Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ފުލުހަށް ހާޒިރުކޮށްފި

28 މާރިޗު 2024 - 15:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ފުލުހަށް ހާޒިރުކޮށްފި

28 މާރިޗު 2024 - 15:06 0

އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދާދި ދެންމެއަކު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ފައްޔާޒާއި އޭނާގެ ގާނޫނީ ޓީމު ހާޒިރުވީ ހެންވޭރު ބޯޅަދަނޑު ކައިރީގައި ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

އެ ސަރަހައްދަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސަޕޯޓަރުން ޖަމާވެފައިވާއިރު ފައްޔާޒު ފުލުހަށް ހާޒިރުކުރާތީ ސަރުކާރަށް އެ ޕާޓީގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

މިއީ ސިޔާސީ ލީޑަރަކު ފުލުހުންގެ ތަހުގީގަށް މި ވެރިކަމުގައި ތަހުގީގަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ. ފައްޔާޒު މި ތުހުމަތުތައް ދޮގު ކުރައްވަ އެވެ. ވިދާޅުވަނީ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަަނީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން އާންމު ރައްޔިތުން ބިރުވެރިކަމަކަށް ވައްޓާލުމަށް ކަމަށް ފައްޔާޒު ވަނީ މިކަމާ ގުޅިގެން ވިދާޅުވެފަ އެވެ. ނަމަވެސް, އެމްޑީޕީގެ މެމްބަރުންނަކީ ސިޔާސީ ގޮތުން ބިރު ދެއްކޭނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވެސް މިކަން ސިފަކުރެއްވީ "އެއްވެސް އަސާސެއް ނެތް" ސިޔާސީ ކަމެއްގެ ގޮތުގަ އެވެ.

މިއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. މިހާތަނަށް ފުލުހުން މި މައްސަލާގައި ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި އެ އިދާރާއަށް ހުށަހެޅި މައްސަލައެކެވެ.