Advertisement

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

26 މާރިޗު 2024 - 10:23 0

ލ. ގަން

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ލާމު ގަން މޫސަ: އޭނަ ކާށި އެހެލަނީ އަތުން - ފޮޓޯ: މިރާާޝް ނާޝިމް / އަދަދު


ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

26 މާރިޗު 2024 - 10:23 0

ލ. ގަން

ކާށީގެ ބޮނބި ނޮޅަން ނޫނީ ކާށި ހެހަން ވިއްޔާ ކޮންމެ ވެސް އާލާތެއް ބޭނުންކުރާނެ އެވެ. ދިވެހީން ބޭނުންކުރާ އާލާތަކަށް މި އޮންނަނީ ފޭރާ އެވެ. އެކަމަކު ލާމު އަތޮޅު ގަމަށް އުފަން، މިހާރު އުމުރުން 55 އަހަރުގެ މޫސައަށް ފޭރާ ނުވަތަ އެހެން ވެސް ޒާތެއްގެ އާލާތެއް ބޭނުމެއް ނުވެ އެވެ.

އޭނާއަށް އޭނާގެ ވަރުގަދަ ދެ އަތް ފުދެ އެވެ.

އެކަމަކު އޭނާ ކިޔައިދޭ ގޮތުގައި އެއީ ވަރުގަދަ ވުމުގެ އިތުރުން ބުއްދި ވެސް ބަހައްޓައިގެން ކުރެވޭ ކަމެކެވެ. އެކަން ކުރާ ގޮތަކީ ބޮނބީގެ އެންމެ ނާޒުކު ދިމާ ބަލާފައި ލޯވަޅުތަކެއް އަތުން އަޅައި، ދެ ލޯވަޅަކަށް އިނގިލި ލުމަށް ފަހު، ވީދާލާފައި މަޑުމަޑުން ކާށި ހެހެލުމެވެ.

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"ގްރޯރޭސް ފެކްޓަރީ އާއި ޗަންދްރަރޯ ފެކްޓަރީއާ ތިން ފެކްޓަރީ ހެދިއިރު، ތަޅުމަށް ފަސް އަޅަން ވެގެން، ގޯންޏަކަށް ދެ ރުފިޔާ މި ދެނީ. މިހެން އެއް ދުވަހު މެންދުރު އަތިރިމައްޗަށް ލައްގާފަި އޮންނަ ކާއްޓެއް ފަކީރާއަކުން ތަޅައިގެން ވެސް ނުވެގެން ފަކީރާއިން ޖެހި ތަންކޮޅު އިނގިލިން ވިއްދާލީމަ ވެއްޖެ،" މޫސަ ކިޔައިދިނެވެ.

ގަމު މޫސަ އަތުން ކާށި ހެހެނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަތުގެ ވަރުގަދަކަން ދަމަހައްޓަން ވަކި މާ ހާއްސަ ކަސްރަތެއް ނޫނީ ކެއިން ބުއިމުގެ ތާވަލެއް ވެސް ވަކި އޭނާ ނުގެންގުޅެ އެވެ. އުމުރުން ގާތްގަނޑަކަށް 16 އަހަރުގައި އެ ފާހަގަވި ހުނަރާއެކު އޭނާ އެ ކަން ކުރުން އާންމު ކަމަކަށް ވެސް ވީ އެވެ. ޓީވީ، ނޫސްތަކާއި، މަޖައްލާތަކަށް ވެސް އަރައިފި އެވެ.

"ދެން ޓީވީއެމުން އެއް ދުވަހު އައިސް އެހީ، އަތުން ކާށި ހެހޭ މީހަކު ހުރެގެންނޭ މި އައީ، އޭގެ ވީޑިއޯކޮޅެއް ލިބިދާނެ ހެއްޔެވެ؟ ބުނީމަ އަޅުގަނޑު ބުނިން އާނއެކޭ، ދެން ބޮޑުމަގު އަތިރިއަށް ދިޔައީ ވީޑިއޯ ނަގަން، އެ މީހުން ދެއްކި ފަސް ކާށި، އެއް މިނެޓުގެ ތެރޭގައި ކާށިތައް ހެހެފިން،" އޭނާ ބުންޏެވެ.

ދުރަށް ލާން ދާން އުކުމާއި ޒުވާން އުމުރުފުރާގައި ރުކަށް އެކި ގޮތް ގޮތަށް، އެކޮޅުކޮޅުން ވެސް މޫސަ އަރައި އުޅުނު ކަމަށް ރަށު ތެރެއިން އަޑު އިވިފައިވެ އެވެ. މޫސައާ ދިމާވި އިރު އޭނާ ބުނީ މިހާރު އުމުރުން ދުވަސްވެފައި ހުރުމުން އެ ކަންކަން ވަރަށް ކޮށް ނޫޅޭ ކަމަށެވެ.

އެކަމަކު މޫސައާ ބައްދަލުވި ވަގުތުކޮޅުން ވެސް އޭނާގެ ހަށިގަނޑުގައި ހުރި ބުންވަރާއި ހަކަތަ އަދި އަތުގެ ވަރުގަދަކަން ވަޒަންކޮށްލެވުނެވެ. އެކުގައި ތިބި ޒުވާން އެކުވެރިން އޭނާ އަތާއި އަތް ލުމުން ވެސް މޮޅުވަނީ އޭނަ އެވެ. މޫސަބެގެ އަތުގެ ވަރުގަދަ ވާހަކަ ލިޔެލަން، ތާރީހަށް ޓަކައި ވެސް، ހަމަ މަޖުބޫރުވީ އެވެ.