Advertisement

ޕާޓީ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް އިއުތިރާފުވެ، ބައެއް މެންބަރުން އެމްޑީޕީއަށް ބައިއަތު ހިފާކަމަށް ރައީސް ތުހުމަތު ކުރައްވައިފި

2 އޭޕްރީލް 2024 - 15:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ކުރީގެ މެންބަރު، އަހުމަދު އާރިފް (އާއްޓޭ) އާއެކު ރައީސްގެ ދެކަނބަލުން -- ފޮޓޯ: އިޔާދު އަބްދުލްވާހިދު


ޕާޓީ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް އިއުތިރާފުވެ، ބައެއް މެންބަރުން އެމްޑީޕީއަށް ބައިއަތު ހިފާކަމަށް ރައީސް ތުހުމަތު ކުރައްވައިފި

2 އޭޕްރީލް 2024 - 15:18 0

ޕީއެންސީގެ ތެރެއިން ބައެއް މެންބަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން އެ ދާއިރާތަކުގެ ގޮނޑި ގެއްލުވާލުމުގެ މަގުސަދުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއަށް ބައިއަތު ހިފަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީއާއެކުގައި ބައެއް މީހުން ބައިއަތު ހިފަމުން ދިޔުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ހިތާމައަކީ، ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު އެމްޑީޕީއާ އެކުގައި އެބަ ބައިއަތު ހިފާ، އެ ބޭފުޅުންގެ މި އަމިއްލަ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ގޮނޑިއަށް ގެއްލުން ވާގޮތަށް، މިއީ ސައްހަކޮށް އަޅުގަނޑާ ހަމައަށް ލިބިފައި ހުރި މައުލޫމާތު ވީމާ ހިތާމައާއެކު މިކަން ފާހަގަކުރަން، މިކަން ނުކުރެއްވުމަށް އެދެން،" ރައީސް ވިދާޅުވި އެވެ.

މިއީ ގައުމު އިސްކުރަންޖެހޭ ވަގުތުކަމަށާއި މި ދަނޑިވަޅުގައި ޕީއެންސީގެ ބަޔަކު އެމްޑީޕީއަށް ބައިއަތު ހިފުން އެއީ ނުހިނގާ ކަމަކަށް ހަދައިގެން ހުންނަން ބޭނުން ނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން އިސްލާހު ކުރަން އަދި ވަގުތު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން މައްސަލަ ޖެހިގެން މިއުޅެނީ، ބައެއް މަދު ދާއިރާތަކެއްގައި، އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް އަދިވެސް އެދެން، މިކަން ހައްލުކޮށްދެއްވާ. އަޅުގަނޑުމެންގެ ތާއީދު އޮތް، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނާ އެކީގައި ކުރިއަށް ވަޑައިގަތުމަކީ އެ ބޭފުޅުންނަށް ކުރެވޭނެ އެންމެ މާތް ކަންތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަ ދެއްކެވި އިރު ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ޕީއެންސީގެ ޓިކެޓު ކަށަވަރު ކޮށްފައި ތިބި ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކުގައި ރައީސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާފަ އެވެ.

އެގޮތުން ތިމަރަފުށީ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނަން ހުށަހެޅި އަހުމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަހުމަދު ރިޔާޒުއަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ވެސް ނޫނެވެ.

އޭގެ އިތުރުން ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުންނަށް ވެސް ރައީސް ވަނީ ތާއިދުކޮށް މަޖިލިސް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ އެވެ. އޭގެތެރޭގައި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިބި، އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި އައިމަން މުހައްމަދާއި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމް ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުން ތިއްބެވެ.