1 އޭޕްރީލް 2024 - 15:48 0
އަމަން ހަލީމް
ސަން ޓްރެވަލްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް: ހިލްޓަންއަށް ފައިސާ ދައްކާ ހަލާސްކޮށްފައި މިވަނީ ބަދަލު ދޭން ނިންމިތާ 10 އަހަރު ފަހުން -- ފޮޓޯ: ރައީސް އޮފީސް
1 އޭޕްރީލް 2024 - 15:48 0
އިރުފުށި ރިސޯޓު ހިންގަން ހިލްޓަން ހޮޓެލްސް އާއި ސަން ޓްރެވަލްސް އެންޑް ޓުއާސްއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސަންއިން ބަދަލުގެ ގޮތުގައި ހިލްޓަންއަށް 31.2 މިލިއަން ޑޮލަރު ދައްކައިފި އެވެ.
މިކާމާ ގުޅޭގޮތުން ސަން ޓްރެވަލްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ހިލްޓަންއަށް އެވޯޑުކުރި ފައިސާ ސަން އިން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އާބިޓްރޭޝަނުން ބަދަލުގެ ގޮތުގައި ކަނޑައެޅީ 24 މމިލިއަން ޑޮލަރެވެ. ނަމަވެސް އިންޓްރެސްޓްއާއެކީ ޖުމްލަ 31،252،874.46 މިލިއަން ޑޮލަރު (489.1 މިލިއަން ރުފިޔާ) ދައްކާފައިވާ ކަމަށް ސަންއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާއި ހަބީރުންނަށް ކުރި ހަރަދާއި ގުޅުންހުރި އެހެނިހެން ހަރަދުތައް ހިމެނޭ ގޮތަށް 5.5 މިލިއަަން ޑޮލަރު (84.8 މިލިއަން ރުފިޔާ) ހަރަދުކުރަން ޖެހުނެވެ.
މި އަދަދުތަކުން ހިސާބުކުރާއިރު އިރުފުށި މައްސަލައިގައި ސަންއިން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މައްސަލައިގައި ސަން ޓްރެވަލްސްއިން ނެރުނު ހަތަރު ސަފުހާގެ ދިގު ބަޔާނުގައި ކަން ހިނގި ގޮތް އެ ކުންފުންޏަށް ފެންނަ ގޮތް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އާބިޓްރޭޝަނާއި ރާއްޖޭގެ ކޯޓުތަކުގައި ވެސް ފާހަގަކުރި ފަދައިން އިރުފުށި ރިސޯޓުގެ މެނޭޖްމަންޓް ކޮންޓްރެކްޓްގައި ހިލްޓަންއިން ސޮއިކުރުވީ ސަންއަށް އޮޅުވާލައިގެން ކަމަށް ބުނެފައިވެ އެވެ.
މީގެ ތަފުސީލުތައް ދެމުން ސަންއިން ބުނީ ހިލްޓަންއިން އިރުފުށި ހިންގަން ހުށަހެޅީ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ދައްކައިގެންނެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ރިސޯޓު ހިންގައިގެން ލިބޭނެ އާމްދަނީ އާއި ފައިދާގެ އަންދާޒާތައް މުރާޖައާކޮށްގެން ސަންއަށް ހުށަހެޅި އެވެ.
މިއިން ކޮންމެ ފަހަރެއްގައި ވެސް ހިލްޓަންއިން އަންދާޒާތައް ހުށަހެޅީ ރިސޯޓުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އިތުރުކޮށްފަ އެވެ. އެހެން ނަމަވެސް މެނޭޖުކުރަން ފެށިތާ ކައިރީގައި ރިސޯޓުގެ ކޮޓަރިއަކުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީ 50 ޕަސެންޓު ދަށްކޮށް ފައިދާ ވެސް ދަށްކޮށް، ހިލްޓަންއިން އަންދާޒާތައް ހުށަހަޅާފައިވާ ކަމަށް ސަންއިން ބުންޏެވެ.
ސަންއިން ބުނާ ގޮތުގައި މި އެގްރިމަންޓުގައި ސޮއިކުރީ ރިސޯޓުގެ ހިންގުމުގެ ހުރިހާ ހަރަދެއް އެ ކުންފުނިން ކުރާ ގޮތަށެވެ. ނަމަވެސް ހިލްޓަންއިން ރިސޯޓު ހިންގި ތިން އަހަރުގެ ތެރޭގައި ރިސޯޓު ހިންގަމުން އައީ ހަރަދު ބޮޑުކޮށް، ސަންއަށް ގެއްލުންވާ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއާ ގުޅިގެން ކުރިން ފައިދާ ވަމުން އައި ރިސޯޓުން ގެއްލުންވާ ފެށި ކަމަށް ބަޔާނުގައިވެއެވެ.
ހިލްޓަންއިން ރިސޯޓު މެނޭޖުކުރަން ހުށަހެޅީ 2010 ގައި 21.8 މިލިއަން ޑޮލަރު، 2011 ގައި 24.05 މިލިއަން ޑޮލަރު، އަދި 2012 ގައި 28.46 މިލިއަން ޑޮލަރު ފައިދާ ލިބޭނެ ކަމަށް ހިސާބުކޮށްފަ އެވެ. ނަމަވެސް މި އަދަދުތަކާ ގާތަށް ވެސް ހިލްޓަންއަށް ނަތީޖާ ނެރެދެވިފައި ނުވާ ކަމަށް ސަންއިން ބުންޏެވެ.
ރިސޯޓު ހިންގައިގެން ހިލްޓަންއިން ދޭން ބުނި ފައިދާ ނުލިބޭތީ، އެ މުއްދަތުގެ ތެރޭގައި ރިސޯޓޫ ކުއްޔާއި ޓެކްސްތައް ދައްކަން ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުން ފައިސާ ނަގައި، ނަގާފައިވާ ލޯނުތައް ރީޝެޑިއުލް ކުރަން ޖެހުނު ކަމަށް ވެސް ސަންގެ ބަޔާނުގައިވެ އެވެ. މި ހުރިހާ ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު އިރު ވެސް، ހިލްޓަން އިން ބަރާބަރަށް މެނޭޖުމަންޓް ފީ ނަގަމުން ދިޔަ ކަމަށް ވެސް ސަންއިން ބުނެފައިވެ އެވެ.
ރިސޯޓު އަތުލަން ނިންމި ނިންމުން ދިފާއުކުރަމުން ސަންއިން ބުނީ އެއީ ބޭންކްރަޕްޓް ވަމުން ދިޔަ ކުންފުންޏެއް ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހުނު ކަމެއް ކަމަށެވެ. އަދި ހިލްޓަންގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށް ސަންއިން ވަނީ މި މައްސަލައިގައި އަދިވެސް ކޯޓަށް ދާން ތައްޔާރަށް އޮތް ކަމަށް އިޝާރާތްކޮށްފަ އެވެ.
މި މައްސަލައިގައި ބަދަލު ދިނުމާ ހަމައަށް މިދިޔައީ ސިންގަޕޫރު އާބިޓްރޭޝަނުން މި މައްސަލަ ހިލްޓަން ކޮޅަށް ނިންމިތާ ދިހަ އަހަރު ފަހުންނެވެ.
އޭގެ ފަހުން ސަން ޓްރެވަލްސްއިން ބޭރުގެ އާބިޓްރޭޝަން ނިންމުންތައް ރާއްޖޭގައި ތަންފީޒުނުކުރޭވެނެ ކަމަށް ބުނާ މައްސަލައެއް ހުށަހެޅުމުން، ތިން މަރުހަލާގެ ކޯޓުތަކުގައި މި މައްސަލައިގައި ޝަރީއަތްކޮށްފައިވެ އެވެ. ބޭރު އާބިޓްރޭޝަންތަކުގެ ނިންމުންތައް ރާއްޖޭގައި ތަންފީޒުކުރެވޭނެ ކަމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ހިލްޓަންއިން ހުށަހަޅައިގެން ސިވިލް ކޯޓުން ނިންމީ އާބިޓްރޭޝަން ނިންމުން އިތުރަށް ތަންފީޒުކުރުން ފަސްކުރެވޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ނެރުނު އަމުރު ހައިކޯޓުން ބާތިިލުކުރި އެވެ.
Comment