Advertisement

ސަރުކާރު މެމްބަރުން އެސްޑީއެފް ބިލުގެ ވޯޓުގައި ބައިވެރިނުވީ ބިލު ފާސްކުރަން ބޭނުން ނުވާތީ: އެމްޑީޕީ

28 މާރިޗު 2024 - 09:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސަރުކާރު މެމްބަރުން އެސްޑީއެފް ބިލުގެ ވޯޓުގައި ބައިވެރިނުވީ ބިލު ފާސްކުރަން ބޭނުން ނުވާތީ: އެމްޑީޕީ

28 މާރިޗު 2024 - 09:27 0

މި ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލުގެ ވޯޓުގައި ސަރުކާރު ޕާޓީތަކުގެ މެމްބަރުން ބައިވެރި ނުވީ އެ ބިލު ފާސްކުރަން ސަރުކާރުން ބޭނުން ނުވާތީ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ސަރުކާރުގެ މެމްބަރުން ވޯޓު ނުދިން ނަމަވެސް އެ ބިލު ބޭރުކޮށްލީ އެމްޑީޕީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ސޯލިހު ވަނީ ސަރުކާރު ޕާޓީގައި ތިއްބެވި މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ތިބި މެމްބަރުންނަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނޭ. އެހެންވެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ. އެހެން ނަމަ އެ ދުވަހު މަޖިލީހަށް ވަދެ ވޯޓު ދެއްވަންވީ ނޫންތޯ," ރޭ ބޭއްވި ޖަލްސާއެއްގެ އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެސްޑީއެފް ބިލަށް ވޯޓަށް އެހި ވަގުތު ސަރުކާރަށް ތާއީދުކުރާ އެއްވެސް މެމްބަރަކު މަޖިލިސް ތަޅުމުގައި ނެތްކަން ސޯލިހު ފާހަގަކުރެއްވި އެވެ. އެމްޑީޕީއާ މަޝްވަރާ ކުރި ނަމަ އެ ބިލާ މެދު އެހެން ގޮތަކަށް މަޖިލިސް ތަޅުމުން ނިންމުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ސަރުކާރުގެ ސިޔާސަތު ގަބޫލުނުކުރަނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެބަ އިނގެއެއް ނޫންތޯ. އަޅުގަނޑުމެންނަކީ އޮޕޮޒިޝަންގައި ތިބި ބައެއް. އެ މީހުން ނުކުރާ އެއްޗަކަށް, ސަރުކާރުން އެ މީހުން ނުކުރާ ތާއީދެއް އަޅުގަނޑުމެން ކިހިނެއްތޯ ދޭނީ," ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ކޮންމެހެން ފާސްކުރަން ޖެހޭ ބިލެއް ނަމަ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގައި އެ ވިސްނުމެއް ނެތް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ސަރުކާރު ޕާޓީތަކުގެ މެމްބަރުން ވޯޓުގެ ވަގުތު ތަޅުމުން ބޭރުގައި ތިއްބެވީ ރައީސް މުއިއްޒު އަންގަވައިގެންނެވެ.

"އެ ފާސްކުރާކަށް ބޭނުމެއް ނޫން. ފާސްކުރީމާ ވާ ގޮތަކީ ދަތިތަކަކާ ވެސް ކުރިމަތިވަނީ. ވައްކަން ކުރަން ވެސް އުނދަގޫ ވަނީ," ފައްޔާޒު ވިދާޅުވި އެވެ.

އެ ޖަލްސާގެ ވޯޓު ގަޑީގައި އެ ބިލާމެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ ތިން މެމްބަރުންނެވެ. ސަލީމު ވޯޓެއް ދެއްވީ އެކެއް އެކަކުން ވޯޓު އެއްވަރުވުމުންނެވެ.

"ވޯޓާ ހިސާބަށް އައިއިރު ތަކުރާރުކޮށް އަޅުގަނޑު ދަންނަވަމުން ދިޔައީ މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. ފްލޯއިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެމްބަރަކު, ހަމަ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަން. އެހެންވީމާ މި ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ އަޅުގަނޑު ވޯޓު ދެނީ ނުފެންނަ ކަމަށް," ވޯޓު ދެއްވި ސަބަބު ހާމަކުރައްވަމުން ސަލީމް އެ ދުވަހު ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ގައުމީ ބޮޑު މައްސަލައަކާ ބެހޭ ގޮތުން ހުށަހަޅާފައި އޮތް އެ ބިލު އެމްޑީޕީން ބޭރުކޮށްލީ ކަމަށެވެ.

އިއްޔެ އެ ބިލަށް ވޯޓަށް އެހި އިރު ޕީއެންސީގެ މެމްބަރަކު ތަޅުމުގައި ވަޑައިގެން ނެތީ އޭނާ ވިދާޅުވި ގޮތުގައި އެންޓިޑިފެކްޝަން ބިލު ދިރާސާކުރާނެ ކޮމިޓީއަކާ މެދު ހިޔާލުތަފާތުވުމުން، އިހުތިޖާޖުކުރުމުގެ ގޮތުން ތަޅުމުން ނުކުމެވަޑައިގެންނެވުމުންނެވެ.