Advertisement

ފިތުނަ ވިއްކައިގެން ގަތުލުއާއްމު ހިންގާފައި އެބަހުރި، ސަރުކާރުގެ މިސްރާބު ހުރީ އެ ދިމާލަށް: ޝާހިދު

27 މާރިޗު 2024 - 23:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާދު / އަދަދު


ފިތުނަ ވިއްކައިގެން ގަތުލުއާއްމު ހިންގާފައި އެބަހުރި، ސަރުކާރުގެ މިސްރާބު ހުރީ އެ ދިމާލަށް: ޝާހިދު

27 މާރިޗު 2024 - 23:55 0

ދުނިޔޭގެ އެކި ގައުމުތަކުގައި އަނިޔާވެރިކަމާއި ފިތުނައިގެ ފަލްސަފާ ވިއްކައިގެން ބޮޑެތި ގަތުލުއާއްމުތައް ހިންގާފައި އެބަހުރި ކަމަށާއި މި ސަރުކާރުގެ މިސްރާބު ވެސް ހުރީ އެ ދިމާލަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ހުންނެވި މަޖިލީހެއްގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ދެއްކެވި ވާހަކައަށް އިޝާރަތްކޮށް ޝާހިދު ވިދާޅުވީ މި ސަރުކާރަށް ތާއީދު ނުކުރާ މީހުންނަކީ ދިވެހީން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭބޭފުޅުން ސިފަ ކުރައްވަމުން ގެންދަވާ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ގޮސްފައި އޮތް ހިސާބު އަބްދުﷲ ގެ އެ ވާހަކަތަކުން ސާފުވާ ކަމަށާއި އެފަދަ ވިސްނުމުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ގަތުލުއާއްމުތައް ވެސް ހިންގާފައިވާ ކަމަށެވެ.

"ހިތްޕުޅަށް ގެންނަވާ ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަހަލަ ފިތުނަ، މިކަހަލަ އަނިޔާވެރިކަމުގެ ފަލްސަފާ ފަތުރާފައި އެބަ ހުއްޓޭ، އިންދަނީ މިކަހަލަ ކުޑަކުޑަ އޮށެއް، މިވެނި ބަޔަކީ ގައުމުގެ ރައްޔިތުންނެއް ނޫނޭ، މިވެނި ބަޔަކީ ތިމަންނަމެންގެ ބައެއް ނޫނޭ،" ޝާހިދު ވިދާޅުވި އެވެ.

"އެ ފިތުނައިގެ އޮށް، ނަފުރަތުގެ އޮށް އިންދައިގެން އެ ބޮޑު ކުރަމުން ގޮސް ދުނިޔޭގެ ގައުމުތަކުގައި އެބަހުރި ބޮޑެތި ގަތުލުއާއްމު ހިންގާފައި، އެ ދިމާލަށް މި ސަރުކާރުގެ މިސްރާބު ޖަހާފައި ހުރިތަން އަޅުގަނޑުމެންނަށް މި ފެންނަނީ، އަނިޔާވެރިކަމާއި ނަފުރަތާ ދިމާލަށް މި ސަރުކާރުގެ މިސްރާބު ޖަހާފައި އޮތީ،"

އެގޮތުން ސަރުކާރަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ކަނޑަމުންދާ ކަމަށް ޝާހިދު މިރޭ ވެސް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ވަކި ބަޔަކީ ތިމަންނާމެންގެ ބައެއް ނޫން ކަމަށް ގަބޫލު ކުރާ ފިކުރުން ދިވެހި ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ.