Advertisement

އެފްއޭއެމް ވެޓެރަންސް ލީގު: ޕޮލިސް ބަލިކޮށް ސިފައިން ފުރުސަތު ބޮޑުކޮށްފި

28 މާރިޗު 2024 - 11:19 0

ސިފައިންނާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު/ ވަގުތު


އެފްއޭއެމް ވެޓެރަންސް ލީގު: ޕޮލިސް ބަލިކޮށް ސިފައިން ފުރުސަތު ބޮޑުކޮށްފި

28 މާރިޗު 2024 - 11:19 0

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގައި ޕޮލިސް ކްލަބް އަތުން 4-2 އިން މޮޅުވެ، ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން، ނުވަ ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތީ ހުޅުމާލެ ވެޓެރަންސް ކްލަބް އެވެ. އެ ޓީމަށް ވަނީ ބާކީ މެޗެއް އޮއްވައި ސެމީ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ. ދެ ވަަނައިގައި އޮތް ސިފައިންނަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ސިފައިންނަށް ދެން އޮތް މެޗުން ހުޅުމާލެ ވެޓެރަންސްއާ އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވޭނެ އެވެ.

ތިން ވަނައިގައި އޮތް ހުއްރިއްޔާ ވެޓެރަންސް (ހުރާ) އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ދެން އޮތީ، ގްރޫޕްގެ ފުލުގައި އޮތް ވިލިމާލެ ޔުނައިޓެޑް މެޗެވެ. އެ މެޗުން މޮޅުވެ، ހުރާ އަށް ޖެހޭނީ ސިފައިންނާއި ހުޅުމާލެ މެޗުގެ ނަތީޖާ އަށް ބަލާށެވެ. އިއްޔެގެ މެޗުން ބަލިވުމުން، ޕޮލިހަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފަ އެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި، ސިފައިންގެ ޓީމުގެ އަހުމަދު ފަޒަލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ، އަބްދުލް ސަމަދު އެވެ.

ޕޮލިހުގެ ލަނޑުތައް ޖެހީ، އަހުމަދު ޝާހިދު އާއި އަންދާޒް މުހައްމަދު އެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ މުއިވެޔޮ ފްރެންޑްސް އާއި ސްޓްލެކޯ ކްލަބް އެވެ. މި މެޗުން މުއިވެޔޮ މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ ޔަގީންވާނެ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެ، ސެމީން ފުރުސަތު ހޯދައިފަ އެވެ.