Advertisement

ކަނޑޫދޫ މިރުހުގެ އަގު ދަށަށް، 100 ގްރާމް 25ރ. އަށް ވެއްޓިއްޖެ

24 މާރިޗު 2024 - 14:06 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ވިއްކަން ހުރި ކަނޑޫދޫ މިރުސްތަކެއް: ރޯދަ ފެށުނުއިރު ކަނޑޫދޫ ހުރީ ވަރަށް އަގު ބޮޑުކޮށް -- ފޮޓޯ: އަދަދު


ކަނޑޫދޫ މިރުހުގެ އަގު ދަށަށް، 100 ގްރާމް 25ރ. އަށް ވެއްޓިއްޖެ

24 މާރިޗު 2024 - 14:06 1

ބާޒާރުގައި މިރުހުގެ އަގު މިއަދުވެސް ދަށަށް ގޮސް، ކަނޑޫދޫ މިރުހުގެ 100 ގްރާމުގެ އަގު 25ރ. އަށް ވެއްޓިއްޖެ އެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަނޑޫދޫ މިރުހާއި، ލާމު މިރުސް އަދި ލަންކާ މިރުސް ހުރި އެވެ.

ކަނޑޫދޫ މިރުހުގެ 100 ގްރާމު ބައެއް ގޮޅިތަކުން 20ރ. އަށް ލިބެން ހުރިއިރު، އެހެން ގޮޅިތަކުން 100 ގްރާމު ލިބެން ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. އިއްޔެ ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 85ރ. އަށެވެ.

ލާމު މިރުހުގެ 100 ގްރާމު 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 20ރ. އަށެވެ.

"މިރުހުގެ އަގު ހެޔޮވެގެން އުޅެނީ ވީހާވެސް އަވަހަށް ސްޓޮކް ހުސްކުރަން މީހުން ބޭނުންވާތީ. މިރުސް މާ ގިނަ ދުވަހަކު ނުއެއް ބެހެއްޓޭނެ" މާރުކޭޓުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު މިއަދު ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 50ރ. އާއި 60ރ. އާ ދެމެދު ކަމަށްވާއިރު، މިދިޔަ ހަފްތާގައި ލެޓިއުސް ކިލޯއެއްގެ އަގު 70ރ. ގައިވެސް ހުރި އެވެ.

ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ލިބެން ހުރިއިރު، ކުއްޅަފިލާފަތް ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ރޯދަ މަސް ފެށުނީއްސުރެ އަގަށް ބަދަލު އައިސްފައި ނުވާ ދެ ބާވަތެވެ.

ރާނބާ ފަތެއްގެ އަގު 5ރ. އަށް ހުރިއިރު، ހިކަނދިފަތް ބޮނޑިއެއްގެ އަގު އުޅެނީ 10ރ. އަށެވެ. އަދި ކަންކުން ބޮނޑިއެއް ލިބެން ހުރީ 5ރ. އަށެވެ.

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަަދި އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މީގެ އިތުރުން ދިވެހިންގެ ބޮޑު ޑިމާންޑެއް އޮންނަ ޖުމްހޫރީ މޭވާ ކިލޯއެއް މިއަދު ލިބެން ހުރީ 120ރ. އާއި 140ރ. އާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް ދިވެހި ޖުމްހޫރީ މޭވާ މިއަދު ވެސް ބާޒާރުގައި ނެތެވެ.

ތަރުކާރީގެ އަގު މިއަދު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ. އަދި މަހުގެ ބާވަތްތަކުގެ އަގު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ.