Advertisement

އެއާޕޯޓު ލިސްޓަށް ދާންދޫ އިތުރުކުރަން ޔައުގޫބުގެ ސިޓީއެއް ރައީސް މުއިއްޒަށް

31 މާރިޗު 2024 - 12:29 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ: އެއާޕޯޓް ލިސްޓަށް ދާންދޫ އިތުރު ކުރުމަށް ޔައުގޫބު އެދިވަޑައިގެންފި - ފޮޓޯ: މަޖިލިސް


އެއާޕޯޓު ލިސްޓަށް ދާންދޫ އިތުރުކުރަން ޔައުގޫބުގެ ސިޓީއެއް ރައީސް މުއިއްޒަށް

31 މާރިޗު 2024 - 12:29 0

އެއާޕޯޓް މަޝްރޫއުތައް ހިންގާ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅު އުތުރުބުރި، ގއ. އަތޮޅު ދާންދޫ އިތުރުކޮށްދިނުމަށް އެ ރަށް ހިމެނޭ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް މެދުވެރިކޮށް އެދިވަޑައިގެންފި އެވެ.

ޔައުގޫބުގެ ސިޓީގައި ފާހަގަ ކުރައްވާފައިވަނީ ދާންދޫއާއި އެ ރަށް ހިމެނޭ ސަރަހައްދުގައި ހިމެނޭ އެ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ ނިލަންދޫއާއި ކޮނޑޭ މީހުން އެ ރަށަށް ދަތުރުކުރަނީ ގއ. ކޮނޑޭ އެއާޕޯޓު މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ގއ. ވިލިނގިލި އުތުރުކޮޅު ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވާތީ ކޫއްޑޫގެ އޮޕަރޭޝަންތައް ދެން މެދުކެނޑޭނެ ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުގެ ސިޔާސަތަކީ ވެސް ކޫއްޑޫ އެއާޕޯޓް، ފްލައިން ސްކޫލަކަށް ބަދަލު ކުރުމެވެ.

ޔައުގޫބު ވިދާޅުވީ އޭގެ ސަބަބުން ދާންދޫ ދާއިރާގެ ހިމެނޭ ރަށްތަކުގެ މީހުން އެއާޕޯޓަށް ކުރަން ޖެހޭ އެ ދަތުރު ކުރިއަށް ވުރެ ވެސް ދުރުވާނެ ކަމަށެވެ. އެހެންވެ މަޖިލީހުން ފާސްކުރި މި އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ދާންދޫގައި އެއާޕޯޓެއް އެޅުމަށް ފައިސާ ހިމަނާފައިވާނެ ކަން ވެސް ފާހަގަ ކުރި އެވެ.

"ދާއިރާގެ ގިނަ ރައްޔިތުންގެ ވިސްނުމާ އެއް ގޮތަށް އެއާޕޯޓެއް އެޅުމަށް އެންމެ އެކަށޭނަ ތަނަކީ ދާންދޫއާއި ވޮޑަމުލާ ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެން އެ ސަރަހައްދުގައި، އަޅުގަނޑު ވާނީ އެއާޕޯޓް ޕްރޮޖެކްޓްގެ ކޮންސެޕްޓް ވެސް ތައްޔާރުކޮށްފަ، އެ ގޮތުން ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަސޭހަ ކރުމުގެ ގޮތުން ސިޓީއާއެކު ކޮންސެޕްޓްގެ ކުރެހުންތަކުގެ ތެރެއިން ކަރުދާހެއް ފޮނުވަން،" ސިޓީގައިވެ އެވެ.

ދާންދޫ ސަރަހައްދުގައި އެއާޕޯޓް އަޅަން ޔައުގޫބު ސަރުކާރަށް ހުށަހެޅި ކުރެހުން


މި ފަހުން އެއާޕޯޓް އަޅާނެ ރަށްތަކެއް ކަނޑައަޅައި ރައީސްގެ ގަރާރެއް ވަނީ ނެރުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ އެވެ. އަދި ވުޖޫދުން ނެތް ގއ. މާޅެންދޫއެއް ވެސް ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުން ފެށިގެން ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ކޮންމެ ރަށަކުން އެންމެ ލަސްވެގެން ސްޕީޑް ލޯންޗެއްގައި 20 މިނެޓުން ދަތުރުކޮށްފައި ދެވޭ ވަރަށް އެއާޕޯޓްތައް އިތުރުކުރުމަށެވެ.

އެެ ސިޔާސަތުގެ ތެރެއިން ގިނަ ރަށްރަށެއްގައި އެއާޕޯޓް މަޝްރޫއުތަކެއް އިއުލާން ކުރަމުން މި ސަރުކާރުން ދާއިރު އެންމެ ގިނައީ ވެސް ހުވަދު އަތޮޅުގައި ތަރައްގީކުރަން ރާވާފައިވާ އެއާޕޯޓްތަކެވެ.

އެ ގޮތުން ކޫއްޑޫން ފަސް މިނެޓުން ދެވޭ ވިލިނގިިލި އެއާޕޯޓްގެ އިތުރުން، ގދ. ތިނަދޫގެ ދެކުނުން ކައިރީގައި ކާޑެއްދޫ އެއާޕޯޓު އޮތް ނަމަވެސް ތިނަދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް ހެދުމަށް ވެސް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. ސްޕީޑް ލޯންްޗެއްގައި ފަސް މިނެޓުން ތިނަދޫއިން ކާޑެއްދޫއަށް ދެވެ އެވެ.

މީގެ އިތުރުން ގއ. ކޮލަމާފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވެސް ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ. މާޅެންދޫ ކިޔާ ނެތް ރަށެއްގައި އަޅަން ކަމަށް ބުނާ އެއާޕޯޓަކީ އެ އެއާޕޯޓް ކަމަށް ބެލެވެ އެވެ.

މިހާރު ވެސް ހުވަދޫ އަތޮޅުގައި ހަތަރު އެއާޕޯޓެއް އޮޕަރޭޓް ކުރެ އެވެ. އެއީ ކޫއްޑޫއާއި ކާޑެއްދޫގެ އިތުރުން ފަރެސްމާތޮޑާއާއި މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އޮވެ އެވެ.

ރައީސްގެ ވައުދުތައް ހިމެނޭހެން ރާއްޖޭގައި ތަރައްގީކޮށްފައިވާ, ތަރައްގީކުރަމުންދާ އަދި ޕްލޭން ކުރެވިފައިވާ އެއާޕޯޓުތަކުގެ އަދަދު 40 އާ ގާތްކުރެ އެވެ.