Advertisement

ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީ ފޮނުވަން ނިންމައިފި

1 އޭޕްރީލް 2024 - 22:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޒަކާތު ހައުސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ - ފޮޓޯ:އަބްދުﷲ އިޔާން / އަދަދު


ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީ ފޮނުވަން ނިންމައިފި

1 އޭޕްރީލް 2024 - 22:59 0

ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އަދި އެ ފަންޑުގެ މެނޭޖުމަންޓު ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ގާއިމުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މި ފަހުން ވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްދިން ކަދުރު ވެސް ގައްޒާއަށް ފޮނުވުމަށް ދިވެހިންގެ ގިނަ ބަޔަކު ގޮވާލަމުން ދިޔަ އެވެ.

އިޒްރޭލް-ފަލަސްތީނު މައްސަލާގައި ދިވެހި ދައުލަތުގެ އަބަދުވެސް ސްޓޭންޑަކީ އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް ތިބުމެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، 1967 ގައި، އދ. އިން ކަނޑައެޅި ގޮތަށް ފަލަސްތީނަށް އެ ދައުލަތުގެ ބިންތައް އެ ގޮތުގައި ލިބުމަށް ވަކާލާތު ކުރުމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 32،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 17،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ މި ގަތުލުއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ފާސްކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ.