Advertisement

އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް ރައީސަށް ވެސް ވިދާޅުނުވެވުނު

29 މާރިޗު 2024 - 14:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް ރައީސަށް ވެސް ބުނެ ނުދެވުނު - ފޮޓޯ: ރައީސް އޮފީސް


އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ތާރީހެއް ރައީސަށް ވެސް ވިދާޅުނުވެވުނު

29 މާރިޗު 2024 - 14:06 0

އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމުގެ ދަށުން ދައުލަތުގެ ހެލްތު ސްކީމް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފަށާނެ ސީދާ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް ވިދާޅެއްނުވެވުނެވެ.

ރޭ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، އެ ގައުމުތަކުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެކަމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ.

"އުއްމީދުކުރަނީ ހަމަ މި އަހަރުގެ ތެރޭގަ ފެށިގެންދާނެ ކަމަށް، ވަރަށް ބޮޑަށް އެކަން ޓާގެޓު ކުރެވިގެންދަނީ، އެހެންވީމަ ވަރަށް އުންމީދުކުރަން މި އަހަރުތެރޭގަ ފެށޭނެ ކަމަށް،" އިތުރު ތަފުސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވި އެވެ.

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13، ގައި ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ނުސީދާ ބަހުގެ ހަމަލާތަކުގެ ތެރެއިންނެވެ.

"ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ތެރެއިން ތައިލެންޑަށް ބަލިމީހުން އުފުލާނެ ކަމަށް ވެސް ރައީސް އެދުވަހު ވިދާޅުވި އެވެ. ނަމަވެސް މިހާރު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް-8 ގައި ދެވޭ ހަމައެކަނި ގައުމަކީ ސްރީ ލަންކާ އެވެ.

ރައީސްގެ އިތުރުން، ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކި މެންބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ހިދުމަތް ފެށޭނެ ތާރީހަކާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވެ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަަހަކަށް އެ ހިދުމަތް ފަށަން ކަމަށް ވިދާޅުވެފަ އެވެ.

ސީދާ ތާރީހެއް ނުދެއްވުމުން މަޖިލީހުގެ އެކި މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއެކު އެ ދުވަހު މިނިސްޓަރު ވިދާޅުވީ، "މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން [އެއީ] މި ގައުމުތައް ބެލުމާއި ހަރަދުތައް ބެލުމާއި މި މަސައްކަތްތަކުގެ ތެރޭގައި ހަމަ ވީހާ އެންމެ އަވަހަކަށް ތިޔަ ބޭފުޅުންނަށް އެ މައުލޫމާތު ހިއްސާކުރާނަން،" ކަމަށެވެ.