Advertisement

ގދ. ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކޮށްފި

27 މާރިޗު 2024 - 16:47 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގދ. ތިނަދޫ ކައުންސިލުގެ ބޭރު -- ފޮޓޯ: އަދަދު


ގދ. ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކޮށްފި

27 މާރިޗު 2024 - 16:47 1

ގދ. ތިނަދޫ ކައުންސިލު، ސިޓީ ކައުންސިލަކަށް ބަދަލުކޮށް، އެ ކައުންސިލުގެ އިދާރާއަކީ ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާގެ ގޮތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ތިނަދޫ ކައުންސިލު އިއްޔެއިން ފެށިގެން ސިޓީ ކައުންސިލަކަށް ބަދަލު ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަން ރައީސް އޮފީހުން އިއުލާނު ކުރެއްވީ މިއަދު އެވެ.

ތިނަދޫ ކައުންސިލު ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައި މިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު އިއްޔެ ރައީސް ތަސްދީގު ކުރެއްވުމަށްފަހު އެވެ.

ރައީސް ގެންނެވި މި ބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައި ވަނީ "Secretariat of the Thinadhoo City Council" އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޯގަސްޓު 31، 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ސޯލިހު ނެރުއްވި ގަރާރަކުން ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު، ރަށު ކައުންސިލަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި ތިނަދޫ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ އެ ސަބަބާ ހުރެ އެވެ.

ތިނަދޫއަކީ ރާއްޖޭގެ ފަސްވަނަ ސިޓީ އެވެ. ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައި އޮންނަނީ ވެރިކަން ކުރާ މާލެ ސަރަހައްދާއި ހދ. ކުޅުދުއްފުށްޓާއި އައްޑޫ އަތޮޅާއި ފުވައްމުލަކުގެ އިތުރުން ސިޓީތަކުގެ ލިސްޓަށް އަލަށް އިތުރުވި ގދ. ތިނަދޫ އެވެ.