Advertisement

އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް ދަނީ ތައްޔާރުވަމުން: ސޯލިހު

28 މާރިޗު 2024 - 08:23 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރޭ ބޭއްވި ކެމްޕޭނު ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު


އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް ދަނީ ތައްޔާރުވަމުން: ސޯލިހު

28 މާރިޗު 2024 - 08:23 1

ސިޔާސީ ގޮތުން ބިރުވެރިކަން އަލުން އިޔާދަވެފައިވާ ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް މި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ސޯލިހު ވަނީ ސަރުކާރުން ވަޒީފާގެ ނުފޫޒު ފޯރުވަމުންދާ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ ސިޔާސީ ހަރަކާތް ހުއްޓުވުމަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ޕޮލިހަށް ހާޒިރު ވުމަށް އަންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވީ މި ފެނުނީ ސިޔާސީ ލީޑަރުންނާ ދިމާކުރި މަންޒަރު ކަމަށެވެ.

"ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން މިދަނީ. ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ," ސޯލިހު ވިދާޅުވި އެވެ.

"އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް"

މީގެ 10 އަހަރު ކުރިން ރާއްޖެ އޮތް ހާލަތުގެ އިހުސާސު މިހާރު ކުރެވެން ފަށައިފި ކަމަށާއި, ރާއްޖޭގެ ކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އަނެއްކާ ވެސް އެ ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް ގައުމު ދާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެ ހިސާބަކުން ނުނިމޭނެ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. ޕޮލިސް ކޮމިޝަނަރުން ވެސް ގެންގޮސް ހައްޔަރުކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާނެ," ކަންބޮޑުވުން ފާޅުކުރައްވަމުން ސޯލިހު ވިދާޅުވި އެވެ.

އެ ކަންކަން ހާމަވަނީ ވެރިކަމާ ހަވާލުވީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމުން ކަމަށް ސޯލިހު ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ބާރެއް ނެތް ތަނަކަށް ހެދުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިކަމުގައި އެންމެން އެއްކޮށް ތެދުވާން ޖެހޭ. ބާރަށް ތެދުވާން އެބަ ޖެހޭ. މި ގައުމުގެ މިސްރާބު ހަމައިން ނައްޓައިފި. ފަހަތަށް ދުވަނީ. އަޅުގަނޑުމެން ދާން ޖެހޭނީ ކުރިއަށް," ސޯލިހު ވިދާޅުވި އެވެ.