Advertisement

ވައިކަރަދޫގައި ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލާތީ މުޒާހަރާކޮށްފި

22 މާރިޗު 2024 - 11:43 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ވައިކަރަދޫގައި ރޭ މުޒާހަރާ ކުރަނީ.


ވައިކަރަދޫގައި ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލާތީ މުޒާހަރާކޮށްފި

22 މާރިޗު 2024 - 11:43 0

ހދ. ވައިކަރަދޫ އިންޖީނު ގޭގެ ދެ ޖަނަރޭޓަރު ސެޓެއް ހަލާކުވެ، މުޅި ރަށަށް ފުރިހަމަ އަށް ކަރަންޓު ދޫނުކުރެވޭތާ ހަތަރު ދުވަސް ފާއިތުވެ ދިޔައިރު ވެސް މައްސަލަ ހައްލު ނުވާތީ، އެރަށުގެ ރައްޔިތުންގެ ބަޔަކު ރޭ މުޒާހަރާކޮށްފި އެވެ.

އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގޭ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ބުނަމުން ދިޔައީ ގައިން ތާހިރު ވެވޭނެ ގޮތެއް ނެތް ކަމަށާއި ރަށުގެ ދަނޑުބިންތަކަށް ފެން ވެސް ނުދެވޭ ކަމަށެވެ.

"ވައިކަރަދޫ ރައްޔިތުން މިތިބެ ހަނާވަނީ ކަރަންޓު ނެތި، މިރޭ ގަލޯހާޖާކޮށް އެއްބައި ތާހިރުގެން ނުކުންނަން ޖެހުނީ،" އެ އެއްވުމުގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކަރަންޓު ނެތި ރަށުގެ ރައްޔިތުން އުޅެމުންދާ ހާލަތު ދައްކުވައި ދިނުމަށްޓަކައި، އެ މުޒާހަރާގައި ޒުވާނަކު ބައިވެރިވީ ތުވާއްޔެއް އަނދެގެން ހުރެ، މޫނާއި މުޅި ހަށިގަނޑުގައި ސައިބޯނި އުނގުޅައި ފޮނު އަރުވާފައި ބަހައްޓައިގެންނެވެ.

އެ މީހާ ފެންނަ ވީޑީއޯގައި ވާހަކަ ދައްކަމުން ދިޔަ މީހަކު ބުނީ ފެންވަރަން ވަދެ ތިބި މީހުން އެ ތިބީ ނުކުމެ ކަމަށާއި، ކަރަންޓު ނެތިގެން ފެން ނުވަރާތާ ހަތަރު ދުވަސް ވެއްޖެ ކަމަށެވެ.

ހަތް ސަތޭކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވައިކަރަދޫގައި ކަރަންޓުގެ މައްސަލަ ދިމާވީ ރަށުގައި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ދެ ޖަނަރެޓާރު ސެޓު ހަލާކުވުމުން ކަމަށް، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"މިހާރު ކަރަންޓު ދެމުން ދަނީ 200 ކިލޯވޮޓްގެ ޖަނަރޭޓަރުން އެކަނި. އެހެންވެ، ކަރަންޓު މުޅި ރަށަށް ފުލްކޮށް ނުދެވެނީ،" އޭނާ ބުންޏެވެ.

ހދ. ވައިކަރަދޫ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު ޝަހީދާ ރޭގެ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަނީ.


މި ދުވަސްވަރު އެރަށުގައި ރޯދަ ވިއްލާ ގަޑި އާއި ހާރުކާ ގަޑީގައި ވެސް މުޅި ރަށަށް ކަރަންޓު ނުދެވެ އެވެ. ހާރުކާ ގަޑީގައި ގޭގެއަށް ކަރަންޓު ދޫކުރަނީ ސަރަހައްދުތަކަށް ވަގުތަކެއް ކަނޑަ އަޅައި، ވަކި ތާވަލަކަށެވެ.

"ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި. އާ ޖަނަރޭޓަރު ސެޓެއް ގެންނަ ވާހަކަ ދެއްކިޔަސް އެވެސް ލިބޭނެ ދުވަހެއް ނޭނގޭ. އަދިވެސް ރަށަށް އެ ގެންނަން ދޯންޏަކަށް ނާރުވައިވާ ކަމަށް މައުލޫމާތު ލިބެނީ،" ވައިކަރަދޫން ރޭ ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

މީގެ ދެ ދުވަސް ކުރިން ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން ކުރެވެމުންދާ މަސައްކަތުގައި، އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބެހެއްޓި ހިދުމަތް ދެވޭނެ ކަމަށް ލަފާކުރާ ކަމަށް ފެނަކައިން ބުނެފައިވެ އެވެ. ނަމަވެސް، އަދިވެސް އެ ޖަނަރޭޓަރު ސެޓު އެރަށް ނުގެންދެ އެވެ.