30 މާރިޗު 2024 - 08:09 0
އަޒްލިފާ އަބްދުﷲ
އޭސީސީގެ ރައީސް އާދަމް ޝާމިލް އަދި ނައިބު ރައީސް އަބްދުއްސަލާމް. -- ފޮޓޯ: އަދަދު
30 މާރިޗު 2024 - 08:09 0
މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު "ރަސްމާލެ" އާ ގުޅޭ މައްސަލައެއް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކް "އަދަދު" އަށް ވިދާޅުވީ ރަސްމާލެ ނަމުގައި މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށިދިއްގަރު ފަޅާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭސީސީއިން ބުނީ މައްސަލަ ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އޮތީ ޕްރިލިމިނަރީ މަރުހަލާގައި ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"މައްސަލަ ބަލަމުންދާއިރު އިނީޝަލް ސްޓޭޖުގައި ޕްރޮޖެކްޓާ ގުޅޭ ޑޮކިއުމަންޓްސް ހޯދާނެ ގުޅުންހުރި އިދާރާތަކުން،" މަނިކު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ކަމަށާއި އެ މައްސަލަ އެސީސީސީން ނުބަލާތީ ހައިރާންވާ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން މީގެ ކުރިން ބުނެފައިވެ އެވެ.
މީގެ އިތުރުން، ރަސްމާލެ ޕްރޮޖެކްޓުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަ އޭސީސީން ނުބަލާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރަސްމާލޭގެ ނަމުގައި ސަރުކާރުން ހިއްކަނީ ފުށިދިއްގަރުފަޅެވެ. އެތަނުގެ 1153 ހެކްޓަރު ހިއްކާއިރު ބިން ހިއްކަނީ ހުޅުމާލެ އާއި ފުށިދިއްގަރު ފަޅުން ބިން ވިއްކަން ކޮންޓްރެކްޓަރަށް ފުރުސަތު ދޭ ގޮތަށެވެ.
ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ.
ރަސްމާލެ ހިއްކާ މަތިން އެ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ސަރުކާރުން ދެ އެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރުގެ ބިމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment