެވޭ،" ޔޫސުއްބެ ބުންޏެވެ.

ހިތަދޫއަށް ކުރިއެރުމެއް ގެނެސްދެން ވެރިއެއް ގޮތުގައި ޔޫސުއްބެ ދެކެނީ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނު ވެރިކަމުގައި ހިތަދޫއަކީ އެ އަތޮޅު ވެރިކަންކުރާ ރަށެވެ. އެކަމަކު ރައީސް މައުމޫނުގެ ވެރިކަމުގައި ފޮނަދުއަށް އަތޮޅު ވެރިކަން ބަދަލުކުރި ވާހަކައާއި އޭގެ ކުރިން ދަނބިދޫގައި ވެސް އަތޮޅު ވެރިކަން ކުރި ވާހަކަތައް ވެސް އޭނާ ކިޔައިދިނެވެ.

މައުމޫނުގެ ވެރިކަމުގައި، ފަނޑިޔާރަކާ މައްސަލަ ޖެހިގެން މަކުނުދޫއަށް އަރުވާލި ވާހަކަތަކެއް ވެސް ދެއްކި އެވެ.

"ދެ އަހަރާއި ހަ މަސް ދުވަހު, މަކުނުދޫގައި އުޅުނީ، އެއީ ދެން ހަނދާނުގައި ކިރިޔާ ވެސް ބޭބެއަށް އަދަބެއް ލިބުނު ފަހަރު، އޭރު އުމުރުން 54 އަހަރު،" އޭނާ ބުންޏެވެ.

ވަރަށް ގިނަ ވާހަކަތައް ދެއްކުމަށް ފަހު އަލްވަދާއުގެ ސަލާން ކީ، ދެން ވެސް ހިތަދޫއަށް އާދެވޭ ފަހަރެއްގައި ޔޫސުއްބެ ދުނިޔޭގައި ހުރެފިނަމަ ބައްދަލުވާން އެ ގެއަށް އަންނަން ވައުދުވެފަ އެވެ. ގަރުނެއްގެ ހަޔާތެއް އުޅެފައިވާ ޔޫސުއްބެއަކީ އަދިވެސް ހެލިފެލިވެ އުޅޭ، މަސައްކަތްތެރި ލެޖެންޑެކެވެ.