Advertisement

އެމްޑީޕީ ކެންޑިޑޭޓުގެ ބިލްބޯޑުތައް ފޮރުވުމަށްފަހު މާމެންދޫގައި ހަމަނުޖެހުން!

23 މާރިޗު 2024 - 22:43 1

ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ގޮސް ފޮތި ދެމި ޕޯސްޓަރު: މި މައްސަލައިގައި މާރާމާރީ ހިންގާފައިވޭ -- ފޮޓޯ: ފޭސްބުކް


އެމްޑީޕީ ކެންޑިޑޭޓުގެ ބިލްބޯޑުތައް ފޮރުވުމަށްފަހު މާމެންދޫގައި ހަމަނުޖެހުން!

23 މާރިޗު 2024 - 22:43 1

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކޮލަމާފުށީ ދާއިރާއަށް ވާދަކުރައްވާ ސައްޔާހު ހަލީލްގެ ބައެއް ބިލްބޯޑުތައް ނުފެންނަ ގޮތަށް ގއ. މާމެންދޫގައި ފިޔައިތޮށި ފޮތިން ބިއްގަނޑެއް ޖެހުމަށް ފަހު މިއަދު އެ ރަށުގައި ބޮޑު ހަމަނުޖެހުމެއް ހިންގައިފި އެވެ.

މިކަމެއް ހިނގި ސަރަހައްދުގައި ހުރި މީހަކު "އަދަދު" އަށް ކިޔައިދިން ގޮތުގައި މައްސަލަ ފެށުނީ މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ކޮލަމާފުށީ ދާއިރާއަށް ވާދަކުރާ އިބްރާހިމް ދީދީ (ޑީޑީ)އަށް ތާއީދު ހޯދުމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ސަޕޯޓަރުން މިއަދު ހަވީރު މާމެންދުއަށް ދިޔަ ވަގުތު އެވެ.

"އެމްޑީޕީން ބަނދަރު މަތީގައި ހަރުކޮށްފައި ހުރި 40 ފޫޓުގެ ބޯޑެއް އެއީ ކެންޑިޑޭޓުގެ. [ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން] ގޮސް އޭގައި ވަށައި ފިޔާތޮށި ކުލައިގެ ފޮތި ދެމީ. އެކަމާ ހިތްހަމަ ނުޖެހިފައި ތިއްބާ ނަރީޝް އާއި ސަޕޯޓަރުން ހަވީރު މި ރަށަށް އައީ. އެ ވަގުތު އެމްޑީޕީގެ ސަޕޯޓަރެއް ނަރީޝްއާ ދިމާއަށް ބުނީ [ބިލްބޯޑުތަކުގައި ފޮތި ނުދަމައި] "ފިރިހެން" ވެ ބަލާށޭ،" އޭނާ ބުންޏެވެ.

އެއާއެކު އުފެދުނު ޒުވާބުގައި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދިމާކޮށްލީ، ހުވަދު އަތޮޅުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ރައޫފްއާ ކަމަށް، އެ ސަރަހައްދުގައި އެ ވަގުތު ހުރި މާމެންދޫ ޒުބައިރު އަބްދުﷲ ބުންޏެވެ.

"އެ ގްރޫޕް އައި ގޮތަށް ރައޫފްބެއާ ދިމާކޮށްލައި، ބައެއް މީހުން ރައޫފްބެގެ ގައިގައި ޖަހަންވެސް ޖެހި. ވީޑިއޯތަކުން ވެސް ފެންނާނެ އެކަން." ޒުބައިރު ބުންޏެވެ.

ނަރީޝް ބުނި ގޮތުން ފުރަތަމަ ހަމަލާ ދިނީ އޭނާއަށް ކަމަށާއި އެކަން ކުރީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

ނަމަވެސް އެ ވާހަކަ، އެވަގުތު އެ ސަރަހައްދުގައި ތިބި މަންޒަރު ފެނުނު ބައެއް މީހުން ދޮގު ކުރެ އެވެ.

ހަމަނުޖެހުމާ ގުޅޭ މައްސަލަ ބަލަމުން ދަނީ ނަރީޝް ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން މާމެންދޫން މީހަކު އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށް، ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ޝިފާނު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ހަމަނުޖެހުމުގައި އަނިޔާވި މީހަކު މާމެންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ.

މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސިއްހީ މަރުކަޒުން ފަރުވާ ދިނީ އެމްޑީޕީގެ ސަޕޯޓަރަކަށެވެ.