Advertisement

ޕީއެންސީގެ ބޮޑު ކާމިޔާބީން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ހިތްހަމަޖެހުން

27 އޭޕްރީލް 2024 - 12:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް


ޕީއެންސީގެ ބޮޑު ކާމިޔާބީން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ހިތްހަމަޖެހުން

27 އޭޕްރީލް 2024 - 12:00 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އެކަމުގެ ހިތްހަމަޖެހުން ފާޅުކޮޮށްފި އެވެ.

ޗައިނާގެ ޕީޕަލްސް ޑެއިލީ ނޫހުގެ އެޑިޓޯރިއަލްތަކަކީ ކޮމިއުނިސްޓްޕާޓީގެ ސިޔާސަތުތަކާއި ކަންބޮޑުވުންތައް ފާޅުކުރާ އެޕާޓީގެ "މައުތުޕީސް" އެވެ. އެނޫހުގެ އެޑިޓޯރިއަލްތައް ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ރިޕޯޓްކުރަނީ އެ ހައިސިއްޔަތުންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުުކުރި އިރު، އިންތިހާބުގެ ފަހުން އެޕާޓީއާ ގުޅުނު މެމްބަރުންނާ އެކު ޖުމްލަ 76 މެމްބަރުން ތިއްބަވާނެ އެވެ.

އެ ކާމިޔާބީއާ ގުޅިގެން ޕީޕަލްސް ޑެެއިލީގައި ލިޔުނު އެޑިޓޯރިއަލްއެއްގައި ބުނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެ ކާމިޔާބީގެ ހެޔޮ އަސަރުކުރާނެ ކަމަށެވެ. މި އިންތިހާބުގެ ނަތީޖާއިން ދޭހަވަނީ "ޖިއޯޕޮލިޓިކަލް ހަމަނުޖެހުމެއްގައި ބެދިފައި ތިބުމުގެ ބަދަލުގައި" އިގުތިސާދީ ތަރައްގީއަށް ދިވެހިން ބޭނުންވާ މިންވަރު ކަމަށް އެ ލިޔުމުގައި ސިފަކޮށްފައިވެ އެވެ.

ޗައިނާގެ ސިންހުއާ ޔުނިވާސިޓީގެ ނެޝަނަލް ސްޓްރެޓެޖީ އިންސްޓްޓިއުޓްގެ ޑައިރެކްޓާ އޮފް ރިސާޗް ގިއާން ފެންގް ޕީޕަލްސް ޑެއިލީގެ ލިޔުމަށް ދެއްވި އިންޓަވިއުގައި ފާހަކުރެއްވީ އިންތިހާބުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮޮންޓްރޯލް އޮތީ އިދިކޮޅަށް ކަމަށް ވާތީ، ރައީސް މުއިއްޒަށް ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ކަމެވެ.

"އެކަމަކު މިހާ ބޮޑު އިންތިހާބީ ކާމިޔާބީއެއްގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބާރުވެރިކަން ވަރުގަދަވާނެ. އެއީ ދާހިލީ އަދި ހާރިޖީ ސިޔާސުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ފައިދާކުރާނެ ކަމެއް،" އޭނާ ވިދާޅުވެފައި ވެ އެވެ.

ޕީޕަލް ޑެއިލީގެ އެޑިޓޯރިއަލްގައިވާ ގޮތުން އެގައުމުގެ ފޮރިން މިނިސްޓްރީންގެ ތަރުޖަމާނު ވާންގް ވެންބިން މިދިޔަ ހޯމަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިން ގައި ވެސް ރާއްޖޭގެ އިންތިހާބުގައި ވެރިކަންކުރާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވި އެެވެ.

"ޒަމާންވީ ގުޅުން ކުރިއަށް ގެންދިއުމާއި ތަފާތު އެކި ދާއިރާތަކުން އެއްބާރުލާ މިންވަރު އިތުރުކުރުމުގައި ދިވެހިރާއްޖެއާ އެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް،" ވާންގް ވިދާޅުވި ކަމަށް ޕީޕަލްސް ޑެއިލީގެ ލިޔުމުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޕީއެންސީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިން ބޭނުންވާ ގޮތް ބޭރު ގައުމުތަކަށް މިހާރު ސާފުވާނެ ކަމަށެވެ.

"ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ސާފުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ޔަގީންވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއްކަން އިންތިހާބުގެ ނަތީޖާއިން ސާފުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ފަހުރުވެރި ދިވެހި ގައުމެއް. އަޅުގަނޑުމެންނަކީ މިނިވަންކަމަށް ލޯބި ކުރާ ބައެއްކަން، ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމަންކަން. އަޅުގަނޑުމެންނަށް މުހިންމީ ދިވެހިންގެ ކަންކަމަށް ދިވެހީން ބަސް ބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ވަރަށް ސާފުވާނެ. އަދި އަޅުގަނޑުމެން އެތެރޭގައި ތިބި އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ސާފުވެވަޑައިގަންނަވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.