Advertisement

ގާ ހުދުވާތީ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަން އިލްތިމާސް ކޮށްފި

2 މޭ 2024 - 16:59 0

އަމަން ހަލީމް

އަމަން ހަލީމް

ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ -- ފޮޓޯ: ރައީސް އޮފީސް


ގާ ހުދުވާތީ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަން އިލްތިމާސް ކޮށްފި

2 މޭ 2024 - 16:59 0

މި ދުވަސްވަރު، ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ބިން ހިއްކުން ހިމެނޭހެން، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެމްއާރުއައި އިން ނެރުނު ނޫސް ބަޔާނުގައި ވަގުތީ ގޮތުން މަޑުޖައްސާލަން އިލްތިމާސް ކުރި ކަންކަމުގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ފަޅު ފުންކުރުމާއި، ބީޗް ނަރިޝިންގެ މަސައްކަތް ހިމެނެ އެވެ.

އެމްއެމްއާރުއައި އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގާ ހުދުމުވުމުގެ ހާދިސާއަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑުތަކަށް އަސަރުކުރާނޭ ހާދިސާއެއް ކަން ފާހަގަކޮށްފައި ކަމަށެވެ.

"..ފުޅާ ދާއިރާއެއްގައި ގާހުދުމުވުގެ ހަތަރުވަނަ ހާދިސާކަމަށާއި މިއީ މިފާއިތުވީ 10 އަހަރުތެރޭގެ ދުނިޔެއަށް މިގޮތަށް ފުޅާ ދާއިރާއެއްގައި ކުރިމަތިވާ ދެވަަނަ ގާހުދުވުުމުގެ ހާދިސާކަންވެސް ފާހަަގަކޮށްފަ،" ބަޔާނުގައިވެ އެވެ.

އެމްއެމްއާރުއައި އިން ބުނީ އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "ވޯނިންގ" ލެވެލް (ތިންވަނަ ގިންތި) ގައި ކަމަށެވެ. އަދި ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މި ވަގުތު "އެލާޓް ލެވެލް 1"ގައި އޮތް ކަމަށް ސެޓަލައިޓު މައުލޫމާތުން ދައްކާ ކަމަށެވެ.

ކަމާބެހޭ އިދާރާތަކުގެ ފޯކާސްޓުތަކާ ހަވާލާދީ އެމްއެމްއާރުއައި އިން ބުނީ ކުރިއަށް އޮތް ހަފުތާތަކުގައި "އެލާޓް ލެވެލް 1" އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަައް "އެލާޓް ލެވެލް 2" އަށް ފޯރުން ވެސް އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.

ހަމަ އެހެންމެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާ ހުދުވުމުގެ އަސަރު ފުޅާ ދާއިރާއެއްގައި ކުރަމުން ދާކަމުގެ މައުލޫމާތު އެ އިންސްޓިޓިއުޓަށް ލިބެމުންދާ ކަމަށް ވެސް އެމްއެމްއާރުއައިގެ ނޫސް ބަޔާނުގައިވެ އެވެ.