Advertisement

މަގޫދޫ އެއާޕޯޓު ކެންސަލް ކުރީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ބުނެ ކުއްލި މައްސަލައެއް

1 އޭޕްރީލް 2024 - 11:35 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މަގޫދޫ އެއާޕޯޓު ކެންސަލް ކުރީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ބުނެ ކުއްލި މައްސަލައެއް

1 އޭޕްރީލް 2024 - 11:35 0

ކުރީގެ ސަރުކާރުން ފ. މަގޫދޫގައި އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ކެންސަލްކޮށް ޖެހިގެން އޮތް އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އެއާޕޯޓުގެ ބޮޑު ބައެއް ނިމިފައި އޮއްވައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކެންސަލްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި މައްސަލަ މުރާޖައު ކުރުމަށް އެދި ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ނިލަންދޫއަށް އެއާޕޯޓު ބަދަލު ކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ފާތިމަތު ސައުދާއަށް ނަހަމަ މަންފާއެއް ހޯދައިދެއްވުމަށް ކަމަށެވެ. ސައުދާއަކީ ރައީސް މުއިއްޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަމަށްވެ އެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ،" މައްސަލަ ހުށަހަޅަމުން ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކެންސަލް ކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން 22 މިލިއަން ޑޮލަރު އެއާޕޯޓަށް ހަމަޖެހިފައި އޮއްވައި ކަމަށެވެ. ރައީސް މުއިއްޒުގެ އެ ނިންމުމަކީ ގާނޫނުއަސާސީގެ ހުދޫދުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ނިންމުމަކީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތައް ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއް،" ހަލީމް ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓުގެ މައްސަލަ ކެންސަލްކޮށް ޖެހިގެން އޮތް ނިލަންދޫއަށް އެއާޕޯޓު ބަދަލު ކުރީ "އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ގެއްލުން ލިބޭނެ" ގޮތަށް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އޭނާގެ މައްސަލައިގައި އެދިވަޑައިގަތީ، ގުޑް ގަވަނަންސް އިސް ކުރުމަށް ސަރުކާރަށް ގޮވާލުމަަށާއި އެ ނިންމުން މުރާޖައު ކުރުމަށް ގޮވާލުމަށެވެ.

އެ މައްސަލަ ބަހުސް ކުރުމަށް ފާސްކޮށް ބަހުސްގެ މަރުހަލާ މިވަގުތު ދަނީ ކުރިއަށެވެ. އެ މައްސަލަ ބަލައިގަތުމަށް 22 މެންބަރަކު ވޯޓު ދިނެވެ. ބަލައިނުގަތުމަށް ވޯޓު ދިނީ ހަތަރު މެންބަރެކެވެ.

މަގޫދޫގައި އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ކެންސަލް ކުރުމުން އެ ރަށުގެ ރައްޔިތުން ގެންދަނީ ސިލްސިލާ އިހުތިޖާޖެއް ކުރަމުންނެވެ. ރަށުގެ ރައްޔިތުން ބުނީ ސަރުކާރުން އެ ރަށުގެ ރައްޔިތުންގެ އަޑު އިވެންދެން މުޒާހަރާ ކުރިއަށްގެންދާނެ ކަމަށެވެ.