Advertisement

އިޒްރޭލުގެ ފަތުރުވެރިންނާއި އުފެއްދުންތައް މަނާކުރަން ގޮވާލައި މަޖިލީހުން ގަރާރެއް ފާސްކޮށްފި

1 އޭޕްރީލް 2024 - 16:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލާ މަޖިލިސް ދޮށުގައި ބޭއްވި އެއްވުމެއްގެ ތެރެއިން : އިޒްރޭލުގެ ފަތުރުވެރިންނާއި އުފެއްދުންތައް މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކޮށްފި - ފޮޓޯ: އަދަދު


އިޒްރޭލުގެ ފަތުރުވެރިންނާއި އުފެއްދުންތައް މަނާކުރަން ގޮވާލައި މަޖިލީހުން ގަރާރެއް ފާސްކޮށްފި

1 އޭޕްރީލް 2024 - 16:26 0

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް އޮކްޓޯބަރު 14، 2023 ގައި ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބި 41 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ގަރާރު މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް މިއަދު ތަޅުމަށް ރިޕޯޓު ހުށަހެޅުމުން ބަހުސްގައި ބައިވެރިވި ގިނަ މެންބަރުންވެސް ވަނީ އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ގިނަ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.

މަޖިލީހުން މިއަދު ފާސްކުރި މި ގަރާރުގައި އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ވަނީ ގޮވާލާފަ އެވެ.

މަޖިލީހުން މިއަދު ފާސްކުރި ގަރާރުގެ އިތުރުން، ނޮވެމްބަރު 16، 2023 ގައި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ. ނަމަވެސް އެ ސިޓީއަށް މިހާތަނަށް އެއްވެސް އަމަލެއް ކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން އެންމެ ފަހުން ބުނީ ސިޓީއާ ގުޅޭ މައްސަލަ މިހާރު ބަލަމުންދަނީ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލުން ކަމަށެވެ.

ރައީސް އޮފީހުގައި ޖެނުއަރީ 28، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، "މީގެ މަޝްވަރާތައް ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގައި އެބަ ކުރިއަށްދާ ވާހަކަ" ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސްއަށް ލަފާ އަރުވަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ އެ ކޮމިޓީގެ ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ނިންމީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ މަޖިލީހުގެ އިދާރާ ކައިރި މުޒާހަރާ ކުރުމުން އެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 32،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 17،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ މި ގަތުލުއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ފާސްކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ.