Advertisement

ހިޔާނާތާ ގުޅުވަން މިނިސްޓަރު އިހުސާން މަސައްކަތް ކުރަނީ ރައީސް މުއިއްޒު އެދިގެން : ފައްޔާޒު

28 މާރިޗު 2024 - 16:28 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދިނުމަށް ފަހު ނޫސްވެރިންނާ ފައްޔާޒު ވާހަކަ ދައްކަވަނީ. އޭނާގެ މައްޗަށް ކުރަނީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށް ވިދާޅުވި --- ފޮޓޯ: އިޔާދު އަބްދުލްވައްހާބު


ހިޔާނާތާ ގުޅުވަން މިނިސްޓަރު އިހުސާން މަސައްކަތް ކުރަނީ ރައީސް މުއިއްޒު އެދިގެން : ފައްޔާޒު

28 މާރިޗު 2024 - 16:28 0

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އަށް ލިބިފައިވާ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅުވުމަށް މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފި އެވެ.

ހެންވޭރު ބޯޅަދަނޑު ކައިރީގައި ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މިއަދު މެންދުރުފަހު ހާޒިރުވެ ވަޑައިގެން އެ މައްސަލައިގެ ތަހުގީގަށް ފައްޔާޒް މައުލޫމާތު ދެއްވި އެެވެ. ގާތްގަނޑަކަށް 35 މިނެޓު އެ އިމާރާތުގެ ތެރޭގައި ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.

"[މައްސަލައަކީ] އަޅުގަނޑާ ފުރަތަމަ ކަމަކަށް ބެހޭ ކަމެއް ވެސް ނޫން. އެ ގުޅުވަން މަސައްކަތް މި ކުރައްވަނީ ރައީސް މުއިއްޒުގެ ރިކުއެސްޓުގެ މަތިން ހެޕީ މާކެޓު އިހުސާން ކުރާ ކަމެއް މިކަމަކީ. އެހެން ނަމަވެސް ވަރަށް ސާފުކޮށް އޮތް ކަމެއް. ހާމަކޮށްފައި އޮތް ކަމެއް ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރި ކަމެއް," ފައްޔާޒު ވިދާޅުވި އެވެ.

އޭނާއާ ސުވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރާ ވަޒީރުންގެ މާލީ ބަޔާންތަކުގައި ހާމަކޮށްފައިވާ ވިޔަފާރި މުއާމަލާތަކާ ގުޅޭ މައުލޫމާތާ ގުޅިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއީ, ސެޕްޓެމްބަރު 2022, ގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތާކުން ތާކު ނުޖެހޭ ގޮތަކަށް, މައުލޫމާތު ހާމަކޮށްފައި އޮތް އެއްޗެއްގައި ހިފައިގެން ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތް. އަޅުގަނޑު ބިރު ނުގަންނާނެކަން ފުލުހުންނަށް އެނގޭނެ. ބިރުގަންނަވަން އުޅެނީ އާންމު ރައްޔިތުން," ފައްޔާޒު ވިދާޅުވި އެވެ.

އާރުޑީސީއާ ގުޅިގެން ބަލަމުންދާ މައްްސަލައާ ފައްޔާޒުއާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ވެސް އަންގާފައި ނުވާ ކަމަށާއި އޭނާގެ މައްޗަށް ޖިނާއީ އެއްވެސް ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ފައްޔާޒުގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވި އެވެ.

މިއީ ސިޔާސީ ލީޑަރަކު ފުލުހުންގެ ތަހުގީގަށް މި ވެރިކަމުގައި ތަހުގީގަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ. ފައްޔާޒު މި ތުހުމަތުތައް ދޮގު ކުރައްވަ އެވެ. ވިދާޅުވަނީ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

މިއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. މިހާތަނަށް ފުލުހުން މި މައްސަލާގައި ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ.