Advertisement

ކުވައިތު ފަންޑުގެ ފައިސާއާ ބެހޭ ސުވާލަށް ޖަވާބު ނުދީ ހަލީލު އެދުނީ މަޖިލީހުން އިންކުއަރީއެއް ހިންގަން!

26 މާރިޗު 2024 - 15:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހެލްތު މިނިސްޓަރު ހަލީލު މަޖިލީހުގައި ޖަވާބުދެއްވަނީ : ކުވައިތު ފަންޑުގެ ފައިސާއާ ބެހޭ ސުވާލަށް ހަލީލު ޖަވާބެއް ނުދިން - ފޮޓޯ: މަޖިލިސް އިދާރާ


ކުވައިތު ފަންޑުގެ ފައިސާއާ ބެހޭ ސުވާލަށް ޖަވާބު ނުދީ ހަލީލު އެދުނީ މަޖިލީހުން އިންކުއަރީއެއް ހިންގަން!

26 މާރިޗު 2024 - 15:20 0

ކުވައިތު ފަންޑުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލުގެ އަބްދުﷲ ހަލީލު ފައުންޑޭޝަން (އޭކޭ ފައުންޑޭޝަން) އަށް ފ. ނިލަންދޫ ސްކޫލުގައި ދެބުރީގެ އިމާރާތެއް އަޅަން ދިން ފައިސާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރު ދެކޮޅު ހައްދަވައިފި އެވެ.

މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމު އެވެ. އެއް ފަހަރު މިނިސްޓަރު ވަނީ މައުލޫއާ ނުގުޅޭ ކަމަށް ވިދާޅުވެ ސުވާލު ދޫކޮށްލައްވާފަ އެވެ.

"އިއްޒަތްތެރި މިނިސްޓަރު ސްކޫލެއް އަޅަން ކުވެއިތު ފަންޑުން ނަގާފަ ހުރި ލާރި، އަދަދު ނޫހުގައި އެބައޮތް މިނިސްޓަރު ޕާސަނަލް އެކައުންޓަށް އެ ލާރި ގޮސްފައިވާ ކަމަށް"

ޝަހީމުގެ ސުވާލުގައި އިޝާރާތް ކުރެއްވީ އިއްޔެ މި މައްސަލާގައި މި ނޫހުން ގެނެސްދީފައިވާ ހަބަރަށެވެ. "އަދަދު" އިން އެއްކުރި މައުލޫމާތުން އިނގޭ ގޮތުން ކުވެއިތުން ދިން 200،000 ޑޮލަރުގެ ތެރެއިން 89،000 އެއްހާ ޑޮލަރު ވަނީ ހަލީލުގެ އަމިއްލަ އެކައުންޓަށް ވަދެފަ އެވެ.

"ކުވައިތު ފަންޑުން އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފަ ހުރިއްޔާ އަޅުގަނޑު އެދެން އިއްޒަތްތެރި މެންބަރު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން ރަނގަޅު އިންކުއަރީއެއްވެސް ހައްދަވަން، އޭރުން އޭގެ ހަގީގަތްތައްވެސް އިނގިވަޑައިގަންނަވާނެ" ޖަވާބުގައި ހަލީލު ވިދާޅުވި އެވެ.

ސުވާލަށް ހަލީލު ޖަވާބު ނުދެއްވިއިރު ނިލަންދޫގައި ހުންނަ ސްކޫލުގައި އަޅަންފެށި އިމާރާތް އަދިވެސް ހުރީ ނުނިމި އެވެ. އެ އިމާރާތުގެ ފެންނަން ހުރީ ދަގަނޑުން ހަދާފައި ހުރި ސްޓްރަކްޗާއެއް އެކަންޏެވެ.

ކުވެއިތުން ދިން ފައިސާ ހަލީލުގެ އިތުރުން އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އެކައުންޓަށް ދެ ފަހަރެއްގެ މަތިން 20،000 ޑޮލަރު އަދި އަދި ހަލީލުގެ ކޮއްކޮ ޝަމްސުﷲ ފަޒީލްގެ އެކައުންޓަށް 2،100 ޑޮލަރު ވެސް އޭކޭ ފައުންޑޭޝަނުން ޖަމާކޮށްފައިވެ އެވެ.

އެ ދުވަސްވަރުގެ ބޭންކު ސްޓޭޓުމެންޓުން ފެންނަ ގޮތުން އެ ޖަމިއްޔާއިން ފައިސާ ދީފައިވަނީ ދިވެހި އެންމެ ކުންފުންޏަކަށެވެ. އެއީ އައިމް ކޮންސްޓްރަކްޝަން އެވެ. އެ ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޖުމުލަ 9،050 ޑޮލަރު ޖަމާކޮށްފައިވެ އެވެ.

އައިމް ކޮންސްޓްރަކްޝަންގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ހަލީލުގެ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. އެއީ ޝަމްސުﷲ، ފަތުހުﷲ އަގީލް އަދި ނަސްރުﷲ ޖަލީލް އެވެ.