Advertisement

ލޯބީގެ އަސަރުގަދަ ސީރީޒް "ޝަރުތު" މިހާރު ވީޑިއޯކްލަބުން ބެލޭނެ

27 މާރިޗު 2024 - 11:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލޯބީގެ އަސަރުގަދަ ސީރީޒް "ޝަރުތު" މިހާރު ވީޑިއޯކްލަބުން ބެލޭނެ

27 މާރިޗު 2024 - 11:12 0

ލޯބީގެ ތަފާތު، ފުން އަސަރުތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ޝަރުތު"ގެ ފުރަތަމަ ހަ އެޕިސޯޑު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ އެވެ.

އެމްއެސް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނެ އެވެ.

މި ސީރީޒްގައި ފެނިގެން ދާނީ މައި ކެރެކްޓާ ދާނިސް އޭނާގެ ބައްޕަގެ އެދުމުގެ މަތިން ހިތާއި ދެކޮޅަށް އޭނަ ލޯބިވާ އަންހެން ކުއްޖާ ޒޯޔާގެ ބެސްޓްފްރެންޑް ތާރާ އާއި މަޖުބޫރުން ކައިވެނި ކުރުމަށް ފަހު ދިމާވާ އެކިއެކި ހާދިސާތަކެވެ.

ކައިވެންޏަށް ފަހު ދާނިސް އާއި ގާތްވުމަށް ތާރާކުރާ މަސައްކަތާއި އެކަމުން ރެކެން ދާނިސް ކުރާ މަސައްކަތް މި ސީރީޒްގައި ފެނިގެންދާނެ އެވެ. ދާނިސް އާއި ޒޯޔާގެ ލޯބީގެ ގުޅުމަށް ކައިވެންޏާއި ހެދި ބުރޫއަރައި ދިމާވާ އެކި އެކި ކަންކަންވެސް މި ސީރީޒްއިން ފެނިގެންދާނެ އެވެ.

މި ސީރީޒްގެ މައި ރޯލުތަކުން ފެނިގެންދާ ތަރިން ތެރޭގައި ތާރާގެ ރޯލުން ފެނިގެންދާ ދިވެހިންގެ ތެރޭގައި, މަގްބޫލު ތަރި އައިޝަތު ލަހުފާ (ލާކް) ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ފިލްމީ އިންޑަސްޓްރީގައި ހަރުފަތްތައް ގިރާކުރަމުން އަންނަ ތަރިން ކަމުގައިވާ ޝާފިއު މުޙައްމަދު (ޝާފީ) އަދި ޝަހީދާ މުހައްމަދު (ޑޯރާ) މި ސީރީޒްގެ އިސް ރޯލުތަކުން ފެނިގެންދެ އެވެ.

މި ސީރީޒްގެ ޝޫޓިން ކުރިއަށް ގޮސްފައި ވަނީ ޅ. އަތޮޅުގެ ހިތްގައިމު ރަށެއް ކަމުގައިވާ ކުރެންދޫގަ އެވެ.

މީގެ ކުރިންވެސް މަގްބޫލު ސީރީޒްތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފައިވާ ހުނަރުވެރި ފަރާތެއް ކަމުގައިވާ މުހައްމަދު އަބޫބަކުރު (މާއެނބޫ) މި ސީރީޒް ޑައިރެކްޓް ކޮށްފައިވާއިރު، އޭނާގެ ޑައިރެކްޝަނެއް ކަމުގައިވާ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ސީރީޒް "ހިތް ކަލާޔަށް އެދޭތީ" އަކީ ވީޑިއޯ ކްލަބް ޚިދުމަތުގެ އެންމެ މަގްބޫލު އެންމެ ގިނަބަޔަކު ބެލި ސީރީޒްތަކުގެ ލިސްޓުގެ ގަދަ ފަސް ގައި ހިމެނޭ ސީރީޒްއެއްކަން ފާހަގަކޮށްލެވެ އެވެ.

ފެބްރުއަރީ 14، ގައި ވީޑިއޯ ކްލަބުން ވަނީ އެ ހިދުމަތުގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ މިފަހުން ސިނަމާގައި ރިލީޒްކުރި އެންމެ މަގްބޫލު އެއް ފިލްމު ކަމުގައިވާ "ނޮވެމްބަރު" ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފަ އެވެ.

ވީޑިއޯ ކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ހާއްސަ އިސްކަމެއް ދީގެން، ދިވެހިންނާއި ހަމައަށް ދިވެހިންގެ ރަހަތަކާއި ގުޅޭ، މުނިފީހިފިލުވަނިވި ފިލްމާއި ސީރީޒް ގެނެސްދެމުންނެވެ.