Advertisement

ފޮނަދޫ ދާއިރާގައި ތެލި ސެޓު ބެހީ އަބްދުއްރަހީމްގެ ކެމްޕޭނަށްކަން އެނގުމުން އަނބުރާ ފޮނުވަން ފަށައިފި

5 އޭޕްރީލް 2024 - 15:03 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހީމް އާއިލީ ފިހާރަ، އަރާފާއިން ބެހި ތެލި ސެޓުގެ ފޮޓޯއެއް


ފޮނަދޫ ދާއިރާގައި ތެލި ސެޓު ބެހީ އަބްދުއްރަހީމްގެ ކެމްޕޭނަށްކަން އެނގުމުން އަނބުރާ ފޮނުވަން ފަށައިފި

5 އޭޕްރީލް 2024 - 15:03 1

އަބްދުއްރަހީމްގެ އާއިލާއިން ހިންގާ އަރާފާ ޓްރޭޑާސްއިން ލ. ފޮނަދޫ ދާއިރާގައި ހިމެނޭ މާމެންދޫއާއި ފޮނަދޫގެ ގޭގެއަށް ތެލި ސެޓު ބަހަމުން ދިޔައީ ކެމްޕޭނަށްކަން އާންމުންނަށް އެނގުމުން ބައެއް ފަރާތްތަކުން ތެލި ސެޓުތައް އަނބުރާ އެ ފިހާރައަށް ފޮނުވަން ފަށައިފި އެވެ.

ފޮނަދޫއިން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ދާއިރާގެ ބައެއް ގޭގެއިން އަރާފާ ޓްރޭޑާސްއާ ތެލި ސެޓުތައް އަނބުރާ ހަވާލު ކުރަން ފަށާފައިވާ ކަމަށާއި ސަބަބަކީ ތެލި ސެޓު ހަވާލު ކުރުމަށްފަހު އެއީ އަބްދުއްރަހީމްގެ ކެމްޕޭނަށް ބަހާ އެއްޗެއް ކަމަށް އެކަމުގައި އުޅޭ މީހުން އިޝާރާތް ކުރާތީ ކަމަށެވެ.

"ވަރަށް ގިނަ ގޭގެއިން ތެލި ސެޓުތައް ފިހާރައާ ހަވާލުކުރަމުން އެބަ ދޭ، އިޝޫއަކީ ތެލި ސެޓު ދީފަ ނުކުންނަމުން އެ ބުނެލާ ޖުމުލަ، އިނގިލިން އިޝާރާތްކޮށްލަމުން [އަބްދުއްރަހީމްގެ] ކެންޑިޑޭޓު ނަންބަރާއި އަދުރޭގެ ނަން ބުނާތީ ކަމަށް މީހުން ބުނަނީ،" ފޮނަދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފޮނަދު އާއި މާމެންދޫގެ ގޭގެއަށް އަރާފާ ޓްރޭޑާސްއިން ހަދިޔާ ކުރަންފެށި ތެލިސެޓުތަކުގެ ބޭރުގައި "އަރާފާ ޓްރޭޑާސްގެ ހެޔޮ އެދުންތަކާއެކު" މިހެން ލިޔެފައިވެ އެވެ.

އަރާފާ ޓްރޭޑާސް އަކީ އަބްދުއްރަހީމްގެ ގެ، "އަރާއިރު" އަށް ރެޖިސްޓަރީކޮށް އެގޭގައި ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ފިހާރައެކެވެ. ވައިޓް ލިންކްސް ޕވޓ. ލމޓ. ގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

އެކަމާ ގުޅޭގޮތުން ބަހެއް ހޯދައިލަން އަބްދުއްރަހީމްއަށް އިއްޔެ ގުޅުމުން ވިދާޅުވީ ތެލި ސެޓުތައް ބަހަމުންދަނީ ކީއްކުރަންކެމެއް އެނގޭނީ އެ ފިހާރައިގެ މީހުންނަށް ކަމަށެވެ.

އަރާފާ ޓްރޭޑާސްއިން ފޮނަދޫއާއި މާމެންދޫ ގޭގެއަށް ތެލިސެޓު ބަހަމުންދާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަބްދުއްރަހީމް ދަނީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައި ކެމްޕޭނު ކުރައްވަމުންނެވެ. އޭނާއަކީ މީގެ ކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަށް ހޯދައިދިނުމުގައި އިސްކޮށް އުޅުއްވި އަބްދުއްރަހީމްއަކީ މި ސަރުކާރުގެ އެންމެ އިސް ވަޒީރު ވެސްމެ އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް އަބްދުއްރަހީމްގެ އާއިލާއިން ހިންގާ ފިހާރައަކުން އެ ރަށު ރައްޔިތުންނަށް ހަދިޔާ ބަހަމުންދާއިރު، ރައީސް މުއިއްޒު ވެސް ގެންދަވަނީ ޑޯޓުޑޯ ހަރަކާތްތަކުގައި ރަސްމީ ކަރުދާހުގައި ބަންދުކުރި ހަދިޔާ ބައްސަވަމުންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ ހ. ގެ 14 ގައި ބުނެފައި ވަނީ "ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ، އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަ ހަޅައިގެންވެސް ނުވާނެ" ކަމަށެވެ.