Advertisement

އޭސީސީ ގަދަ ނިންޖެއްގައި: ހައްލަކީ ކޮބައި؟

--- އަދަދު ގްރެފިކްސް: ރައްޔާން މުހައްމަދު


އޭސީސީ ގަދަ ނިންޖެއްގައި: ހައްލަކީ ކޮބައި؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސެކެވެ.

އެކަމަކު ފެންނަން އޮތް ހަގީގަތީ، ކޮމިޝަނުގެ މެންބަރުން މި ތިބެނީ ވަޒީފާގެ ބިރަށްޓަކައި އޭރަކު ހުންނަވާ ރައީސަކު ރުއްސަން މަޖުބޫރުވެފަ އެވެ.

މައްސަލައަކީ ގާނޫނުތަކެއް ނޫނެވެ. މައްސަލައަކީ ހެދިފައިވާ އުސޫލުތަކެއް ވެސް ނޫނެވެ. މައްސަލައަކީ ގާނޫނުގެ ދަށުން އޭސީސީއަށް ލިބިފައިވާ ބާރުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމެވެ. ވަޒީފާގެ ބިރަށްޓަކައި އޭރަކު ހުންނަވާ ރައީސަކަށް ގޮސް ހުސްވުމެވެ. މީގެ ސަބަބުން ރައްޔިތުން އޭސީސީއަށް ކުރާ އިތުބާރު ދުވަހަަކަށް ވުރެ ދުވަހެއް ދަށްވަމުން އަންނައިރު، ވެރިކަމަކަށް ފަހު ވެރިކަމެއްގައި ކޮރަޕްޝަން ވެސް އާންމުވެ، ރައްޔިތުންނަށް އެކަން "އޯކޭ" ވާ ހިސާބަށް ކަންތައް ގޮސްފި އެވެ.

ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އޭސީސީއިން އެ ކޮމިޝަނަށް ގެއްލިފައި އޮތް އިތުބާރު އަނބުރާ ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އެކަންތައް ކުރެވޭނީ އޭސީސީގެ މެމްބަރުންނަށެވެ. އޭސީސީއަށް އެކަން ކުރެވޭނީ ވަކި އަތަކަށް ބުރަ ނުވެ، ގަދަ ނިދިން ހޭލާ ގޮތަށް އެ ޒިންމާ އަދާކޮށްގެންނެވެ.

ކޮންމެ ސަރުކާރެއް ދިފާއުކުރާ ކޮމިޝަނަކަށް އޭސީސީވާކަށް ނުޖެހެ އެވެ. އެއަށްވުރެ އެ ކޮމިޝަނުގެ ޒިންމާ ބޮޑުއިރު، ހުއްޓިފައި ހުރި މައްސަލަތައް ނިންމަން ޖެހެ އެވެ. އަދި ހުށަހަޅާ މައްސަލަތައް ވީހާ ވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށްދާ ގޮތް ރައްޔިތުންނަށް އެނގެން ޖެހެ އެވެ.

މަޖިލިސް އިންތިހާބު ނިމިގެންދިޔައިރު އޭސީސީގެ ހިލަމެއް ނެތް

ރައްޔިތުންގެ މަޖިލިސް އިންތިހާބު އެޕްރިލް 21، ގައި ނިމިގެންދިޔައިރު އޭސީސީއިން އެ ކޮމިޝަނުގެ ފުރިހަމަ ޒިންމާ އަދާކުރެވުނުތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. އިންތިހާބުގެ ކުރިން އޭސީސީއިން ރައްޔިތުން ހޭލުންތެރި ކުރުމަށް އަދި ކޮރަޕްޝަން ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ނުކުރެއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ކުޑަމިނުން މައުލޫމާތެއް ހޯދަން ވެސް ވަރަށް ދަތިވި އެވެ.

މިހާތަނަށް ވެސް އިންތިހާބާ ގުޅިގެން އޭސީސީއިން އެއްޗެއް ބުނެފައި ނުވާއިރު، އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން، ބޭރުގެ އޮބްޒާވަރުން އަދި ޓްރާންސްޕޭރެންސީއިން ވަނީ ބަސް ބުނެފަ އެވެ. ނަމަވެސް އޭސީސީ އޮތީ ހިމޭނުންނެވެ. އިންތިހާބާ ގުޅޭ ރިޕޯޓު ނެރޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ޖުމްލަ ބެލި މައްސަލަތަކުގެ އަދަދެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އޭސީސީ އެންމެ ފަހުން "އެކްޓިވޭޓުވީ" ކުރިން އޮތް ސަރުކާރު ބަދަލުވެ، އާ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކުގަ އެވެ. އޭގެ ކުރިން ރިޔާސީ އިންތިހާބާ ގުޅިގެން ރިޕޯޓުތައް ނެެރެ ކުޑަކޮށް މަސައްކަތް ކުރާ މަންޒަރު ފެނުނެވެ. ނަމަވެސް އާ ސަރުކާރުގެ އިތުބާރު ހޯދުމަށް ފުރަތަމަ ވެސް ބަލަން ފެށީ ކުރީ ސަރުކާރުން ދީފައި ހުރި ގޯއްޗާއި ފްލެޓުތަކުގެ މައްސަލަ އެވެ. އަދި ފުލުހުންނާއި ގުޅިގެން ކުރީ ސަރުކާރުގެ އިތުރު މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވީ އޭސީސީއަށް މުސާރަ ސަރުކާރުން ދޭތީ އެމީހުން އޮންނަނީ ސަރުކާރު ދަށުވެފައި ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އެމީހުން ކަނޑާލެވޭތީ އެއީ ވެސް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ މީހުންނަކީ ދަތެއް ނެތް އިންސްޓިޓިއުޝަންއަކަށް ވެފައި މިއޮންނަނީ. އިންޑިޕެންޑެންޓް އިންސްޓިޓިއުޝަނެއް ނޫން އެއީ. އަހަރުމެން ރައްޔިތުން ވިސްނާކަށް ނުވާނެ އޭސީސީއިން ކަމެއް ކުރާނެ ކަމަކަށް. ގާނޫނުތަކުގައި މައްސަލައެއް ހުރެގެނެއް ނޫން އޭސީސީއިން ކަމެއް ނުކޮށް އެތިބެނީ. އެ މީހުންގެ ސެކިއުރިޓީ އާއި ޖޮބް ސޭފްޓީ އާއި އެއްކޮށް އެމީހުން އެކަން ނުކުރަނީ،" ފޯމީ ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓާ އައްޒަ މުހައްމަދު ވިދާޅުވީ ޕްރިވެންޝަން ސައިޑުން ކުރާ މަސައްކަތްތަކާއި، ރިސާޗް ބޭސްޑްކޮށް އަދި ސިސްޓަމް ބަދަލުކުރަން އޭސީސީއިން ޓްރާންސްޕޭރެންސީއާ ގުޅިގެން ބައިވަރު މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ނަމަވެސް އެހެން މުއައްސަސާތަކަށް ވެސް ދިމާވާ މައްސަލަތައް އޭސީސީއަށް ދިމާވާއިރު، މެންޑޭޓުގައި ހުންނަ ކަންކަން ކުރިއަށް ގެންދަން އެ ކޮމިޝަނަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން އައްޒަ ފާހަގަކުރެއްވި އެވެ.

"ކޮންމެ ފަހަރަކުވެސް އިންތިހާބާ ގުޅިގެން އަންނަ މައްސަލަތައް އިތުރުވާކަން ފާހަގަކުރެވޭ. ރިޔާސީ އިންތިހާބާ ގުޅިގެން ނެރުނު ގައިޑްލައިންތަކާ އެއްގޮތަށް ހަރުދަނާކޮށް ތަންފީޒު ކުރެވިގެންދާތަން ފެނުން ވަރަށް މުހިންމު. މިގޮތުން އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ވީހާ ވެސް އަވަހަށް ބެލުން މުހިންމު،" އައްޒަ ބުންޏެވެ.

އޭސީސީއަށް މިހާތަނަށް އެއްވެސް ބޮޑު މައްސަލައެއްގައި ނަތީޖާއެއް ނެރެވިފައެއް ނުވޭ

އޭސީސީއިން މިހާތަނަށް އެކި ވެރިކަންތަކުގައި ބޮޑެތި މައްސަލަތައް ބަލާފައިވެ އެވެ. އެކި މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާފައިވެ އެވެ. ނަމަވެސް އެ މައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކަށް ހައްގު އަދަބު ލިބިފައި ނުވާކަން ފާހަގަކުރެވެ އެވެ. މިއީ އެ ކޮމިޝަނުން ބަލާ ވަކި ބައެއްގެ މައްސަލަތަކުގައި ވެސް ކަން ހިނގާ ގޮތެވެ.

އެއީ ސިޔާސީ ނުފޫޒުގަދަ މީހުންގެ މައްސަލަ ކަމަށް ވިޔަސް، ނުވަތަ އެކި ވިޔަފާރިވެރިންނާއި، އާންމުންގެ ކަމަކަށް ވިޔަސް އެފަދަ މައްސަލަތަކުން މިހާތަނަށް ރަނގަޅު ނަތީޖާއެއް ނުނިކުމެ އެވެ. ބައެއް މީހުންނަށް މައްސަލަތަކުގައި ހުކުމް ކުރުމުން، ފަހުން ދޫވެފައި ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރްސީގެ މައްސަލަ ފާހަގަކޮށްލެވެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމުނީ 29 ޕަސެންޓު މައްސަލައިގަ އެވެ. އަދި 15 މައްސަލައެއްގައި ހިމެނޭ 74.15 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީއިން ނިންމާފައިވާއިރު، އޭގެ ތެރެއިން ދައުލަތަށް އަނބުރާ ލިބިފައި ވަނީ އެންމެ 234,531ރ. އެވެ.

ނަމަވެސް ފަސް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، އޭސީސީއަށް އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ މިދިޔަ އަހަރެވެ. އެއީ 220 މައްސަލަ ކަމަށްވާއިރު، އޭގެ ތެރެއިން ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވުނީ 18 މައްސަލައެއްގަ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި 365 މައްސަލައެއްގެ ޕްރިލިމިނަރީ ތަހުގީގު ހިންގިއިރު، ޕްރިލިމިނަރީ މަރުހަލާއިން ނިންމައި އިތުރަށް ތަހުގީގުކުރަން އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ފޮނުވީ 48 މައްސަލަ އެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 66.1 ޕަސަންޓު މަދު އަދަދެކެވެ.

ފޯމީ ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ސިޔާސީ ފަރާތްތަކާއި ބޮޑެތި ފައިސާވެރިން ފަޅުތަކާއި، ރަށްތަކާއި، ޕްރޮޖެކްޓްތައް ދިނުމުގައި ގްރޭންޑް ކޮރަޕްޝަންގައި ބޮޑެތި ސިޔާސީ ޕާޓީތަކާއި އޭރަކު އޮންނަ ސަރުކާރަކުން ބައިވެރިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބެން ޖެހޭ ހައްގު އަދަބު ނުލިބިދާކަމީ އެސީސީއަށް އޮތް އިތުބާރު ކުޑަވާން ދިމާވާ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ތާރީހަށް ބަލާއިރު ބޮޑެތި ކޮރަޕްޝަން މައްސަލަތަކުގައި މިދަނީ އެއްވެސް ފިޔަވަޅެއް ނޭޅި. އޭގެ ތެރޭގައި އެއާމޯލްޑިވްސްއާއި އެމްއެމްޕީއަރްސީ އަދި ބީއެމްއެލްގެ މައްސަލަ ހިމެނޭ. މައްސަލަ ހައްލު ނުކުރެވެނީ އޭގެ ރޫޓްކޯޒްއެއް ގޮތަށް މި ބަލަނީ އިންސްޓިޓިއުޝަން ހަރުދަނާކޮށްގެން ނޫނީ ގާނޫނަކަށް މިސާލަކަށް އެންޓި ކަރަޕްޝަން އެކްޓާއި އާރްޓީއައިފަދަ އެއްޗެހިން ހައްލު ލިބޭނެ ކަމަށް އާންމުންނަށް މި ދައްކަނީ ކޮންމެ ވެރިކަމެއްގައި ވެސް،" ފޯމީ ބުންޏެވެ.

އައްޒަ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއާއި ފުލުހުން އަދި ޕީޖީ ގުޅިގެން ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އޭރުން ބޭނުންވާ ނަތީޖާތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭސީސީއިން އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ގަދަ ނިދިން ހޭލަންޖެހޭ

ދުނިޔޭގެ އެހެން ގައުމުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަންތައް ފެނިގެންދަނީ ވަރަށް ހަރަކާތްތެރިކޮށެވެ. ބައެއް ގައުމުތަކުގައި އެ ކޮމިޝަން ސަރުކާރުގެ ބާރުގެ ދަށުގައި އޮންނައިރު، އެހެން ގައުމުތަކުގައި އެ ކޮމިޝަނަށް އޮންނަ އިތުބާރު ބޮޑުކަން ވެސް ފާހަގަ ކުރެވެ އެވެ. ނަމަވެސް ރާއްޖޭގައި އެކަން މުޅިން ތަފާތެވެ. ރާއްޖޭގެ އޭސީސީ ފެނިގެންދަނީ ވަރަށް ބޮޑަށް މަޖުބޫރީ ހާލަތުގައި ނުވަތަ ވަޒީފާގެ ބިރަށް މަސައްކަތް ކުރާ ތަނެއް ގޮތުގަ އެވެ. ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ވެސް ހިނގަނީ އެކަހަލަ ގޮތަކަށެވެ.

ރާއްޖޭގައި ވެރިކަމަކަށް ފަހު ވެރިކަމެއްގައި ކޮރަޕްޝަން އިތުރުވެގެންދާކަމީ، މިއަދު ގަބޫލުކުރަން ދައްޗަސް ހަގީގަތެވެ. އެއް ވެރިކަމުން އެ ވެރިކަމުން ހިންގާ ކޮރަޕްޝަން މަތިއަޅައި ފޮރުވަން މަސައްކަތް ކުރާއިރު، ފެނިގެންދަނީ އަނެއް ވެރިކަމެއްގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ފޫގަޅައި، އެކަން ކުރުމަށް މަޖުބޫރުވެފައި އޮންނަ ތަނެވެ. މިގޮތުން އޭސީސީއަށް އޮންނަނީ އެއްވެސް މައްސަލައެއް ނުބެލިފަ އެވެ.

އޭސީސީއަށް ހުށަހަޅާ މައްސަލަތައް ވީހާވެސް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި އައްޒަ ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުން އޭސީސީއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

"ކޮރަޕްޝަންގެ އަމަލެއްގައި އޭސީސީއިން އިސްނަގައި އަޕްޑޭޓްތައް ހާމަކުރުމަކީ އަމަލުތައް ހުއްޓުވަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ. ވީހާވެސް ހާމަކަން ބޮޑުކޮށް މިކަންތައް ކުރުމަކީ މުހިންމު ކަމެއް،" އައްޒަ ވިދާޅުވި އެވެ.

އޭސީސީއިން ކުރަމުންދާ ތަހުގީގުތައް އަދި ހުށަހަޅާ މައްސަލަތައް ވީހާވެސް ހާމަކަން ބޮޑުކޮށް އާންމުންނަށް އެނގޭނެ ގޮތެއް މިހާތަނަށް ގާއިމު ކޮށްފައެއް ނުވެ އެވެ. އަދި މައްސަލަތަކާ ގުޅިގެން ގިނަ ފަހަރު ޖެހެނީ އާރްޓީއައި ހުށަހަޅާށެވެ. ހާއްސަކޮށް އެ އޮންނަ ވެރިކަމަކާ ގުޅޭ މައްސަލަތަކާ ގުޅޭ ތަފްސީލު ހޯދުމަކީ އަބަދުވެސް ދިމާވާ ގޮންޖެހުމެކެވެ. އަދި އާރްޓީއައި ހުށަހަޅައިގެން ވެސް މައްސަލަތަކުގެ ތަފްސީލެއް ނުވަތަ އަޕްޑޭޓެއް ހާމަ ނުކުރެ އެވެ.

އޭސީސީގެ ބޮޑު ނިދިން ހޭލަން އެ މުއައްސަސާ އިތުރު ހިތްވަރެއް ކުރަން ޖެހިފައިވާއިރު، ރައްޔިތުން ވެސް ކޮރަޕްޝަނާ ދުރުވާން މަސައްކަތް ކުރަން ޖެހެ އެވެ. ކޮރަޕްޝަންގެ ފައިސާގައި ޖެހި ރާއްޖޭގެ ރައްޔިތުންނަށް "އޯކޭ" ވަމުން މިދާ ނުރައްކާތެރި ވަބާއިން ސަލާމަތްވާން އާ ވިސްނުންތަކެއް ކުރިއަށް ނެރެން ޖެހެ އެވެ. ހަމައެކަނި ސިޔާސީ ގޮތުން އެކަންޏެއް ނޫނެވެ. ސިޔާސީ ގޮތުން އިސްކުރާ ވިސްނުމަށްވުރެ ފަރުދީ ގޮތުން ވެސް މިހާރު އޮތް ހާލަތުން އަރައިގަންނަން މިއޮތީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.

"މުއައްސަސާތައް ރަނގަޅަށް މަސައްކަތް ނުކުރީމަ އަހަރުމެން ރައްޔިތުން މިޖެހެނީ އަލްޓަނޭޓިވް ޕޮލިޓިކްސްއެއް ހޯދަން. ބިޒްނަސް ކޮންޓްރޯލް ނުކުރާ ޕޮލިޓިކްސްއެއް އައިސްގެން ނޫނީ އެންޓި ކަރަޕްޝަން ވިޔަސް ހިއުމަން ރައިޓްސް ވިޔަސް ސޮލިއުޝަނެއް ލިބޭނެހެން ހީއެއް ނުވޭ،" ފޯމީ ވިދާޅުވި އެވެ.

"މިހާރު މިއޮތް ނޫ ސިޔާސީ ހަރަކާތްތަކެއް އެބަ ބޭނުންވޭ އިންޓާމްސް އޮފް މިސާލަކަށް ޑިމޮކްރަސީ ހަރުދަނާ ކުރަން ވިޔަސް، ކޮރަޕްޝަން ކަންކަން ބަލަން ވިޔަސް، އިންތިހާބުތަކާ ގުޅުން ހުރި ކަންކަން ބަލަންވިޔަސް، މިހާރު މިއޮތީ އެއްކަހަލަ ސިޔާސީ ފިކުރުތަކެއް. އެނޫން ފިކުރު ބޭނުންވޭ ބައިވަރު. އާ ގޮތަކަށް އާ ބަޔަކު ވިސްނަން ފަށަން އެބަ ޖެހޭ. ނިއު ޕޮލިޓިކްސް އެބަ އަންނަން ޖެހޭ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެކަން ކަމަށް ވަކާލަތު ކުރާނެ."

ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތައް ހަގީގަތުގައި ވެސް މިނިވަންކަމާއެކީ މަސައްކަތް ނުކުރުމަކީ ޑިމޮކްރަސީއަށް އޮތް ގޮންޖެހުމެކެވެ. މިނިވަން މުއައްސަސާތަކުގެ ތިބި މެންބަރުން ހިތްވަރާއެކު، ނުފޫޒަކަށް ބެލުމެއް ނެތި، މަސައްކަތް ކުރަންޖެހެ އެވެ. އެ މުއައްސަސާތަކަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ތަންތަނަށް ވާންޖެހެ އެވެ. ނޫން ނަމަ ހަގީގީ ޑިމޮކްރަސީ މި ގައުމަކަށް ނުލިބޭނެ އެވެ.