Advertisement

އިއުލާން ނުކޮށް ބިން ދެވޭނެ ބޭނުންތައް ބަޔާންކޮށް ގަވާއިދެއް ނެރެފި

31 މާރިޗު 2024 - 16:36 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ދިރިއުޅުމަށް ފިޔަވައި އެހެން ބޭނުންތަކަށް ބިން ދޫކުރާނެ ހަމަތަކުގެ ގަވާއިދެއް ނެރެފި - ފޮޓޯ: ރައީސް އޮފީސް


އިއުލާން ނުކޮށް ބިން ދެވޭނެ ބޭނުންތައް ބަޔާންކޮށް ގަވާއިދެއް ނެރެފި

31 މާރިޗު 2024 - 16:36 2

އާންމު އިއުލާންނުކޮށް އަދި ބީލަމަށް އިއުލާން ނުކޮށް ރަށްރަށުން ބިން ދޫކުރެވޭނެ ބޭނުންތައް ބަޔާންކޮށް، ދިރިއުޅުން ނޫން އެެހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީ ކުރުމުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން ނެރެފި އެވެ.

ހައުސިން މިނިސްޓްރީގެ ގަވާއިދުގައި ބުނާ ގޮތުން، ފަސް ގޮތަކަށް ބިން ދޫކުރެވިދާނެ އެވެ. އެއީ ކުއްޔަށް ދިނުން، ވިއްކުން، ވަގުތީ ގޮތުން ބެލެހެއްޓުމަށް ދިނުން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ ބޭނުންތަކަށް ދޫކުރުމާއި ކުއްޔަކާ ނުލާ ދިނުމެވެ.

އެ ގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކަނޑައަޅުއްވާ، ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ރަށަކުން ބިން ދޫކުރާނީ އެ ރަށެއް ހިމެނޭ ކައުންސިލަކުން ކަމަށާއި އެ ނޫން ބިންތައް ދޫކުރާނީ މިނިސްޓްރީން ކަމަށް ގަވާއިދުގައިވެ އެވެ.

ބީލަމުގެ އުސޫލުން ބިން ދޫކުރާނެ ހަމަތަކާއި، ބީލަމަކާ ނުލާ، އާންމު އިއުލާނަކުން ބިން ދޫކުރާނެ އުސޫލުތަކުގެ އިތުރުން އިއުލާން ނުކޮށް ބިން ދޫކުރާނެ ބޭނުންތައް ގަވާއިދުގައި ހިމަނާފައިވެ އެވެ.

އެ ގޮތުން ބީލަމުގެ އުސޫލުން ބިން ދޫކުރަން އިއުލާންކުރާއިރު ހަ ކަމެއް އޭގައި ހިމަނަން ގަވާއިދުގައި ބުނެ އެވެ. އެއީ؛

  1. ބިން އޮތް ތަން، ބިމުގެ ބޮޑުމިން، ބިމުގެ ބާވަތް، އަދި ބިން ދޫކުރާ ބޭނުމުގެ މައުލޫމާތު
  2. ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު
  3. ބިން ލިބޭ ފަރާތް ކަނޑައަޅަން، ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް
  4. ފޯމު ހުށަހަޅަން ޖެހޭ މުއްދަތު
  5. ހުށަހެޅޭނެ އެންމެ ކުޑަ ކުލި ނުވަތަ ބިން ވިއްކުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު
  6. ބިން ހޯދުމަށް ހުށަހަޅާ ފަރާތުގައި ޝަރުތުތަކެއް ހުންނަން ޖެހޭނަމަ އެ ޝަރުތުތައް

ބީލަމުގެ އުސޫލަށް ނުފެތޭ ގޮތަށް ނަމަވެސް އާންމު އިއުލާނަކުން ބިން ދޫކުރެވެން ވާނެ ބޭނުންތައް އަދި އެކި ބޭނުންތަކަށް ދޫކުރާނެ މުއްދަތު ވެސް ގަވާއިދުގައިވެ އެވެ. އެއީ

  1. މަސް، ލަނޑާ ކައްކައި ހިއްކުން ފަދަ މަސައްކަތަށް ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް
  2. ދަނޑުވެރިކަމުގެ މަސައްކަތަށް ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް
  3. ޖަނަވާރު ގެންގުޅެން ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް
  4. ގާޑިޔާ ވިޔަފާރި ހިންގަން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް
  5. ސާފުކޮށް ބެލެހެއްޓުމަށް އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް

އާންމުކޮށް އިއުލާން ނުކޮށް ބިން ދޫކުރެވޭނެ ފަސް ބޭނުމެއް ގަވާއިދުގައި ހިމަނާފައިވެ އެވެ. އެއީ؛

  1. ދައުލަތުގެ ވުޒާރާތައް އަދި އިދާރާތަކަށް ދޫކުރުން
  2. އާންމު އިޖުތިމާއީ ބޭނުމަށް ދޫކުރުން
  3. އާންމު ހިދުމަތްތަކަށް ބިން ދޫކުރުން
  4. ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިޝަން އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ބޭނުމަކަށް
  5. އޮޑިވަޅު ބިން