Advertisement

ޗައިނާ ބޯޓު، ކަނޑުގެ ދިރާސާތައް އަދި ބަދަލުވަމުންދާ ހާރިޖީ ސިޔާސަތު

28 މާރިޗު 2024 - 10:29 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދިރާސާކުރާ ޗައިނާގެ އުޅަނދު، ޝިއެން ޔެން ހޮން-3


ޗައިނާ ބޯޓު، ކަނޑުގެ ދިރާސާތައް އަދި ބަދަލުވަމުންދާ ހާރިޖީ ސިޔާސަތު

28 މާރިޗު 2024 - 10:29 2

ދިވެހިރާއްޖޭގެ ކަނޑުތައް އެހެން ގައުމަކުން ދިރާސާ ކުރުމަކީ މި ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ގައުމަށް އޮތް ނުރައްކަލެކެވެ. ރާއްޖެއަށް އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އެހެން ގައުމަކުން ދިވެހި ކަނޑުގެ ދިރާސާ ކުރުމަކީ މިނިވަންކަމަށް އޮތް ހުރަހެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ދިވެހި ކަނޑުގެ މުއްސަނދިކަން އެނގެން ޖެހޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. ދިވެހި ކަނޑުތައް މެޕު ކުރަން އިންޑިއާ ސަރުކާރައެކު ވެފައި އޮތް އެއްބަސްވުން އާ ނުކުރަން ނިންމީ ވެސް އެކަމުގައި ދިވެހިންގެ މަސްލަހަތު ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން،" ޑިސެމްބަރު 16، 2023، ގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު، ރައީސް މުއިއްޒު އެ ނިންމެވުމަށް މަހެއް ނުވަނީސް ޗައިނާގެ ރިސާޗް އުޅަނދެއް ރާއްޖެ ބޯޑަރު ކައިރި އެނބުރެން ފެށި އެވެ. ގާތްގަނޑަކަށް މަސް ދުވަހު ރާއްޖޭގެ އީއީޒެޑުގައި އެނބުރިފައި ރާއްޖެއަށް ރަސްމީކޮށް ވަދެ، މާލެ ސަރަހައްދުގައި ބަނދަރު ކުރި އެވެ. އޭގެ ދެ ތިން ދުވަހެއް ފަހުން މާލެއިން ފުރައިގެން ގޮސް އަނެއްކާ ވެސް ހަރަކާތްތެރިވާން ފެށީ ރާއްޖެ ބޯޑަރު ކައިރީގަ އެވެ. ގިނަ ފަހަރު ދަތުރު ކުރަނީ ސީދާ ބޯޑަރުގަ އެވެ. އެއީ ރައީސް މުއިއްޒު ސިފަ ކުރައްވާ ރަތް ރޮނގެވެ. ބައެއް ފަހަރު އެ ރަތް ރޮނގުގެ އެތެރެއަށް ވަދެ އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސާސްގެ، ތާޑް އިންސްޓިޓިއުޓް އޮފް އޯޝަނަގްރަފީގެ ދަށުން ހިންގާ، ޗައިނާގެ ބޯޓު، ޝިއެން ޔެން ހޮން-3، އަކީ ހަމައެކަނި ދިރާސާ ކުރަން ބޭނުން ކުރާ ބޯޓެއް ކަމަށް އެ ގައުމުން ބުނެ އެވެ. އެކަމަކު، އިންޑިއާއިން ބުނަނީ އެއީ ޖާސޫސީ ބޯޓެއް ކަމަށެވެ. އެ ފްލީޓުގައި ހިމެނޭ އެހެން ބޯޓެއްގެ މައްސަލަ އޮސްޓްރޭލިޔާއިން ވެސް ޖައްސައިފި އެވެ. އެ ފްލީޓުގެ އެހެން އުޅަނދެއް އެމެރިކާ ކައިރީގައި ހަރަކާތްތެރިވުމުން ވެސް މައްސަލައަކަށްވި އެވެ.

ގިނަ ގައުމުތަކަކުން ޝައްކުގެ ނަޒަރުން ބަލާ ޗައިނާގެ "ރިސާޗް އުޅަނދުތަކުގެ" ތެރޭގައި ހިމެނޭ ޝިއެން ޔެން ހޮން-3، ރާއްޖެ އީއީޒެޑު ކައިރީ މި ކުރަނީ ކޮން މަސައްކަތެއްތޯ އެވެ؟ ރާއްޖޭގެ ބޯޑަރު ކައިރީ އަދި އީއީޒެޑުގެ ތެރޭގައި ދިރާސާގެ ބޭނުމަށް ހަރަކާތްތެރިވާ ކަމަށް ބުނާ ބޯޓެއް ހަރަކާތްތެރިވަނީ ހަމަ އެއްވެސް ދިރާސާއެއްނުކޮށްތޯ އެވެ؟ އެ ބޯޓު ރާއްޖެއަށް ވަދެ، މާލޭ ސަރަހައްދުގައި ބަނދަރު ކުރީ، ސަރުކާރުން ބުނި ގޮތަށް ހަމައެކަނި މީހުން ބަދަލު ކުރަންތޯ އެވެ؟

ޗައިނާގެ ރިސާޗު އުޅަނދު މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި. ސަރުކާރުން ބުނަނީ މި އުޅަނދު ބަނދަރުކުރީ ކޮއްތާއި ފަޅުވެރިން ބަދަލުކުރަން ކަމަށް. -- ފޮޓޯ: އަދަދު


ދިއްކުރެއްވި ތުހުމަތުގެ އިނގިލި އަދި ވެވަޑައިގެންނެވި ވައުދު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވާހަކަ ދެއްކެވި މޭރުމުން ހީވަނީ ދިވެހި ކަނޑުތައް މެޕު ކުރަން އިންޑިއާއާއެކު 2019 ވަނަ އަހަރު ހެދި އެއްބަސްވުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި އެގްރިމެންޓެއް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ކަނޑުތަކުގެ "ހުރިހާ ތަފުސީލެއް" އެހެން ގައުމަކުން ގެންގޮސްފި ކަމަށެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ އަޑީގެ ބޮޑު ބައެއްގެ ހުރިހާ ތަފުސީލެއް އެހެން ގައުމަކުން ގެންގޮސްފައިވާ ގެންދިޔުމަކީ އަޅުގަނޑުމެން އެއްބަސްވާނެ ކަމެއް ނޫން،" އޯގަސްޓް 10، 2023، ގައި ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ރައީސްގެ ރާގު ހުންނެވީ އެގޮތަށެވެ. އަދި އިންޑިއާއާއެކު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުން ޑިސެމްބަރު 14، ގައި އާ ނުކުރަން ސަރުކާރުން ނިންމި އެވެ. އޭގެ އެއް ދުވަސް ފަހުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދެން ދިވެހި ކަނޑުތައް މެޕު ކުރާނީ ދިވެހިން ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެންގެ ކަނޑުގެ އަޑި ދިރާސާ ކުރަން ވެސް އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހިފައި އޮތީ. އެހެން ނަމަވެސް، އެކަންވެސް އިރާދަކުރެއްވިއްޔާ ދެން ކުރިއަށް ގެންދާނީ، އަސްކަރިއްޔާގެ ފަރާތުން. އެކަމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން، މާލީ ކަންކަން، ބަޖެޓުގެ ކަންކަން މިހާރުވާނީ އެމްއެންޑީއެފް އަށް ހަމަޖައްސައިދީފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޮގްރަފީގެ މަސައްކަތް ވެސް އެމްއެންޑީއެފްގައި، އެ ކެޕޭސިޓީ ގާއިމުކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނީ،" ޑިސެމްބަރު 15، ގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާއާއެކު ހެދި ހައިޑްރޯގްރަފީ އެއްބަސްވުމުގައި ގައުމީ ސަލާމާތަށް ނުރައްކާވާނެ އެއްވެސް އަކުރެއް އަދި މާއްދާއެއް ނަމަވެސް ނޯންނާނެ ކަމަށް ކުރީގެ ސަރުކާރުން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ގެންދެވީ ވިދާޅުވަމުންނެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު ސެޕްޓެމްބަރު 12، 2023، ގައި ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހު ވަނީ "މިނިވަންކަމަށް ގެއްލުންވާފަދަ، ބުރޫއަރާފަދަ" އެއްވެސް ކަމެއް އެއްވެސް އެއްބަސްވުމުގައި ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފަ އެވެ.

"ދެން މިގޮތަށް ކުރެވޭ އެއްބަސްވުންތައް، ސީދާ އެއްބަސްވުންތައް ހުރިގޮތަށް މިހާތަނަކަށް ނެތް އެއްވެސް ސަރުކާރަކުން ހާމަކޮށްފައެއް. އެހެންނަމަވެސް، އޭގައި ހާމަކުރަންޖެހޭ ކަންތައްތައް ހަމަ އަޅުގަނޑުމެން މިގެންދަނީ ހާމަކުރަމުން. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށް ވިޔަސް، ދޭންވާ ހުރިހާ މައުލޫމާތުތަކެއް އަޅުގަނޑުމެން މިދަނީ ހިއްސާ ކުރަމުން. ކުރިން ވެސް މި ދެންނެވި ފަދައިން، އިސްތިގްލާލާއި މިނިވަންކަމަށް ގެއްލުންވާފަދަ، ބުރޫއަރާފަދަ އެއްވެސް ކަމެއް، އެއްވެސް ގައުމަކާއެކީ ނުކުރާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުން ބޭއްވެވުން އެދެން،" ސޯލިހު ވިދާޅުވެފައިވެ އެވެ.

ކަނޑުމަތީގެ ޖާސޫސް: ގައުމުތަކަށް ކޮންމެހެން ބޭނުން ކަމެއް

ބޯޓު ހަދައިގެން ދަތުރު ކުރަން ފެށީއްސުރެ ކަނޑުމާތީގައި އިންސާނުން ޖާސޫސް ކުރަން ފެށި އެވެ.

ކަނޑު ދަތުރުފަތުރުކޮށް އުޅޭ ކޮންމެ ގައުމަކުން ނޭވަލް އަދި ވިޔަފާރީގެ އުޅަނދުތައް ބޭނުންކޮށްގެން އެ ގައުމަކަށް ބޭނުންވާ އިންޓެލިޖެންސް މައުލޫމާތު ހޯދާފައިވާ ކަމަށް "ސްޕައި ޝިޕްސް: ވަން ހަންޑްރެޑް އިޔާސް އޮފް އިންޓެލިޖެންސް ކަލެކްޝަން ބައި ޝިޕްސް އެންޑް ސަބްމެރީންސް" ގެ މުގައްދިމާގައި އެމެރިކާ ނޭވީގެ ރިޓަޔަޑް ރިިއާ އެޑްމިރެލް ތޯމަސް އޭ ބްރުކްސް ވިދާޅުވެފައިވެ އެވެ.

އެހެންޏާ ނުލިބޭނެ ފަދަ މައުލޫމާތު ބޯޓުތަކަށް ހޯދޭނެ ކަމަށް ބްރޫކްސް ވިދާޅުވެ އެވެ. އޭގެ ތެރޭގައި ގްރައުންޑް ލެވެލް ފޮޓޯގްރަފީ އާއި މީހުންނާ ބައްދަލުކޮށް ލިބޭ މައުލޫމާތު ހިމެނެ އެވެ. އެއީ މިހާރުގެ އެންމެ ޒަމާނީ ސެޓެލައިޓުތަކުން ވެސް ނުހޯދޭނެ މައުލޫމާތު ކަމަށް އޭނާ ވިދާޅުވެ އެވެ.

ސިފައިން ބޭނުން ކުރާ ބޯޓުތަކާއި ވިޔަފާރި ބޯޓުތަކުން އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި އެކަމަށް ހާއްސަ މީހުން ބޯޓުތަކުގައި ބައިތިއްބާ ކަމަށް ބްރުކްސް ބުނެ އެވެ.

ބޯޓުފަހަރުގެ ބްރުކްސް ވިދާޅުވާ ގޮތުން، ސަބްމެރީންއަކީ އޭގެ ޒާތުގައި ވެސް ސިއްރުވެރި އުޅަނދެކެވެ. އިންޓެލިޖެންސް މައުލޫމާތު އެއްކޮށްފައިނުވާ ސަބްމެރީންއެއް ދުނިޔޭގައި ވެސް މަދުވާނެ ކަމަށް އޭނާ ދެކެ އެވެ. އެފަދަ ކަމެއް ނުކުރާ ސަބްމެރީނަކަށް އުޅޭނީ މަދުން ހަރަކާތްތެރިވާ ނިއުކްލިއާ ސަބްމެރީންތަކަށްވުން އެކަށީގެންވާ ކަމަށް ބްރުކްސް ދެކެވަޑައިގަންނަވަ އެވެ.

އެކަމަކު ބޯޓުފަހަރާއި ސަބްމެރީންގައި ޖާސޫސް ކުރުމަށް ވެސް ލިމިޓުތަކެއް ހުރެ އެވެ. ބޯޓުތައް ލިމިޓުވަނީ އެ ހަރަކާތްތެރިވެވޭ ހިސާބުތައް ލިމިޓުވާ ހިސާބުންނެވެ. ސަބްމެރީނަށް މައުލޫމާތު އެއްކުރެވެނީ އޭގެ އެންޓެނާ އަދި ޕެރިސްކޯޕުގެ ދިގުމިނަށް ބެލުމަށްފަހެވެ. އެހެންވެ، ޖާސޫސް ކުރުމަށް ހާއްސަ، ދިގު މުއްދަތެއްގައި ކަނޑުގައި ހޭދަ ކުރެވޭ އުޅަނދުތަކުގެ ބޭނުން އޮތީ ޖެހިފަ އެވެ.

ބްރުކްސް ވިދާޅުވާ ގޮތުން ރިސާޗް އުޅަނދުފަހަރަކީ އެ ނަމުގައި ޖާސޫސް ކުރުމަށް ބޭނުން ކުރާ އެންމެ އާންމު އެއް ވަސީލަތެވެ. އޭގެ އިތުރުން މަސް ބޯޓުތަކާއި މިލިޓަރީ ސަޕްލައި އުޅަނދުގެ ނަމުގައި ވެސް ޖާސޫސީ ބޯޓުތައް ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ޗައިނާގެ ރިސާޗު އުޅަނދު މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި، -- ފޮޓޯ: އަދަދު


ޝިއެން ޔެން ހޮން-3: ޒަމާނީ އުޅަނދެއް، ޗައިނާގެ ވެސް ފަހުރެއް

  • ބާވަތް: ޖެނެރަލް ސާވޭ ވެސެލް
  • ބޮޑުމިން: 4،800 ޓަނު
  • ދިގުމިން: 99.6 މީޓަރު
  • އިފުތިތާހު ކުރީ: މާޗް 26، 2016
  • ބޯޓު ޑިޒައިން ކުރީ: 708 ވަނަ ރިސާޗް އިންސްޓިޓިއުޓް، ޗައިނާ ސްޓޭޓް ޝިޕް ބިލްޑިން ކޯޕަރޭޝަން
  • ބޯޓު ހެދި ކުންފުނި: ވޫޗޭންޖް ޝިޕް ބިލްޑިން، ޗައިނާ

އެ ބޯޓު މެނޭޖް ކުރާ ޗައިނާގެ އޯޝަނަގްރަފީ އިންސްޓިޓިއުޓުން ބުނާ ގޮތުގައި އެއީ ކަނޑުގެ ދިރާސާ ކުރުމަށް އެ ގައުމުން ހެދި އެންމެ ޒަމާނީ އެއް އުޅަނދެވެ. ޗައިނާއިން ބުނަނީ އެއީ ކޮމްޕްރެހެންސިވް ރިސާޗް އުޅަނދެއް ކަމަށެވެ. މާނައަކީ އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެ އުޅަނދުން ކުރެވޭނެ ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ބޯޓުގެ އެންޑިއުރަންސަކީ 15،000 ނޯޓިކަލް މޭލެވެ. މާނައަކީ އިތުރު އެހީއަކާއި ނުލައި، ބޯޓުގެ މަގުސަދާއި މަސައްކަތް ކުރަމުން ހުއްޓުމެއް ނެތި 15،000 ނޯޓިކަލް މޭލަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެ ބޯޓަކީ ޑީޕީ-1 ޑައިނެމިކް ޕޮޒިޝަނިންއާއެކު ތައާރަފު ކުރި ބޯޓެކެވެ. މާނައަކީ އޮޔާއި ވައި ގަދަވި ނަމަވެސް ބޯޓު މަޑުކޮށްގެން އޮންނަ ތަނެއްގައި ނުގުޑި އޮތުމުގެ ގާބިލްކަން ލިބިފައިވުމެވެ. އޭގެ އިތުރުން ބޯޓުގައި ހުންނަ ތްރަސްޓާސް ބޭނުންކޮށްގެން އޮތް ތަނުގައި އޮވެ، 360 ޑިގްރީއަށް ބޯޓު އަނބުރާލުމުގެ ގާބިލްކަން ވެސް ލިބިފައިވެ އެވެ.

ބޯޓުގެ ދިރާސާއަށް ބޭނުން ކުރާ ސާމާނު މޫދަށް ބާލައި ހަދަނީ އިލެކްޓްރިކް ވިންޗުތަކަކުންނެވެ. އޭގެ ސަބަބުން މަސައްކަތް ކުރަން އިންތިހާ ފަސޭހަ ކަމަށްވެ އެވެ. ބޯޓުގައި ގެންގުޅެނީ ޗައިނާއިން އުފައްދާފައިވާ ރިސާޗު އިކުއިޕްމަންޓުތަކާއި ބޭރުން އިމްޕޯޓުކޮށްފައިވާ ބައެއް އިކުއިޕްމަންޓުތަކެވެ.

މާޗް، 2016، ގައި އެ އުޅަނދު އިފުތިތާހު ކުރި ފަހުން ބޮޑު 20 ސައިންޓިފިކް ދިރާސާ ކޮށްފައިވާ ޗައިނާއިން ބުނެ އެވެ. ދަތުރުގައި 1000 އަށް ވުރެ ގިނަ ދުވަސް ބޯޓު ހޭދަކޮށްފައިވާއިރު 370،000 ކިލޯމީޓަރަށް މިހާތަނަށް ބޯޓު ދުއްވިއްޖެ އެވެ.

ޗައިނާ ބޯޓުތަކުގެ މައްސަލަ, އޮސްޓްރޭލިއާގެ ތުހުމަތު އަދި އިންޑޮނީޝިއާގެ ރައްދު

މެއި، 2022، ގައި އޮސްޓްރޭލިއާގެ އީއީޒެޑުގެ ތެރެއަށް ވަދެ ޗައިނާގެ ހެއިވަންޒިންގް ހަރަކާތްތެރިވާން ފެށި އެވެ. މެއި 6، ގައި އެ އުޅަނދު އޮސްޓްރޭލިއާގެ އީއީޒެޑަށް ވަނުމަށްފަހު ހަފުތާއަކަށްވުރެ ގިނަ ދުވަހު ހަރަކާތްތެރިވި އެވެ.

ޗައިނާގެ އެ ބޯޓު އޮސްޓްރޭލިއާގެ އީއީޒެޑަށް ވަނުމާއެކު އެ ގައުމުން ބޯޓު މޮނީޓާ ކުރަން ފެށި އެވެ. އެގޮތުން ޗައިނާގެ މިލިޓަރީއަށް ނިސްބަތްވާ އެ ބޯޓުގެ ހަރަކާތްތައް ބަލަން ޕީ8-އޭ ޕޮސައިޑަން ސަވައިލެންސް މަތިންދާ ބޯޓަކާއި ޑޭޝް-8 ގެ ތިން މަތިންދާ ބޯޓާއި ޕެޓްރޯލް އުޅަނދުތައް އޮސްޓްރޭލިއާއިން ފޮނުވި އެވެ.

ޗައިނާ ބޯޓު އޮސްޓްރޭލިއާގެ އީއީޒެޑަށް ވަނުން ކުށްވެރި ކުރުމަށްފަހު އޮސްޓްރޭލިއާގެ އެއިރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު އިދިކޮޅު ޕާޓީގެ ލީޑަރު ޕީޓާ ޑަޓްން ވިދާޅުވީ "ޗައިނާ ބޯޓުން ކުރަމުންދާ ކަންތައް އޮސްޓްރޭލިއާ ރައްޔިތުންނަށް އެނގެންޖެހޭނެ" ކަމަށެވެ. އޭނާ އެކަން ސިފަ ކުރެއްވީ ޗައިނާގެ އެގްރެސިވް އަމަލެއްގެ ގޮތުގަ އެވެ.

ދެން ހިނގި ހާދިސާއަކީ ޝިއެން ޔެން ހޮން-3 ޓްރާންސްޕޮންޑަރު ނިއްވާލައިގެން އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ހާދިސާ އެވެ. ޔޫއެސް ނޭވަލް އިންސްޓިޓިއުޓް (އެމެރިކާ ސަރުކާރާ ގުޅުން ނޯންނަ މިނިވަން ޖަމިއްޔާއެއް) ގެ ވެބްސައިޓުގައި ބުނެފައި ވަނީ ޓްރާންސްޕޮންޑަރު ނިއްވާލައިގެން ދެ ފަހަރެއްގެ މަތިން އެ ބޯޓު އިންޑޮނީޝިއާގެ ކަނޑުގައި ދަތުރު ކުރި ކަމަށެވެ. އެ މައްސަލައިގައި އިންޑޮނީޝިއާއިން އެ ބޯޓު ހުއްޓުވި ކަމަށް ވެސް ވެ އެވެ.

ޗައިނާގެ ކޯސްޓް ގާޑު ބޯޓެއް އިންޑޮނީޝިއާގެ ސަރަހައްދަށް މިދިޔަ ޖެނުއަރީ މަހު ވަދެގެން ހަރަކާތްތެރިވާން ފެށުމުން، ޗައިނާ ބޯޓު މޮނީޓާ ކުރުމަށް އިންޑޮނީޝިއާއިން ފޮނުވީ ހަނގުރާމަ މަތީ ބޯޓެވެ. އެ ހިސާބަށް ކަންތައް ދިޔައީ ކުރިން ވެސް ހިނގާފައި ހުރި ބައެއް ހާދިސާތަކުން ކަމަށް ބެލެވެ އެވެ.

އެގޮތުން، ޑިސެމްބަރު، 2020، ގައި އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދުން ކެމެރާ ހަރުކޮށްފައި ހުރި ކަނޑު އަޑީގެ ޑްރޯންއެއް ފެނިފައިވެ އެވެ. ނޭވަލް އިންސްޓިޓިއުޓުން ތުހުމަތު ކުރަނީ އެ ޑްރޯނަކީ ޗައިނާ ބޯޓެއްގެ ޑްރޯންއެއް ކަމަށެވެ.

އޭގެ އިތުރުން، އިންޑިއާއިން އުފެއްދި އަގްނީ-5 މިސައިލް ޓެސްޓު ކުރާކަން އެ ގައުމުން މި ހިނގާ މާޗު މަހުގެ ތެރޭގައި އިއުލާނު ކުރުމުން ޗައިނާގެ ބޯޓެއް އިންޑިއާގެ ކަނޑުގެ ސަރަހައްދު ކައިރީ ހަރަކާތްތެރިވާން ފެށި އެވެ. އިންޑިއާގެ ނޫސްތަކުން ބުނީ ޗައިނާގެ ޝިއެން ޔެން ހޮން-1 ހަރަކާތްތެރިވީ އިންޑިއާގެ ބެލިސްޓިކް ނިއުކްލިއާ ސަބްމެރީންތައް ޑޮކު ކޮށްފައި އޮންނަ ސަރަހައްދާ ގާތްގަނޑަށް 260 ނޯޓިކަލް މޭލު ދުރުން ކަމަށެވެ.

އެ ގައުމުތަކުގެ އިތުރުން، ފިލިޕީންސް، ޕާކިސްތާން އަދި އެމެރިކާގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ކަނޑުގެ ސަރަހައްދު ކައިރީގައި ޗައިނާގެ ބޯޓުތަކުން ހަރަކާތްތެރިވެފައިވެ އެވެ. ކަނޑުގެ ދިރާސާ ކުރާ 50 އަށް ވުރެ ގިނަ އުޅަނދު 2017 ގެ ނިޔަލަށް ޗައިނާއިން ގެންގުޅުނު ކަމަށްވެ އެވެ. އެ ހުރިހާ ބޯޓުތަކެއް ވެސް ވަކި ގޮތަކަށް ދަނީ އެކި ހިސާބުތަކުގައި އެކި މިންވަރަށް ހަރަކާތްތެރިވަމުންނެވެ.

އދ. ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ގައިވާ ގޮތުން އެހެން ގައުމެއްގެ އީއީޒެޑުގައި ވެސް ބޯޓަކަށް ނެވިގޭޓް ކުރެވިދާނެ އެވެ. ޗައިނާގެ ކޯސްޓް ގާޑު ބޯޓު އިންޑޮނީޝިއާއަށް ވަދެގެން އުޅުނީ އެފަދަ ދަތުރެއްގައި ކަމަށް ބުނެ އެވެ. އެކަމަކު، ކޮންވެންޝަނުގައިވާ ގޮތުން އެހެން ގައުމެއްގައި އީއީޒެޑުގެ ތެރޭގައި ނުވަތަ ކޮންޓިނެންޓަލް ޝެލްފުގެ ތެރޭގައި މެރިން ސައިޓިފިކް ދިރާސާއެއް ކުރާ ނަމަ ހަ މަސް ކުރިން އެކަމުގެ ހުއްދައަށް އެދެންޖެހެ އެވެ.

ޝިއެން ޔެން ހޮން-3: ރާއްޖޭ ކަނޑުގެ ދިރާސާއެއް ނުކުރެއޭ ބުނުން ދަތި

ފެބްރުއަރީ 22، ގައި ޗައިނާގެ އެ ޝިއެން ޔެން ހޮން-3 މާލެ އައިސް ތިލަފުށި ކައިރި ބަނދަރު ކުރީ އޭގެ ކުރިން މަހެއްހާ ދުވަހު ރާއްޖޭގެ އީއީޒެޑު ބުޑުގައި އުޅުމަށްފަހެވެ. ރާއްޖޭގެ އީއީޒެޑު ކައިރީ އެ ބޯޓުން ހަރަކާތްތެރިވާން ފެށީ ޖެނުއަރީ 21، ގަ އެވެ.

އެ ބޯޓު ދިވެހިރާއްޖެއަށް އައުމުގެ ކުރިން ސަރުކާރުން ބުނީ ބޯޓު އަންނަނީ ފަޅުވެރިން ބަދަލު ކުރުމަށް ކަމަށެވެ. އަދި އެ ބޯޓު ދިވެހިރާއްޖޭގެ ސަރަހައްދުގައި ދިރާސާއެއް ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި. އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23، ގައި ފޮރިން މިނިސްޓްރީން ބުންޏެވެ.

ތިލަފުށީ ކައިރި ހައެއްކަ ދުވަހު އޮތުމަށްފަހު ބޯޓު ފުރައިގެންދިޔައީކީ ނޫނެވެ. ބޯޓު އަނެއްކާ ވެސް ގޮސް އޮތީ ރާއްޖޭގެ އީއީޒެޑުގެ ރޮނގުގަ އެވެ. އެހެން އުޅެމުން ވަކި ގޮތަކަށް ދަތުރުކުރަމުން ގޮސް ރާއްޖޭގެ އީއީޒެޑަށް ވެސް ބޯޓު ވަދެފައި އެބަހުއްޓެވެ. ރާއްޖޭގެ ދެކުނުން އެތެރެއަށް ވެސް ބޯޓު ވަނެވެ.

އެ ބޯޓު ރާއްޖެ އައުމުގެ އަދި ރާއްޖެ ކައިރީ ހަރަކާތްތެރިވުމުގެ މަގުސަދާ މެދު ޝައްކު ކުރައްވާ އެއް ބޭފުޅަކީ ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފަޅުވެރިން ބަދަލު ކުރުމަށް އެ ބޯޓު ރާއްޖެ އައި ނަމަވެސް އޭގެ ފަހަތުގައި ނޭނގޭ ސިއްރުތަކެއް އެބަހުއްޓެވެ.

"ކީއްވެގެންތޯ އީއީޒެޑަށް ވަންނަންވީ؟ ކޮންމެހެން ވަންނަންޖެހޭތޯ އީއީޒެޑަށް ކަމަކާ ނުލަައި؟ މީހުން ބަދަލު ކުރެވޭނެ ދެއްތޯ އީއީޒެޑަށް ނުވަދެ ވެސް. ކްރޫ ބަދަލު ކުރަންޏާ އެހެން ބޯޓުތަކުން ވެސް އަންނަ ގޮތަށް ހުއްދަ ލިބިގެން މާލޭ ބަނދަރަށް ވަދެފަ، އެކަންކޮށްފަ ދާންވީ ނޫންތޯ؟،" މި ނޫހާ ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވި އެވެ.

ދީދީ ފާހަގަ ކުރެއްވި މުހިންމު އެއް ނުކުތާއަކީ، ޝިއެން ޔެން ހޮން-3 ފަދަ ޒަމާނީ ދިރާސާކުރުމުގެ ގާބިލްކަން ލިބިފައިވާ އަދި "ކޮންޓްރޮވާޝަލް" ބޯޓެއް ރާއްޖޭގައި ހަރަކާތްތެރިވާން ހުއްދަ ދިން އިރު އެ ބޯޓު މޮނީޓާ ކުރުމުގެ ގާބިލުކަން ނެތުމެވެ.

"ދިރާސާ ނުކުރެއޭ ވިދާޅުވި ނަމަވެސް އީއީޒެޑަށް ވަންނަން ހުއްދަ ދިނީމަ އެ ހިސާބުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ. ދިރާސާއެއް ކުރިޔަސް ކިހިނެއްތޯ ބެލޭނީ؟ ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމަކާ ނުލައި، ރާއްޖެ ސަރަހައްދަށް އެގޮތަށް ވަދެ އުޅުމުން ވެސް ބޯޓުގެ މަގްސަދާ މެދު ސުވާލު އުފެދޭ ކަމަށް ދީދީ ދެކެވަޑައިގަންނަވަ އެވެ. އެއްބަސްވުމެއް އޮތް ނަމަ ކުރާނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް އޮންނަނީ ލިޔުމަށް ތިރިވެފަ އެވެ. އެކަމަކު އެއްބަސްވުމެއް ނެތުމުން "ވާއެއް ނުވާއެއް" ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުމެއް އޮތިއްޔާ ރައްޔިތުންނަށް ވެސް ރައްޔިތުންގެ މަޖިލީހަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ. މިހާރު ސުވާލެއް ނުކުރެވޭނެ. މިހާރު ވާއެއް ނުވާއެއް ވެސް ނޭނގޭ. އެއްބަސްވުމެއް ނެތި އަޅުގަނޑުމެންގެ އީއީޒެޑުގެ ތެރޭގައި އެހެން ގައުމަކުން އުޅުމުގެ ފުރުސަތު ދިނުން މާ ނުރައްކާ ނޫންތޯ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން މީގެ ކުރިން ކުރެއްވި ދީދީ ވިދާޅުވި އެވެ.

ނަމަވެސް އެ ބޯޓުން އެއްވެސް ދިރާސާއެއް ނުކުރާ ކަމަށް ސަރުކާރުން ބުނެ އެވެ. މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކޮށް ޗައިނާ ބޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަރުކާރުގެ އެ ޖަވާބު އޭނާ ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

"އެއްވެސް ރިސާޗެއް ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކުރުމުގެ ހުއްދައެއް ދެވިފައެއް ނޯންނާނެ. މާލެއަށް ބަނދަރުކޮށްފައި ކާބޯތަކެތި ގަނެގެން ކްރޫ ޗޭންޖެއް [ކުރީ]. މަތިންދާބޯޓުން އައި ބަޔަކު އެ ބޯޓަށް އަރާފައި އެ ބޯޓުގައި ތިބި މީހުން މަތިންދާބޯޓުގެ ޒަރީއާއިން ފުރައިގެން ދިޔައީ. އެއީ ދެވުނު ހުއްދައަކީ،" މާޗް 25، ގައި ގައްސާން ވިދާޅުވި އެވެ.

އޭގެ އިތުރުން، ގައްސާން ވިދާޅުވީ މީގެ ކުރިން ވެސް ޗައިނާގެ ދިރާސާ ބޯޓެއް ރާއްޖެ އައުމަށް ކުރީގެ ސަރުކާރުން ވެސް ހުއްދަ ދީފައިވާ ކަމަށެވެ. ޗައިނާ ބޯޓަށް މިފަހަރު ހުއްދަ ދިނުމުގައި ވެސް ބަލާފައި ވަނީ އެ މިންގަނޑަށް ކަމަށް ގައްސާން ވިދާޅުވެ އެވެ.

"އަޅުގަނޑުމެން އެންމ ބޮޑަށް ބެލި ކަމަކީ، ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައި އޮތް ގޮތް. 2022 ވަނަ އަހަރު ވެސް ތި ވިދާޅުވި އުޅަނދު ދިވެހިރާއްޖޭގެ ސަރަހައްދަށް އައިސް ހުރަސްކޮށް އެ ބުނި ގޮތަކަށް ގޮސްފައި އޮތް. އެހެންވީމާ އާންމު ގޮތެއްގައި ދިވެހި ދައުލަތުން ހުއްދަ ދޭ ބޯޓެއް ކަމަށްވާތީ އަޅުގަނޑުމެން މި ފަހަރު ވެސް އެ ހުއްދަ ދީފައި އޮތީ."

ނަމަވެސް ކުރީގެ ސަރުކާރުން ޗައިނާގެ އެއްވެސް ދިރާސާ އުޅަނދަކަށް ރާއްޖެ ވަނުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ހަމަ އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވި އެވެ.

ޝިއެން ޔެން ހޮންގެ މަގުސަދާމެދު ސުވާލު އުފެދެނީ ރާއްޖޭގެ އީއީޒެޑު ކައިރީ ދެ މަސް ދުވަސް އެ ބޯޓު ހޭދަ ކުރަންޖެހޭ ސަބަބެއް ނޭނގޭތީ އެވެ. އޭގެ އިތުރުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނުު ވާންގް ވެންބިން، ފެބްރުއަރީ 6، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ވެސް އިތުރަށް އެރީ އޮޅުމެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ މެރިން ސައިންޓިފިކް ދިރާސާގެ ދާއިރާގައި އަބަދުވެސް ގާތް ގުޅުންތަކެއް ބާއްވަމުން އައި ދެ ގައުމު ކަމަށެވެ. ނަމަވެސް އެވަރުގެ ގުޅުމެއް އޮތް ކަމަށް ފެންނާކަށް ގައިމު ވެސް ނެތެވެ. ދެން ވެންބިން ވިދާޅުވީ ޗައިނާއިން "ރެލެވަންޓް ވޯޓާސް" ގައި ހިންގާ ސައިންޓިފިކް ދިރާސާ ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ހިންގާ ޕްރޮގްރާމުތަކެއް ކަމަށެވެ.

ދިރާސާ ބޯޓެއް ނަމަވެސް ހަމައެކަނި ފަޅުވެރިން ބަދަލު ކުރަން އައި ނަމަ އެ ހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނެ އެވެ.

ޗައިނާގެ ބޯޓު ޝައްކު ކުރެވޭ ގޮތަކަށް މި ރާއްޖެ ސަރަހައްދުގައި އަދި އީއީޒެޑުގައި އެނބުރެނީ މަގުސަދެއް ނެތި ކަމަށް ބެލުން ދައްޗެވެ. ފަޅުވެރިން ބަދަލު ކުރަން އައި ބޯޓަކުން ދެ މަސް ދުވަހު ރާއްޖެ ކައިރީ ހަރަކާތްތެރިވާންޖެހޭ ސަބަބެއް އޮތް ކަމަކަށް ނުބެލެވެ އެވެ. އެގޮތަށް ހަރަކާތްތެރިވާ ސަބަބެއް ނުވަތަ މަގްސަދެއް ވެސް މިހާތަނަށް ބުނެދީފައެއް ނެތެވެ.

އެހެންކަމުން ޗައިނާގެ އެންމެ ޒަމާނީ ދިރާސާ އުޅަނދު ޝިން ޔެން ހޮން-3 ރާއްޖެ އަދި ރާއްޖެ ކައިރީ މި ހޭދަ ކުރި ދެ މަސް ދުވަހު ތެރޭގައި ކަނޑުގެ އެއްވެސް ދިރާސާއެއް ކޮށްފައިނުވާ ކަމަށް ބުނުން ދައްޗެވެ. އެ ވާހަކަ ގަބޫލު ކުރަން އުނދަގުލެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ރައީސް ޝީއާ ބައްދަލު ކުރުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް


ޗައިނާ ބޯޓާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު

ޗައިނާ ބޯޓު ރާއްޖެއަށް ވަނުމަށް ހުއްދަ ދިނުމުން އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އަވައްޓެރި އިންޑިއާ އެވެ. ރައީސް މުއިއްޒު ވެރިކަމުގައި ހޭދަ ކުރެއްވި ހަތަރު މަސް ދުވަހުން އެނގޭ އެއް ކަމަކީ ރާއްޖެއިން އިންޑިއާއަށް ފެއަށް ޖެހިލައި ޗައިނާ ގާތްކޮށްފައިވާ ކަމެވެ. ރާއްޖެއިން ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ އިންޑިއާ ނޫނަސް އެމެރިކާއިން ވެސް ކަންބޮޑުވާ ކަމެކެވެ.

ރާއްޖެ މި އޮންނަ ސަރަހައްދަކީ ކަނޑުދަތުރުފަތުރު ކުރުމަށް މުހިންމު ލޭނުތަކެއް އޮންނަ ސަރަހައްދެކެވެ. އަނެއްކޮޅުން އެމެރިކާއިން ރާއްޖޭގެ އުތުރުން ޑިއޭގޯ ގާސިއާގައި އެމެރިކާއިން މިލިޓަރީ ބޭސްއެއް ހިންގާއިރު، ޗައިނާއިން ރާއްޖޭގެ ކަނޑުގައި ހަރަކާތްތެރިވުމަކީ، އެމެރިކާއަށް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫނެވެ.

"ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހި ކުރުމަކީ އެމެރިކާ އަދި އިންޑިއާއިން ކަންބޮޑުވާނެ ކަމެއް. ކަންބޮޑުވުމުގެ އިތުރުން، އެކަމުގެ ސަބަބުން އެ ދެ ގައުމަށް ނުރައްކަލެއް ވެސް އޮވެދާނެ،" ސައުތު އޭޝިއާއަށް ހާއްސަ ސަމާލުކަމެއް ދީގެން ދިރާސާ ކުރައްވާ ޕޮލިޝް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގެ ސީނިއާ އެނަލިސްޓް، ޕެޓްރިކް ކުގިއެލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ރާއްޖެއިން މިހާރު މި ގެންގުޅޭ ހާރިޖީ ސިޔާސަތާމެދު އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ. އެ މައުލޫގައި މި ނޫހާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އީސާ ވިދާޅުވީ ރާއްޖެއިން މިހާރު ގެންގުޅެނީ އިންޑިއާ ކަނޑުގެ ދެ ބާރުގެ ދެމެދުގައި "ފިތުނަ އުފެއްދުމުގެ" ސިޔާސަތެއް ކަމަށެވެ.

"އިންޑިއާ ކަނޑުގެ ބާރުތަކާ ޖެހިގެން އަޅުގަނޑުމެންނަށް މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ވަރަށް އުނދަގޫވާނެ. ބޭރުގެ އެއްވެސް ބޮޑެތި ބާރަކާ ނުޖެހި، އަޅުގަނޑުމެން މިނިވަންކޮށް މި އޮތީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރި ގޮތުން،" އީސާ ވިދާޅުވި އެވެ. "މުއިއްޒުގެ ސަރުކާރު އައި ފަހުން ހާއްސަކޮށް ހާރިޖީ ސިޔާސަތު ބައްޓަންވެގެންދަނީ އިންޑިއާ ކަނޑުގައި އޮތް ދެ ބާރުގެ ދޭތެރޭގައި ފިތުނު އުފައްދާ ގައުމަކަށް ދިވެހިރާއްޖެ ވާ ކަހަލަ ގޮތަކަށް."

ކުރިން ވާހަކަ ދެއްކެވި ޕޮލެންޑުގެ ޕެޓްރިކް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއިން ލިޔަމުން މި ދަނީ ކުރިން ގޮސްފައިނުވާ މުޅިން އާ މިސްރާބަކަށެވެ. އެއާއެކު، އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރާއްޖެއިން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ހުޅަނގުގެ ގައުމުތަކުން ބޭނުންވާނެ. އެކަން ކުރެވޭނީ އެ ގައުމުތަކުން ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކޮށްގެން. އެކަން ކުރެވޭނީ ޗައިނާއަށް ބަރޯސާނުވެ ރާއްޖެއަށް އުޅެވޭނެ މަގެއް އެ ގައުމުތަކުން ދައްކައިގެން،" އޭނާގެ ދިރާސާއަކަށް ދާދިފަހުން ރާއްޖެ ވެސް ވަޑައިގެންނެވި ޕެޓްރިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތަށް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއިން ރާއްޖެއާ ގުޅުން ބާއްވާ މިންވަރު އިތުރުވެފައިވާކަން މީޑިއާއަށް ތިލަވާ ހަބަރުތަކުން ވެސް އެނގެ އެވެ. އެމެރިކާގެ ސީނިއާ ކިތަންމެ އޮފިޝަލަކު ވެއެތުވެދިޔަ ހަތަރު މަހު ވެސް ރާއްޖެ ވަޑައިގެންފި އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ހިމެނެ އެވެ.

ރާއްޖޭގެ ކަނޑުތައް ބަލަހައްޓާނެ ހަތަރު ޕެޓްރޯލް އުޅަނދާއި މަތިންދާބޯޓެއް އެމެރިކާއިން ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ އުޅަނދުތައް ދޭން ނިންމީ އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލްޑު ލޫ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތަކަށްފަހެވެ.

އެއްވެސް ނޭދެވޭ ނުވަތަ ސިއްރު ކަމެއް ނުކުރާ ނަމަ ޗައިނާގެ ދިރާސާ ބޯޓު ޝިއެން ޔެން ހޮން-3 ރާއްޖެ ކައިރީގައި ހަރަކާތްތެރިވާ ސަބަބު ދިވެހި ސަރުކާރުން ސާފު ކުރުމަށްފަހު ރައްޔިތުން ކައިރި ބުނަންޖެހެ އެވެ. ނޫން ނަމަ، ދިވެހި ކަނޑު ކުރަހަން ދޭނީ ދިވެހިންނަށް ކަމަށް ރައީސް ވިދާޅުވި ބަހުގެ އެއްވެސް ހަގީގަތެއް ނެތެވެ. ބޯޓު ހަރަކާތްތެރިވާ ސަބަބު ހާމަ ނުކުރާ ނަމަ، ކަނޑުފަޅުގެ ސިއްރުތައް އެހެން ގައުމުތަކަށް ލިބުމުގެ ނުރައްކަލާމެދު ދެއްކެވި ވާހަކަ ވާނީ ކެމްޕެއިނު ޓޫލަކަށެވެ. ހާމަކަމެއް ނެތް ނަމަ ބެލެވޭނީ ދިވެހި ކަނޑުގެ ބަތާނަ އޮތީ ޝިެން ޔެން ހޮން-3 ގެ އަތްމަަތީގައި ކަމަށެވެ.