Advertisement

ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ނެރުނު ގަރާރު ފުރިހަމައަށް ތަންފީޒު ކުރަން ރައީސް ގޮވާލައްވައިފި

26 މާރިޗު 2024 - 11:07 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ނެރުނު ގަރާރު ފުރިހަމައަށް ތަންފީޒު ކުރަން ރައީސް ގޮވާލައްވައިފި

26 މާރިޗު 2024 - 11:07 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އޮކްޓޯބަރު 7، 2023، ގައި ގާޒާ ހަނގުރާމަ ފެށުނު ހިސާބުން ހަމަލާތައް ހުއްޓާލުމަށް ސެކިއުރިޓީ ކައުންސިލަށް ވަނީ ގަރާރުތަކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ގަރާރެއް ފާހެއް ނުވެ އެވެ.

ގަރާރުތައް ފާސް ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ފަސް މެންބަރު ގައުމަކުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ގަރާރު ފާސްކުރެވޭކަށް ނޯވެ އެވެ. ނަމަވެސް, ރޭ ނެގި ވޯޓު ވީޓޯ ނުކޮށް އެމެރިކާއިން ބައިވެރިނުވުމުން ގަރާރެއް މިކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ވަނީ ފާސްވެފަ އެވެ.

އެ ގަރާރަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ނުކުރެވި ގިނަ ދުވަސްވެފައިވާ ކަމެއް ކަމަށެވެ. އަދި, ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އުންމީދު ގާޒާގެ ރައްޔިތުންނަށް ލިބިގެންދިޔުމަކީ ރޯދަ މަހުގެ ތެރޭގައި ތަހައްމަލު ކުރަމުންދާ ކަންކަމަށް ކުޑަ ތަސައްލީއެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން, ބައިނަލްއަގްވާމީ މުޖުތަމައުއިން ދާއިމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާާލުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލުމަށް އަދި ހަނގުރާމައިގެ އަސީރުން ނުވަތަ ހުޅަނގުން ކިޔާ ގޮތުން ނަމަ "ރަހީނުން" ދޫކޮށްލުމަށް ވެސް ރޭ ފާސް ކުރި ގަރާރުގައި ގޮވާލާފައިވެ އެވެ. އެމެރިކާއިން އެ ގަރާރު ވީޓޯ ނުކުރި ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. ދެން ތިބި 14 ގައުމުން ވޯޓު ދިނީ ގަރާރާ އެއްކޮޅަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32،000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ ދާއިމީ މެންބަރު ގައުމުތަކަކީ އެމެރިކާ އާއި ފްރާންސް އާއި ޗައިނާ އާއި ރަޝިޔާ އާއި އިނގިރޭސިވިލާތެވެ. ވަގުތީ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިއާ، އިކުއެޑޯ، ގަޔާނާ، ޖަޕާން، މޯލްޓާ، މޮޒަމްބިކް، ސައުތު ކޮރެއާ، ސިއެރާ ލިއޯން، ސްލޮވީނިއާ އަދި ސްވިޒަލޭންޑެވެ.