6 ނޮވެންބަރު 2025 - 20:08 5
އަހުމަދު އާއިދު
ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
6 ނޮވެންބަރު 2025 - 20:08 5
މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބުގެ ކުންފުންޏަށް 87.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފި އެވެ.
އަސަދުﷲ ގެ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ ގދ. ފިޔޯރީގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.
ފ. ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، އެތަނުގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ އަސަދުﷲގެ ކުންފުންޏާ ކަމަށް، އަދަދު ނޫހަށް ލިބިފައިވާ އިކޮނޮމިކް ކައުންސިލްގެ ލިޔުމުގައި އޮތެވެ. ޕްރޮޖެކްޓުތަކުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އިއުލާނު ކުރީ ވެސް މި ގޮތަށް ކަމަށް، ހަބަރު ޝާއިޢުކުރި ފަހުން، އެސްއޭ.އެން.އެން އިންޓަނޭޝަނަލްގެ ފަރާތުން އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ނަމަވެސް އެއީ މައުލޫމާތުގެ އޮޅުމެއް. އަހަރެމެންނާ ހަވާލުކުރީ ފިޔޯރީގެ މަޝްރޫއު، އަހަރެންނަކީ ޑްރެޖުކުރުމުގެ މަސައްކަތްތައްކޮށް ތަޖުރިބާ ހުރި ކުންފުންޏެއް" އޭނާ ބުންޏެވެ.
މި ހަބަރުގައި، ކުރިން ލިޔެފައި އޮތީ އެސް.އޭ.އެން.އެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ ފ. ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، އެތަނުގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކަމަށެވެ. އެގޮތަށް ލިޔެވުނީ، މި ނޫހަށް ލިބުނު ސަރުކާރުގެ ރަސްމީ ބައެއް ލިޔުންތަކުގައި އެގޮތަށް ލިޔެފައި ހުރުމުންނެވެ.
އެސް.އޭ.އެން.އެން އިންޓަނޭޝަނަލްއަކީ މީގެ ކުރިން ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި، މ. މުލި، ކ. މަނިޔަންފަރު، ކ. އާނުގަނޑު، ކ. އަމީންގިރި، އަދި ގުޅިފަޅު ހާބަރު ޕްރޮޖެކްޓު ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިޔޯރީގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އަސަދުﷲގެ ކުންފުންޏާ ހަވާލުކުރިއިރު، ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އަގު ބޮޑު ގިނަ ޕްރޮޖެކްޓުތަކެއް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައިވާކަން ދަނީ ތިލަވަމުންނެވެ.
އޭގެތެރޭގައި އަސަދުﷲ ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓު ލިންކްސްއާ ހަވާލުކޮށްފައި ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އެ މަޝްރޫއުގެ އަގަކީ 139.2 މިލިއަން ރުފިޔާ އެވެ.
އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާއެވެ.
ސައުދުﷲގެ މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. އެ ދެ މަޝްރޫއުގެ އަގަކީ 71.5 މިލިއަން ރުފިޔާ އެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއުގެ އަގަކީ 157.3 މިލިއަން ރުފިޔާ އެވެ. އެއީ؛
ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑްއާ ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އަދި ފުޓްސަލް ކުޅެވޭ މަލްޓުޕާޕަސް ކޯޓަކާއި ރޮސްޓްރޮމްއަކާއެކު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމެވެ. އެ ދެ މަޝްރޫއުގެ އަގަކީ ތިން މިލިއަން ރުފިޔާ އެވެ.
މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
ރައީސް މުއިއްޒުގެ މި ވައުދުތައް ފުއްދޭނެ ވަރަށް ސަރުކާރުގައި ލާރި ނެތިގެން މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.
ބަހާލި މަޝްރޫއުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ފަރާތްތަކުގެ ކުންފުނިތަކާއި އެފަދަ ފަރާތްތަކުގެ މަސްލަހަތު އޮތް ފުންފުނިތަކެއް ހިމެނޭކަން ފާހަގަ ވާނަމަ މި ހަބަރުގެ ކޮމެންޓެއްގެ ގޮތުގައި ނުވަތަ އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަށް ޑީއެމް ކޮށް ދެއްވުން އެދެން.
Comment