ލާމު އަތޮޅު މާމެންދުއަށް އުފަން ހުސައިން ނިހާން (ނެއްބެ)، މީގެ ތިން އަހަރު ކުރިން އުފެއްދި ބެޓެރީ ސައިކަލުގެ ވާހަކައަކީ ގިނަ ބައެއްގެ ސަމާލު ކަން ލިބުނު ވާހަކަ އެކެވެ. ބައެއް ނޫސް، މަޖައްލާތަކުގައި ވެސް އޭނާގެ ވާހަކަ އޭރު ޝާއިރު ކުރި އެވެ.
އެ ރަށަށް ކުރި ދަތުރުގައި އެންމެ ބޮޑު އެއް ޝައުގަކަށް ވެސް ވީ ނެއްބެ ހޯދުމެވެ.
މިއަދު އޭނާ ކޮބައި ހެއްޔެވެ؟ އަދިވެސް އުޅެނީ މާމެންދޫގައި ހެއްޔެވެ؟ އިންޖީނުތަކުގެ މަސައްކަތުން އޭނާ މިހާރު، އަނެއްކާ ދުރަށް ޖެހުނީ ބާވަ އެވެ؟ ފަހުން އޭނާ އެއްވެސް ތަފާތު އެހެން އެއްޗެއް އުފެއްދި ހެއްޔެވެ؟
ނެއްބެއާ ބައްދަލު ވެއްޖެ އެވެ. އޭރު ފޮޓޯތަކުން ފެނުނު މީހާއާ ވަރަށް ވެސް ތަފާތެވެ. ބަދަލު ނުވި ކަމަކީ އިންޖީނުގެ މަސައްކަތަށް އޭނާގެ އޮތް ޝައުގާއި ލޯތްބެވެ. މި ވަގުތު ފެނަކަ ކުންފުނީގެ އިންޖިނިއަރެއްގެ ވަޒީފާގައި ހުރި ނެއްބެ ފަހުން ވެސް އެކި އުފެއްދުން އީޖާދުކޮށްފައިވެ އެވެ.
މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.
ނެއްބެ ދުއްވާ ސައިކަލު ވެސް ދައްކައިލި އެވެ. ސައިކަލު މޮޑިފައިކޮށްފައިވަނީ އެކި ސައިކަލުގެ އެކި ތަކެތިންނެވެ. ޕަލްސާގެ މައިގަނޑު އިނދެފައި، ސައިކަލު ބައްޓަންކޮށްފައިވަނީ އެކަކު އިށީނދެވޭ ވަރަށް މަޑި ހަދައިފަ އެވެ. ކަޅު ކުލައިން މައިގަނޑު އޮތް އިރު، ޝާހީ ގޮތަކަށް އިންޖީނުގެ އެކި ބައިގައި ސްޕްރޭ ޖަހާފައި ހުއްޓެވެ. ކައިރިއަށް ގޮސް ބަލައިލުމުން، ސައިކަލު ވިނދައި ބަބުޅާ ކަން ފާހަގަކޮށްލެވެ އެވެ.
"މި ދުވާލު ގަޑި ވީމަ ބޮޑަށް އަޅައިނުގަންނަނީ، ރޭގަނޑު ގަޑީގަ ވަރަށް ބޮޑަށް ދިއްލިފައި ހުންނާނީ،" އޭނާ ބުންޏެވެ.
ނެއްބެ ދުއްވާ ސައިކަލުގެ މައިގަނޑު ޑިޒައިންކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މި ފަހުން ސޯލާ އެނާޖީން ދިއްލޭ ލައިޓަކާ އެކު، މަސް ކަނޑާ އަށްޓެއް ވެސް އޭނާ މި ފަހުން ހެދި އެވެ. މާމެންދޫއަކީ މަސްވެރި ރަށެކެވެ. މަސް ކަނޑާ އަށި ހަދަން، ނެއްބެއަށް ޖެހުނީ، އެ ހާލަތު ޖެހުމުން އެކަމަށް އޭނާ ވެސް ބޭނުންވާތީ އެވެ.
"ކުރިން އަހަރުމެން ސިޑީގައި މަސް ކަނޑަނީ. ސިޑީގައި މަސް ކެނޑުން މަނާކޮށްފި. ދެން ސިޑިއަކު މަސް ކެނޑޭ ގޮތެއް ނުވި. ދެން މި ރަށަކީ ވަރަށް މަސް ބާނަންދާ ރަށެއް، އަހަރެން ވެސް ދަން، ގަދަ ނޫނިއްޔާ ހަމަ ދާނެ، އެހެންވެ ދެން އަމިއްލައަށް ވެސް ބޭނުންވީ މަސް ކަނޑާ އަށްޓެއް ހަދާފައި ބަހައްޓަން،" އޭނާ ބުންޏެވެ.
އޭގެ ވެސް އެކި ސާމާނު އެކި ތަންތަނުން ހޯދީ އެވެ. އޭނާ ބުނި ގޮތުން އޭގައި ޖަހާފައިވާ ލައިޓަކީ ގޮނޑުން އޭނާ ހޮވި އެއްޗެކެވެ. އެއަށް ވެސް ބޭނުންވާ އެކި މަރާމާތު ގެނެސްގެން އެ ހެދީ އެވެ. ފައިބަރަކީ އެކި ދޯނިތަކުން ހޯދައިގެން އެއްކުރި އެއްޗެކެވެ.
ނެއްބެ ހެދި މަސް ކަނޑާ އަށި ކައިރީ އޭނާ ހުއްޓިލައިގެން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެންމެންނަށް ވެސް ނެއްބެ އެނގިގެން ދިޔަ، އޭނާގެ ފުރަތަމަ އީޖާދު ބެޓެރި ސައިކަލު ކޮބައި ހެއްޔެވެ؟
އޭނާ ބުނީ އޭތި އޭނާ ދިނީ، ރަށުގައި އުޅޭ އިސްކޮޅުން ކުރު މީހަކަށެވެ. އެ މީހާ އުފެދިފައިވާ ގޮތުން، އޭނާގެ އިސްކޮޅު ވަރަށް ކުރެވެ. އޭނާއަށް ދުއްވޭ ވަރުގެ އެ ސައިކަލު، ފަހުން އޭގެ ބެޓެރި ސެޓު، ގިނަ ދުވަސްވެގެން މައްސަލަ ޖެހިގެން، މިހާރު ވަނީ ބަހައްޓައިފަ އެވެ.
"ބެޓެރި ސެޓު ގޮސްގެން. ގިނަ ދުވަސްވާނެ އެއަށް. ކުރުކޮށް ހުންނަ ކުއްޖަކަށް ދިނީ. އޭނަގެ ސައިޒަށް ހުންނާނީ. ބެޓެރި ސެޓު ދެން ގިނަ ދުވަސް ވެގެން ހަލާކުވީ. އެއް ފަހަރު މެއިންޓެއިން ވެސް ކުރިން. އާ ސެޓެއް ބޭނުން ވާނެ،" ނެއްބެ ބުންޏެވެ.
އެ ސެޓްތައް ރާއްޖޭން ނުލިބެ އެވެ. ރާއްޖެ ގެނެސް ވިއްކަން ހުންނަ އެއްޗެއް ނޫނެވެ. ޑިމާންޑު ނެތް ވިޔަފާރިއެއް ވެސް ބަޔަކު ނުކުރާނެތާ އެވެ. އެ ކަހަލަ ސައިކަލެއް ހަދަން ވެސް، ސައިކަލުތައް މޮޑިފައި ކުރަން ވެސް އަދި ހެދުމަށް ފަހު މެއިންޓެއިން ކުރަން އުނދަގޫވާ ބޮޑު ސަބަބަކީ އެވެ.
"ދެން ބޭރުން ކޮންމެ ވެސް ތާކަށް އޯޑަރު ޖަހައިގެން ގެންނަން މި ޖެހެނީ،" އޭނާ ބުންޏެވެ.
ނެއްބެ މިހާރު ދުއްވާ ސައިކަލު މޮޑިފައިކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
"ސްކޫލް އިރުއްސުރެން ފަށައިގެން ހަމަ މިހެން އުޅެނީ،" އިންޖީނުތަކުގެ މަސައްކަތަށް އޭނާ ވަދެވުނު ގޮތް ކިޔައިދެމުން ފުރަތަމަ ވެސް ބުނީ މިހެނެވެ.
ހުސް ވަގުތުގައި އެކި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންކަން ރަށުގެ ޒުވާނުން އޭރުގައި ކޮށް އުޅުނު ނަމަވެސް ނެއްބެގެ ހުސް ވަގުތު މުނިފޫހިފިލުވުމަކަށްވީ އޭނާ ގެންގުޅުނު ބައިސްކަލެވެ. އަދި އެއަށް އެކި ޒާތުގެ މޮޑިފިކޭޝަން ގެނައުމެވެ. ރޭޑިއޯ، ޓީވީ އަދި އެކި ޒާތުގެ އިލެކްޓްރޯނިކް އަދި އިންޖީނުލީ ތަކެތި ރޫޅައި އެ އެއްޗެހި އުފެދިފައިވާ ގޮތާ މެދު ވިސްނައި ފިކުރުކޮށް، އޭގެ ސައިންސްވީ ނެއްބެގެ ޅަހަޔާތުގެ އާދައަކަށެވެ.
ސްކޫލް ނިމުމަށް ފަހު ދެން އޭނާ ކުރަން ފެށި ކަމަކީ އޭރު ރަށުގައި މަސައްކަތް ކުރަން އުޅުނު ދެ އިންޖިނިއަރެއް ކައިރިއަށް ގޮސް އިތުރަށް އެ މަސައްކަތްތައް ދަސްކުރަން ފެށީ އެވެ. އެކަކަކީ، ރަށު ފެނަކަ ކުންފުނީގެ އިންޖިނިއަރު ވަޒީފާގައި އުޅުނު މުހައްމަދެވެ. އަނެކަކީ ރަށް ކައިރީ ރިސޯޓަކަށް އޭރު އޭގެ ވަޒީފާއަށް އަދާކުރަން ދާ މޫސާފުޅެވެ. މި ދެ މީހުންގެ އެދުރުކަމުން އެކި ކަންކަން އޭނާ ދަސްކޮށްފި އެވެ.
އެކި އެއްޗެހި ހެދުމަށް އޭރު އޭނާ އެކި މަސައްކަތްތައް ކޮށް އުޅުނެވެ. ނެއްބެ ބުނި ގޮތުގައި އޭނާ ފުރަތަމަ ހެދީ އައުޓްބޯޑު އިންޖީނެކެވެ. ދެން ހެދީ ބެޓެރީ ސައިކަލެވެ. އޭނާ އަމިއްލައަށް އުފެއްދި އެ ސައިކަލުގެ ވާހަކަ މުޅި ރާއްޖެއާ ހަމައަށް ދިޔައީ ސޯޝަލް މީޑިއާގައި ރަށު މީހުން ކުރި ޕޯސްޓުތަކުންނެވެ.
ލާމު މާމެންދޫ ނެއްބެ "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ވަރަށް ބޮޑު ފުރުސަތަކަށް ނެއްބެ އެދެ އެވެ. އޭނާ ދިރިއުޅޭ ހިތްވާ، އިޖާދީ ދުނިޔޭގައި ގިނަ ވަގުތު ހޭދަކުރަން ލިބޭނެ ހަޔާތަކަށެވެ. މިފަދަ ފަންނަށް ފުރުސަތުތަކެއް ފަހިވެފައި އޮންނަ އިގުތިސޯދެއް އޮތް މުޖުތަމައަކަށެވެ.
"އެއްގަމުގައި މި ދުއްވާ ބަގީ، ކާރު އެއްޗެހި ހަދަން ދަސްކުރަން ވެސް ވަރަށް ބޮޑަށް ބޭނުންވޭ. ކަނޑުގައި މި ދުއްވާ ލޯންޗު ވެސް. ވަރަށް ޝާހީ ގޮތަކަށް. އަހަރެންގެ ސިކުނޑީގައި ކުރެހޭ މިހެން އުޅޭ އިރު އެކި ތަފާތުގެ ޑިޒައިން. އެ ކަހަލަ ގޮތަކަށް ހަދަން ވިސްނުމުގައި އެބަ ހުރި،" އޭނާގެ ހިޔާލުތައް ހިއްސާކުރަމުން ނެއްބެ ބުންޏެވެ.
ހިޔާލުތައް ގިނަވެފައި ތަނަވަސް ނަމަވެސް އޭގެ ކުރިމަތީގައި އޮތް ހުރަހަކީ ވަގުތެވެ. އަދި ދިރިއުޅުމުގެ ހަލަބޮލިކަމެވެ. ވަޒީފާގެ މަސްއޫލިއްޔަތަށާއި އާންމު ހަޔާތާއި އާއިލީ ޒިންމާތަކަށް ވަގުތު ދީފައި، އޭނާގެ ލޯބިވާ މަސައްކަތަށް ހުސްކޮށްލެވޭނެ ވަގުތު ހަމަ ނުލިބެ އެވެ.
"ވާ ގޮތަކީ ވަގުތު ނުލިބޭ، ސާމާނު ވެސް ފަސޭހައިން ލިބޭކަށް ނުހުރޭ، ވަޒީފާގެ ގޮތުންނާއި، ދެން އެ ހުންނަ އެކި ކަންކަން ކޮށްގެން ވިޔަސް އާމްދަނީ ހޯދާތީ،" އާމްދަނީގެ މުހިންމު ކަން ވެސް އޮވެގެން މަސްވެރިކަމަށް ވެސް ވަގުތު ދެމުންދާ ނެއްބެ ބުންޏެވެ.
ބެޓެރި ސައިކަލުގެ ވާހަކަ ގިނަ ބަޔެއްގެ ސަމާލު ކަމަށް އައުމުން، ސަރުކާރުގެ އެއްވެސް ވެރިއަކު އޭނާއާ ހަމައަށް ދިޔަތޯ ސުވާލުކުރުމުން ނެއްބެގެ ޖަވާބަކީ ނުވާ ކަމެވެ.
"ދެ ނޫހަކުން ގުޅި، ދެން މާ ބޮޑަކަށް އެ ވާހަކައެއް ނުއެއް ދައްކާ،" އެ ސުވާލާއެކީ މާޔޫސްކަމާއެކުު މަޑުމަޑު އަޑަކުން އޭނާ ޖަވާބު ދިނެވެ.
ސިޔާސަތެއްގެ ސިފައިގައި މާ ފަހި ފުރުސަތުތަކެއް، އޭނާ ފަދަ ފަންނުވެރިންނަށް މި މުޖުތަމައުގައި ހަމަޖެހިފައި ނެތް ނަމަވެސް ވަގުތު ލިބުނު ވަރަކުން މަޑުމަޑުން ނެއްބެ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ވަގުތު ރިސޯޓެއްގައި ދުއްވަން ބަގީއެއްގެ މަސައްކަތްކުރާ ކަން އޭނާ ފާހަގަ ކުރި އެވެ.
ނެއްބެގެ އިތުރު އުފެއްދުން ފެނުމުގެ އިންތިޒާރާއެކު، އޭނާ ފަދަ ފަންނުވެރި އަދި ހުނަރުވެރި ދިވެއްސަކަށް ފަހި ފުރުސަތެއް ލިބުމަކީ އުންމީދެކެވެ.
Comment