Advertisement

އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ދުވަހެއް ނޭނގޭ

27 މާރިޗު 2024 - 12:02 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވޭނެ ދުވަހެއް ނޭނގޭ

27 މާރިޗު 2024 - 12:02 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ހަރަދުގައި ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރުމުގެ ހިދުމަތް ދޭން ފެށޭނެ ތާރީހަކާ ބެހޭ ގޮތުން، ސަރުކާރުގެ އެއްވެސް ނިންމުމެއް އަދި ނެތް ކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކި މެންބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ތާރީހަކާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވެ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަަހަކަށް އެ ހިދުމަތް ފެށުމަށް ކަމަށެވެ.

މިނިސްޓަރު އެގޮތަށް ޖަވާބުދެއްވަމުން ގެންދަވާތީ ބައެއް މެންބަރުން އެކަން ފާހަގަ ކުރައްވައި، ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. މެންބަރުން އެ ސުވާލު އެ ގޮތް ގޮތަށް ބަދަލުކޮށް އިތުރަށް ތަފްސީލު ވެސް ކޮށްދެއްވި އެވެ.

"ވީ އެންމެ އަވަހަކަށް، އެބަ މަސައްކަތް ކުރަން، އެއީކީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ދެވޭނެ ޖަވާބެއް ނޫން. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި އެބަ އޮތް، މިއަދުގެ ސުވާލަކީ ވެސް އާސަންދަ، ތައިލެންޑާ ޔޫއޭއީން ލިބޭނެ ކަމަށް ، ކޮބައިތޯ އެ ދުވަހަކީ؟ ކޮން އިރަކުން އެކަން ވާނެތޯ؟" މިނިސްޓަރުގެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވަމުން މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އާޒިމް އެގޮތަށް ސުވާލުކުރެއްވުމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އެެކަހަަލަ މަސައްކަތެއް ކުރާ އިރު އެންމެ މުހިއްމީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދޭނެ ގޮތަކަށް ކުރުން ކަމަށެވެ.

"މިކަހަލަ މަސައްކަތެއް ކުރަމުން ދާއިރު އެންމެ މުހިންމު ވެގެން ދަނީ ހަމަ ކުރީގައި އަޅުގަނޑު ދެންނެވި ފަދައިން ސަސްޓެއިނަބުލް ސިސްޓަމެއް، އެކަހަލަ ކަމެއް ތައްޔާރުކުރުމަށް ވަރަށް ވިސްނުންތެރިކަމާ އެކު މީގައި ދެން އަނެއްކާ ދުވަސްކޮޅަކުން ބަދަލުކުރަން ނުޖެހޭނެ ކަހަލަ ނިޒާމެއް ތައްޔާރުކުރުން. އެކަމަކު ހަމަ އެއާ އެކީގައި ތިޔަ ފާހަގަކުރެއްވިހެން އެ މުއްދަތްތައް އެނގުމަކީ ހަމަ ތިޔަ ބޭފުޅުންނަށް ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫއޭއީއާއި ތައިލެންޑުުން ބޭސްކުރުމަށް އާސަންދަ ހަމަ ޖެއްސުމަށް ޓަކައި މިހާރުު ކުރަމުން އަންނަނީ ދިރާސާ މަސައްކަތްތަކެވެ. އެކަން ވީހާވެސް އަވަހެއް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެެވެ.

"މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން [އެއީ] މި ގައުމުތައް ބެލުމާއި ހަރަދުތައް ބެލުމާއި މި މަސައްކަތްތަކުގެ ތެރޭގައި ހަމަ ވީހާ އެންމެ އަވަހަކަށް ތިޔަ ބޭފުޅުންނަށް އެ މައުލޫމާތު ހިއްސާކުރާނަން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ޖަވާބު ދެއްވުމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އިތުރަށް ތަފްސީލު ކުރެއްވި އެވެ.