Advertisement

މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން 21 ދުވަހަށް އިތުރުކޮށްފި

31 މާރިޗު 2024 - 17:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު: އޭނާ ސަސްޕެންޑުކުރީ ގިނަ ޝަކުވާތަކެއްގެ މައްސަލަ ބަލާތީ --- ފޮޓޯ: މިފްކޯ


މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން 21 ދުވަހަށް އިތުރުކޮށްފި

31 މާރިޗު 2024 - 17:19 0

ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ޝަމާހުއަށް ފޮނުވި ސިޓީއެއްގައި ބުނީ ޝަމާހު ސަސްޕެންޑުކުރަން މާޗު 18، ގައި ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރު ކޮށްފައިވާ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝަމާހު ސަސްޕެންޑު ކުރި މުއްދަތު އިތުރުކުރަން ޕީސީބީން ނިންމީ އެ އިންކުއަރީގެ އެއްކޮށް ފުރިހަމަ ނުވާތީ އެވެ.

ޝަމާހުއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގައި ތިއްބަވާ ބައެއް މެމްބަރުން ވަނީ ޝަމާހު ސަސްޕެންޑު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޕީސީބީން ބުނީ އެ ބޯޑުން އަމަލުކުރީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތައް ބަލާ އުސޫލުގެ ދަށުން ކަމަށެވެ.