Advertisement

ގައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާއިން އުނިކޮށްފި

22 މާރިޗު 2024 - 10:11 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީޕީއެމްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ގައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާއިން އުނިކޮށްފި

22 މާރިޗު 2024 - 10:11 2

މިދިޔަ އަހަރުގެ އޮކްޓޫބަރު 7، ގައި އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ގާޒާއަށް އަރައިގަނެ ހިންގަން ފެށި ގަތުލުއާއްމާ ގުޅިގެން ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި ފަލަސްތީނުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކުރަމުން އައި ދުއާ ހުކުރު ހުތުބާއިން އުނިކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީގެ ވެބްސައިޓުގެ ހުތުބާ ޕޭޖުން ފެންނަން ހުރި ހުތުބާތަކަށް ބަލާއިރު، ގާޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާ އުނިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 9 ގެ ހުތުބާއިން ފެށިގެންނެވެ.

އެ ދުއާ ހުކުރު ހުތުބާއިން އުނިކުރި ސަބަބެއް އިސްލާމިކް މިނިސްޓަރީން ހާމަކޮށްފައެއް ނުވެ އެވެ.

ގާޒާގައި އިޒްރޭލުން ގަތުލުއާއްމު ހިންގަން ފެށީއްސުރެއް މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ދިޔައީ ގާޒާގައި ނިކަމެތި ކޮށްލެވި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނަށާއި ފަލަސްތީނުގައްޔާއި ދުނިޔޭގެ އެކި ކަންކޮޅުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރަމުންނެވެ.


"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ޣައްޒާގައި ނިކަމެތި ކޮށްލެވި، ހާލުގައި ޖެހިފައިވާ އަޅަމެންގެ މުސްލިމު އަޚުންނަށް ނަސްރު ދެއްވާފާންދޭވެ. އަދި ފަލަސްތީނުގައްޔާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޖިހާދު ކުރަމުންދާ އަޅަމެންގެ މުޖާހިދު އަޚުންނަށް ނަސްރު ދެއްވާންދޭވެ." ފެބްރުއަރީ 9، ގެ ކުރިން ހުކުރު ހުތުބާގައި އަރަބި ބަހުން ކުރާ ދުއާގެ މާނައިގައިވެ އެވެ.

ނަމަވެސް ފެބްރުއަރީ 9 އަކަށް ފަހު ހުކުރު ހުތުބާއަށް ގެނައި ބަދަލުގައި ވަނީ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރާ ބައި އެއްކޮށް އުނިކޮށްފަ އެވެ. އަދި ދުއާއިން ގާޒާގެ ނަން އުނިކޮށް، ޖުމުލަކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާއެއް ގޮތަށް އިބާރާތް ވަނީ ބަދަލުކޮށްފަ އެވެ.

ހުކުރު ހުތުބާގައި ކުރާ ދުއާއަށް އިސްލާމިކް މިނިސްޓަރީން ބަދަލު ގެނައި ސަބަބެއް އިސްލާމިކް މިނިސްޓަރީން ހާމަނުކުރި ނަމަވެސް، ގާޒާގައި ވެރިކަން ކުރަމުން ދަނީ ހަމާސް ޖަމާއަތުންނެވެ. ނަމަވެސް ހުޅަނގާއި އިޒްރޭލު ގަބޫލު ކުރާ ފަލަސްތީނުގައި ވެރިކަން ކުރަނީ މަހުމޫދު އައްބާސްގެ ސަރުކާރުންނެވެ.

ހަމާސްއަކީ އިޒްރޭލާއި ހުޅަނގުގެ ފަލްސަފާއަށް ތާއީދު ކުރާ ގައުމުތަކުން ގަބޫލު ކުރާ ޖަމާއަތެއް ނޫނެވެ. އެ ފަރާތްތަކުން ހަމާސް ޖަމާއަތް ސިފަ ކުރަނީ އެއީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގަ އެވެ. އެ ސަބަބަށްޓަކައި ހަމާސްގެ މުޖާހިދުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާއި އެފަދަ ވާހަކަ ދައްކާ ފަރާތްތަކަކީ ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި ޓެރަރިޒަމްއަށް ވާގިވެރިވާ ފަރާތްތަކެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި ވެސް ހަމާސްއަށް ވާގިވެރިވާ ގޮތަށް ކުރާ ޕޯސްޓުތައް ރިމޫވްކޮށް އެފަދަ ޕޯސްޓުތައް ކުރާ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.