Advertisement

އެމްޕީއެލްއިން ކާގޯ ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއެކު ފަހުމާނާއެއްގައި ސޮއިކޮށްފި

29 މާރިޗު 2024 - 17:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްޕީއެލްއިން ކާގޯ ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއެކު ފަހުމާނާއެއްގައި ސޮއިކޮށްފި

29 މާރިޗު 2024 - 17:23 0

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް ފަށާ "ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި ޓާކިޝް އެއާލައިންސް އާއެކު ރޭ ސޮއިކޮށްފި އެވެ.

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާކިޝް އެއާލައިންސްއާއެކު އެމްޕީއެލްއިން ސޮއިކުރީ "ސީ-ޓު-އެއާ" ޓްރާންޝިޕްމަންޓް ހިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގަ އެވެ.

އެ ފަހުމުނާމާގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިން އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓާ އަލީ ތޯރިގު އެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އެކުވެސް އެމްޕީއެލްއިން ވަނީ ފަހުމާނާއެއްގައި ސޮއިކޮށްފަ އެވެ.

އެމްޕީއެލްއިން އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށެވެ. އަދި މި އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފެވެ.

އޭގެ އިތުރުން އެމްޕީއެލްއިން އެމްއޭސީއެލްއާއެކު ފަހުމުނާމާއެއް ހެދީ "ސީ-ޓު-އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ. ފަހުމާނާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ މުހައްމަދު މިހާދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވީ މި ހިދުމަތަކީ އެ ކުންފުނީގެ އިތުރުން، ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ހިދުމަތެއް ކަމަށެވެ.

ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖާ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓާ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ހިދުމަތަށް ރާއްޖެ ބޭނުންކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ހިދުމަތުގެ ހަބަކަށް ހެދުން،" ބިލާލް ވިދާޅުވި އެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފަސޭހަ އަދި އަވަސް ހިދުމަތެކެވެ.

މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓޭނެ އެވެ. އަދި މި ހިދުމަތް ކުރިއަށް ގެންދާނީ އެމްޕީއެލް އާއި އެމްއޭސީއެލް އަދި ބައިނަލްއަގްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.